Roadha Mihaaru
ޑީޕޯޓްކުރި ހަނީފުގެ މުއްސަނދި ދިރިއުޅުން!

ޑީޕޯޓްކުރި ހަނީފުގެ މުއްސަނދި ދިރިއުޅުން!

14 ސެޕްޓެމްބަރ 2019

ބިޒްނަސް ކްލާހުގެ ދަތުރުތަކެވެ. ޕްރައިވެޓް ކާރެކެވެ. ރެސްޓޯރަންޓްތަކުގައި ކެއުންތަކެވެ. އެކި މީހުންނާ އެކު ވިޔަފާރީގެ ބައްދަލުވުންތަކެވެ. މިއީ، ރާއްޖެ އިން ރޭ ޑީޕޯޓްކޮށްލި، އަބޫ ހަނީފްގެ ބައެއް ފޮޓޯތަކެވެ. ސޯޝަލް މީޑިއާގައި އާއްމުވެފައިވާ އެ ފޮޓޯތަކުން ފެންނަ ގޮތުގައި އޭނާގެ ދިރިއުޅުމުގެ ފެންވަރު މައްޗެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ބިޒްނަސް ކްލާހުގެ ދަތުރުތަކެވެ. ޕްރައިވެޓް ކާރެކެވެ. ރެސްޓޯރަންޓްތަކުގައި ކެއުންތަކެވެ. އެކި މީހުންނާ އެކު ވިޔަފާރީގެ ބައްދަލުވުންތަކެވެ. މިއީ، ރާއްޖެ އިން ރޭ ޑީޕޯޓްކޮށްލި، އަބޫ ހަނީފްގެ ބައެއް ފޮޓޯތަކެވެ. ސޯޝަލް މީޑިއާގައި އާއްމުވެފައިވާ އެ ފޮޓޯތަކުން ފެންނަ ގޮތުގައި އޭނާގެ ދިރިއުޅުމުގެ ފެންވަރު މައްޗެވެ.

ބަންގްލަދޭޝް އަށް ނިސްބަތްވާ ހަނީފް، ގިނަ ބަޔަކު ސިފަކުރީ "އެންމެ މުއްސަނދި ވަޑީ"ގެ ގޮތުގަ އެވެ.

އިމިގްރޭޝަނުން 2014 ގައި ދޫކުރި ވޯކް ވިސާގައި ވާ ގޮތުން އޭނާ ރާއްޖެ އެތެރެވީ ވަޑިއަކަށެވެ. އެކަމަކު ފުރަން އެއާޕޯޓުގައި ހުއްޓައި އަތުލައިގަނެ، ރޭ ޑީޕޯޓްކޮށްލީ މަނީ ލޯންޑަރިން އާއި އެ ނޫން ވެސް ބޮޑެތި ކުށްތަކުގެ ތުހުމަތުގަ އެވެ.

އިމިގްރޭޝަނުން ބުނިގޮތުގައި، ހަނީފް ޑީޕޯޓްކުރީ ރާއްޖޭގައި ހުރުމަށް ދިން ހުއްދައިގެ ޝަރުތާ ހިލާފުވުމުންނެވެ. އޭނާގެ މައްޗަށް ސޯޝަލް މީޑިއާގައި ކުރާ ތުހުމަތުތައް އިމިގްރޭޝަނުން ދޮގެއް ނުކުރެ އެވެ.

ރާއްޖޭގައި އޭނާ ހިންގި ގަވާއިދާ ޚިލާފު ކަންކަން އެނގޭ ބައެއް މީހުން ތުހުމަތުކުރާ ގޮތުގައި، އޭނާ އަކީ ރާއްޖެ އިން އެންމެ ގިނަ އަދަދަކަށް ޑޮލަރު ބޭރުކުރާ އެކެކެވެ. ގިނަ ވިޔަފާރިތަކެއް ހިންގަ އެވެ.

ސޯޝަލް މީޑިއާގައި ދައުރުވާ ހަނީފްގެ ފޮޓޯއެއް.

ސޯޝަލް މީޑިއާގައި ދައުރުވާ ހަނީފްގެ ފޮޓޯއެއް.

ޓުވިޓާގައި އެކަކު ލިއެފައިވާ ގޮތުގައި، ސްރީ ލަންކާ އާއި ސިންގަޕޫރު ފަދަ ގައުމުތަކުގެ އިސް ބޭފުޅުންނާ، އޭނާއާ ގުޅުން އޮވެ އެވެ. އެ މީހުންގެ ކަޅު ފައިސާ "ދޮވެދިނުމު"ގައި ވެސް ހަނީފް އިސް ރޯލެއް ކުޅެދެ އެވެ.

