Roadha Mihaaru
އިމިގްރޭޝަންގައި ޖަރީމާގެ ބޮޑެތި "ގޮށްތަކެއް"!

އިމިގްރޭޝަންގައި ޖަރީމާގެ ބޮޑެތި "ގޮށްތަކެއް"، ވަގު ކޯޓާގެ އަދަދެއް ސާފެއް ނޫން!

17 ޖެނުއަރީ 2019

ރާއްޖޭގައި މަސައްކަތް ކުރާ ބިދޭސީ މަސައްކަތު މީހުންނާ ގުޅޭ ގޮތުން ގަވައިދާ ހިލާފު ގިނަ ކަންތައްތަކެއް ހިނގާފައިވާ ކަމަށް އާ އިމިގްރޭޝަން ކޮންޓްރޯލަރު މުހައްމަދު އަހުމަދު ހުސައިން (ހަނަފީ) މިއަދު ވިދާޅުވެއްޖެ އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

ރާއްޖޭގައި މަސައްކަތް ކުރާ ބިދޭސީ މަސައްކަތު މީހުންނާ ގުޅޭ ގޮތުން ގަވައިދާ ހިލާފު ގިނަ ކަންތައްތަކެއް ހިނގާފައިވާ ކަމަށް އާ އިމިގްރޭޝަން ކޮންޓްރޯލަރު މުހައްމަދު އަހުމަދު ހުސައިން (ހަނަފީ) މިއަދު ވިދާޅުވެއްޖެ އެވެ.

ސަރުކާރު ބަދަލުވެ، ކޮންޓްރޯލަރުގެ މަގާމަށް ހަނަފީ ވަޑައިގެންނެވި ފަހުން ބޭއްވި ފުރަތަމަ ނިއުސް ކޮންފަރެންސްގައި އޭނާ ވިދާޅުވީ، ބިދޭސީން ގެންނަން ގަވައިދާ ހިލާފަށް ގިނަ ކޯޓާތަކެއް ދޫކޮށްފައިވާ ކަމަަށެވެ. އެގޮތުން ކުދި ވިޔަފާރިތަކަށް އެ ވިޔަފާރިތަކާ އެކަށީގެން ނުވާހާ ގިނަ އަދަދުތަކުން މީހުން ގެންނަން ހުއްދަ ދީފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ހަނަފީ ވިދާޅުވި ގޮތުގައި ރާއްޖޭގައި ހިންގާ ބައެއް ޕްރޮޖެކްޓްތަކަށް ގަވާއިދާ ހިލާފަށް 3،700 ކޯޓާ ވެސް ދޫކޮށްފައި ހުރި ކަމަށެވެ.

"ކުދި ކެފޭ ކަހަލަ ތަންތަނަށް ވެސް 100 ކޯޓާ ވަނީ ދޫކުރެވިފައި. ގެސްޓްހައުސްތަކަށް ވެސް 80 ކޯޓާ،" މިދިޔަ ޑިސެމްބަރު 23 ގައި މަގާމަށް އައްޔަން ކުރެއްވި އާ ކޮންޓްރޯލަރު ހަނަފީ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި "އުސޫލެއް އޮތް ކަމަށް ވިޔަސް އުސޫލަށް ބެލުމެއް ނެތި މިކަންކަން ވަނީ ހިނގާފަ" އެވެ.

ކުރީ ސަރުކާރުގައި އިމިގްރޭޝަންގެ ކަންކަން އެކަށީގެންވާ ގޮތަށް ކޮށްފައި ނުވާ ކަމަށް ވިދާޅުވެ އޭނާ ފާޑު ވެސް ކިއުއްވި އެވެ.

އެކަމަކު ނޫސްވެރިންގެ މި ބައްދަލުވުމުގައި އިމިގްރޭޝަނަށް ސީދަލަށް ބުނަން ނުކެރުނު އެއް ކަމެއް އޮތެވެ: އިމިގްރޭޝަންގެ ތެރެއިން ގަވާއިދާ ހިލާފަށް ކޯޓާ ހޯދައިގެން ވަގަށް އެތެރެކޮށްފައިވާ ބިދޭސީންގެ އަދަދެވެ.

އަދަަދުތަކާ މެދު ވާހަކަ ދައްކަވަމުން ހަނަފީ ވިދާޅުވީ ވޯކް ވިސާގައި 144،607 މީހުން ރާއްޖެ އެތެރެވެފައިވާ ކަމަށެވެ. އެކަމަކު އޭގެ ތެރެއިން 63،000 މީހުން އުޅެނީ ގަވާއިދާ ހިލާފަށް ކަމަށް ވިދާޅުވި އެވެ.