ހަނީފްއާ ގުޅޭ ގޮތުން މީހަކު ކޮށްފައިވާ ޓުވީޓެއް.

ފިލްމު ޑައިރެކްޓަރު، މުހައްމަދު ނިޔާޒް (ޓެޑްރީ) ކުރި ޓުވީޓެއްގައި ބުނެފައިވާ ގޮތުގައި ރާއްޖެ އައިސް ފުރަތަމަ އޭނާ އުޅުނީ ހަނީފް ސުޖޮންގެ ނަމުގަ އެވެ. އޭނާ މަނީ ލޯންޑަރިން ހިންގަނިކޮށް ހަތަރު ވެރިކަން ބަދަލުވެފައިވާ އިރު ވެސް ފިޔަވަޅު ނާޅާއި މިނިވަންކަމާ އެކު ދޫކޮށްލާފައި ހުރި ކަމުގެ ކަންބޮޑުވުން ޓެޑްރީ ފާޅުކުރި އެވެ.

އެކަމަކު ކުއްލިއަކަށް ޑީޕޯޓް ކުރުމުން މައްސަލަ ހައްލުވީތޯ ވެސް އޭނާ ސުވާލު އުފެއްދި އެވެ.

ޓެޑްރީގެ ޓުވީޓް.

އެހެން މީހަކު ބުނެފައިވާ ގޮތުގައި، ހަނީފަކީ ދަބަސްތަކުގައި ޑޮލަރު ބޭރުކުރާ ބިދޭސީ ނެޓްވޯކުގެ އެކެކެވެ. އޭނާ ކަހަލަ އެތައް ބިދޭސީންނެއް މިނިވަންކަމާ އެކު ރާއްޖޭގައި އުޅެމުންދާ ކަމުގެ ކަންބޮޑުވުން ފާޅުކުރި އެވެ. އެންމެ ބޮޑެތި ކުށްތަކާއި ޖަރީމާތަކުގައި އެ މީހުންގެ ބައިވެރިވުން ބޮޑެވެ.

"އަދި މީގެ ބައިވަރު މީހުން ރާއްޖޭގައި އެބަ އުޅޭ. [މިއީ] ބައެއް ދިވެހިންނާ ގުޅިގެން ހިންގާ ޖަރީމާއެއް،" އެކަކު ލިއެފައިވެ އެވެ.

ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ ވިޔަފާރިތަކުގެ ނަންތައް ވެސް ސޯޝަލް މީޑިއާގައި ވަނީ އާއްމުކޮށްފަ އެވެ. އޭގެތެރޭގައި ގެސްޓު ހައުސްތަކާއި ހޮޓާތަކާއި ފިހާރަތައް ވެސް ހިމެނެ އެވެ. އެ މީހުން އެދިފައި ވަނީ މިތަންތަން ބަލައި ފިޔަވަޅު އަޅައި ދިނުމަށެވެ.

ޑީޕޯޓް ކުރުމަކީ ހައްލު؟

ހަނީފްގެ އިތުރުން، ގަވައިދާ ހިލާފަށް މީހުން ރެކްރޫޓް ކުރުމާއި ހުއްދަ ނެތި ވިޔަފާރި ކުރުމުގައި އުޅުނު ބަންގްލަދޭޝް މީހަކު ވެސް މި ހަފުތާގައި ރާއްޖެ އިން ޑީޕޯޓްކޮށްފައިވެ އެވެ. އެއީ، ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ހޯދަން އިމިގްރޭޝަނުން މިހާރު ހިންގަމުން އަންނަ އޮޕަރޭޝަންގެ ދަށުންނެވެ. ކޮންމެ ވެރިކަމެއްގައި ވެސް މިފަދަ ގިނަ އޮޕަރޭޝަންތައް ހިންގަ އެވެ.

އެކަމަކު މިހާތަނަށް އެ ސީރިއަސް މައްސަލަ އަށް ހައްލެއް ނުލިބެ އެވެ.

ވޯކް ވިސާގައި ރާއްޖެ އެތެރެވެފައިވާ 144،607 މީހުންގެ ތެރެއިން 63،000 މީހުން އުޅެނީ ގަވާއިދާ ހިލާފަށް ކަމަށް އިމިގްރޭޝަނުން ކުރިން ވަނީ ބުނެފަ އެވެ.