އާ އިމިގްރޭޝަން ކޮންޓްރޯލަރު މުހައްމަދު އަހުމަދު ހުސައިން މިއަދު ނޫސްވެރިންނާ ވާހަކަ ދައްކަވަނީ.---ފޮޓޯ: އަހުމަދު ނިޝާތު/މިހާރު

އާ އިމިގްރޭޝަން ކޮންޓްރޯލަރު މުހައްމަދު އަހުމަދު ހުސައިން މިއަދު ނޫސްވެރިންނާ ވާހަކަ ދައްކަވަނީ.---ފޮޓޯ: އަހުމަދު ނިޝާތު/މިހާރު

އެހެންކަމުން އެއީ ގަވާއިދުން ރާއްޖެ އެތެރެވެ، އެމީހުން ގެނައި ފަރާތްތަކަށް ފިލައިގެން ނުވަތަ އެނޫން ވެސް ގޮތްގޮތުން ވޯކު ވިސާއާ ހިލާފުވެގެން އުޅޭ މީހުން ކަމަށް ބެލިދާނެ އެވެ. އެކަމަކު އިމިގްރޭޝަންގެ ބައެއް އޮފިޝަލުން، ނޫސްވެރިންގެ ބައްދަލުވުމުގެ ފަހުން ވަކިން ވާހަކަ ދައްކަވަމުން ވިދާޅުވި ގޮތުގައި 63،000 އަކީ ގަވާއިދާ ހިލާފަށް ކޯޓާ ހޯދައިގެން އެތެރެކޮށް، ގަވާއިދާ ހިލާފަށް އުޅެމުން ދާ މީހުންނެވެ. އެއީ ހަގީގަތަކަށް ވެއްޖެ ނަމަ ރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީންގެ އަދަދު 200،000 އަށް އަރާނެ އެވެ.

އެކަމަކު އާ ކޮންޓްރޯލަރުގެ ފުރަތަމަ ޕްރެސް ކޮންފަރެންސަށް އިމިގްރޭޝަންގެ ވެރިން އެރުއްވި އިރު، ގަވާއިދާ ހިލާފަށް ކޯޓާ ދޫކޮށްގެން ރާއްޖެ އެތެރެވެފައިވާ ބިދޭސީންގެ ލަފާކުރާ އަދަދެއް ހާމައެއްނުކުރެ އެވެ. އެހެންކަމުން 63،000 އަކީ ގަވާއިދާ ހިލާފަށް އިމިގްރޭޝަންގެ ތެރެއިން ކޯޓާ ހޯދައިގެން އެތެރެކޮށްފައިވާ ބައެއް ކަމެއް ނުވަތަ ރަނގަޅު ކޯޓާގައި ލިބޭ ވޯކް ވިސާގައި އެތެރެވެ، ފަހުން ގަވާއިދާ ހިލާފަށް އުޅޭ ބައެއްކަން ޔަގީނެއް ނޫނެވެ.

ނުގަވައިދުން ގިނަ އަދަދެއްގެ ކޯޓާ ދޫކޮށްފައިވާ ކަމަށް ކޮންޓްރޯލަރު ވިދާޅުވުމުން، އެގޮތަށް ދޫކޮށްފައިވާ ކޯޓާގެ ޖުމްލަ އަދަދު ހޯދަން ކުރި ސުވާލަށް އޭނާ ވެސް އަދި ނޫސްކޮންފަރެންސްގައި ބައިވެރިވެވަޑައިގެންނެވި އެހެން ބޭފުޅަކު ވެސް ސީދާ ޖަވާބެއް ނުދެއްވަ އެވެ. ވަގު ކޯޓާގެ އަދަދު ގާތްގަނޑަކަށް ކިހާވަރެއް ވާނެތޯ "މިހާރު"ން ދެންނެވުމުން ހަނަފީ ވިދާޅުވީ "އިމިގްރޭޝަންގައި ގޮށްތަކެއް ޖެހިފައިވާ" ކަމަށާއި "އެ ގޮށްތައް ފިލުވައި މައްސަލަތައް ބަލަމުން އަންނަ" ކަމަށެވެ.

"ވަރަށް ގިނަ ގޮށްތަކެއް ޖެހިފައި މިހިރީ އިމިގްރޭޝަންގައި. އެއީ ހަގީގަތް އިނގޭތޯ،" އޭނާ ވިދާޅުވި އެވެ.

ހަނަފީ ވިދާޅުވީ އާ މައުލޫމާތު ލިބޭ ވަރަކުން މީޑިއާއާ ހިއްސާކުރައްވަމުން ގެންދަވާނެ ކަމަށެވެ. އެ ހުރިހާ މައުލޫމާތެއް އެނަލައިޒް ކުރުމަށް ފަހު އަލުން ޕްރެސް ކޮންފަރެންސެއް ބާއްވާނެ ކަމަށް ވެސް ވިދާޅުވި އެވެ.

އިމިގްރޭޝަންގެ ތެރޭގައި ތިބި ޒިންމާވާން ޖެހޭ ފަރާތްތައް ހޯދައި ފިޔަވަޅު އަޅުއްވާނަންތޯ ދެންނެވުމުން ހަނަފީ ވިދާޅުވީ މައްސަލަަ ބަލާ ކޮމިޓީއެއް ހަދައިގެން އެ މައްސަލަތައް ބަލަމުން އަންނަ ކަމަށެވެ. އަދި މައްސަލަތައް ފާހަގަކޮށް، ޝަކުވާ ހުށަހަޅަން އާއްމުންނަށް ވެސް އޭނާ އިިލްތިމާސް ކުރެއްވި އެވެ.