އިމިގްރޭޝަން ކޮންޓްރޯލަރު އަހްމަދު ހުސައިން (ހަނަފީ) ރޭ ވިދާޅުވީ ދައްކާ ބިރަކަށް އަދި ނުފޫޒެއްގެ ދަށުނުވެ ބިދޭސީންގެ މައްސަލަ އަށް ހައްލު ހޯއްދަވައި ދެއްވާނެ ކަމަށެވެ. މި ވާހަކަ އަށް ތާއީދު ކުރައްވައި ހިތްވަރު ދިން ބައެއް މީހުންގެ ކަންބޮޑުވުންތަކެއް ވެސް އެބަ ހުއްޓެވެ.

ހަނީފް އެއާޕޯޓުގައި ނަގާފައިވާ ފޮޓޯއެއް.

ހަނީފް އެއާޕޯޓުގައި ނަގާފައިވާ ފޮޓޯއެއް.

އެއް ކަމަކަށް، ރާއްޖޭގައި ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ "ބޮޑުން" އަތުލައިގަނެ ތަހުގީގަކާ ނުލައި ނުވަތަ ފިޔަވަޅު ނާޅައި ފޮނުވާލުމެވެ. އެހެންކަމުން ޑީޕޯޓްކޮށްލުމަކީ ހައްލު ހެއްޔެވެ؟

"ރާއްޖޭގައި ބިދޭސީއަކު ގާނޫނާ ޚިލާފުވިޔަސް ދެވޭ އަދަބެއް ނޯވޭ. ޑީޕޯޓްކުރުމަކީ އަދަބެއް ނޫން. ރާއްޖޭގެ ގާނޫނާ ހިލާފުވެގެން ހޯދިހާ ލާރިއެއް ހިފައިގެން އޭނާގެ ގައުމަށް ގޮސް އުޅޭނެ ގޮތަކަށް އުޅެންވީ. ދިވެއްސެއް ވިއްޔާ ގޮޅިއަށް. މިއީ އެއްވެސް އިންސާފެއް ނޫން،" ހަނީފް ޑީޕޯޓްކުރި ހަބަރަށް "މިހާރު" އަށް މީހަކު ފޮނުވި ކޮމެންޓެއްގައި ވެ އެވެ.

"އަދަބު ދޭ ނަމަ ގާނޫނާ ހިލާފުވާން އެ މީހުން ވެސް ޖެހިލުންވާނެ. ބޭރު ގައުމުތަކުގައި އެބަހުރި އެ ގައުމުތަކަށް މަނީ ލޯންޑާ ކުރަން އުޅުނު މީހުން އެއާޕޯޓުން ހައްޔަރުކޮށް ޖަލަށް ލާފައި. ރާއްޖޭގައި ނަމަ ވަގުތުން ޑީޕޯޓް."

ހަނީފްއާ ގުޅިފައި ހުރި ލިންކްތައް ހޯދައިގެން ނޫނީ ހައްލަކާ ހަމައަށް ނުދެވޭނެ ކަމަށް އެހެން މީހަކު ބުނެފައިވެ އެވެ. އޭނާގެ ވިޔަފާރީގެ އެހެން ހިއްސާދާރެއް ރާއްޖޭގައި އުޅެމުން އަންނަ ކަމަށް ބުނެ އޭނާގެ ފޮޓޯ ވެސް ވަނީ އާއްމުކޮށްފަ އެވެ.

އޭނާއާ ދޭތެރޭ ފިޔަވަޅު އެޅުމެއް ނެތްތޯ ބައެއް މީހުން ސުވާލުކޮށްފައިވެ އެވެ.

އެކަކު، ދެ މީހަކު ފުރުވާލައިގެން ހިތްހަމަޖެހުމެއް ނެތެވެ! ދުވަސްކޮޅެއް ފަހުން އެހެން ނަމެއްގައި އޭނާ އެތެރެ ނުވާނެ ކަމުގެ ޔަގީން ކަމެއް ވެސް ނެތެވެ. އާއްމުންގެ އެދުމަކީ މިފަހަރުގެ އޮޕަރޭޝަންގައި އިމިގްރޭޝަނުން މި ޔަގީންކަމާއި މައްސަލަ ހައްލުކުރާނެ ކަމުގެ އިތުބާރު އުފެއްދުމެވެ.

ހަނީފް ފުރަން އުޅެނިކޮށް ޑީޕޯޓްކުރި ގޮތަށް ފިޔަވަޅު އަޅައިގެން މައްސަލަ ހައްލެއް ނުވާނެ އެވެ. އެއަށް ވުރެ މިއީ ގައުމީ މާ ބޮޑު މައްސަލައެކެވެ.