Roadha Mihaaru
އަސަދުﷲގެ ހެޓްރިކުން މާޒިޔާ އަށް ބޮޑު ލީޑެއް

އަސަދުﷲގެ ހެޓްރިކުން މާޒިޔާ އަށް ބޮޑު ލީޑެއް

20 ސެޕްޓެމްބަރ 2016

އަސަދުﷲ އަބްދުﷲގެ ހެޓްރިކާ އެކު މިރޭ ވިކްޓަރީ އަތުން 5-1 އިން މޮޅުވެ އުރީދޫ ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނައިގައި މާޒިޔާ އިން އަށް ޕޮއިންޓުގެ ލީޑެއް ނަގައިފި އެވެ.

މުހައްމަދު ހަމްދޫން މުހައްމަދު ހަމްދޫން

އަސަދުﷲ އަބްދުﷲގެ ހެޓްރިކާ އެކު މިރޭ ވިކްޓަރީ އަތުން 5-1 އިން މޮޅުވެ އުރީދޫ ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނައިގައި މާޒިޔާ އިން އަށް ޕޮއިންޓުގެ ލީޑެއް ނަގައިފި އެވެ.

ދެ ވަނައިގައި އޮތް ކްލަބް އީގަލްސް އަށް އިއްޔެ ޔުނައިޓެޑް ވިކްޓަރީ އަތުން މޮޅުނުވެވުމުގެ ފައިދާ ނަގައި، މާޒިޔާ އިން ތަފާތު ބޮޑުކުރީ 40 ޕޮއިންޓާ އެކު އެވެ. އީގަލްސް ދެ ވަނައިގައި އޮތީ 32 ޕޮއިންޓާ އެކު އެވެ. ލީގުގައި ބާކީ ކޮންމެ ޓީމަކަށް ހަތަރު މެޗު އޮތްއިރު މާޒިޔާ މިވަނީ، ފުރަތަމަ ފަހަރަށް ލީގު ޗެމްޕިއަންކަން ހޯދުމާ ގާތަށް ޖެހިފަ އެވެ. ތިން ވަނައިގައި އޮތް ޓީސީ ސްޕޯޓްސް ކްލަބަށް ލިބިފައިވަނީ 30 ޕޮއިންޓެވެ.

މިރޭ ބަލިވުމުން ވިކްޓަރީ އަށް ވަނީ ގަދަ ހަޔަކަށް އަރަން އިތުރު މަސައްކަތެއް ކުރަން ޖެހިފަ އެވެ. އެ ޓީމު 13 ޕޮއިންޓާ އެކު ހަތް ވަނައިގައި އޮތްއިރު ހަ ވަނައިގައި އޮތް ނިއު ރޭޑިއަންޓް ވަނީ މިއަދު ވެލެންސިއާ އަތުން މޮޅުވެ 19 ޕޮއިންޓް ހަމަކޮށްފަ އެވެ.

މިރޭގެ މެޗުގައި މާޒިޔާ އަށް ލީޑު ނަގައިދިނީ 24 ވަނަ މިނެޓުގައި އަސަދުﷲ އެވެ. ހަނި ލީޑަކާ އެކު މާޒިޔާ ފުރަތަމަ ހާފު ނިންމާލިއިރު އެ ޓީމުގެ ދެ ވަނަ ލަނޑު 54 ވަނަ މިނެޓުގައި ޖެހީ އަލީ އަޝްފާގް (ދަގަނޑޭ) އެވެ. މިއީ އޭނާ ކެރިއަރުގައި ޖެހި 400 ވަނަ ގޯލެވެ.

މާޒިޔާގެ ތިން ވަނަ ލަނޑު 61 ވަނަ މިނެޓުގައި އަސަދުﷲ ޖެހިއިރު އޭނާ ހެޓްރިކް ފުރިހަމަކުރީ 80 ވަނަ މިނެޓުގަ އެވެ. މިދިޔަ ދެ އަހަރު ރާއްޖޭގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދި އަސަދުﷲ ވަނީ މި މަހު ކުރީކޮޅު ގައުމީ ޖާޒީގައި ބަންގްލަދޭޝް ކޮޅަށް ވެސް ހެޓްރިކެއް ހަދައިފަ އެވެ. މާޒިޔާގެ ފަސް ވަނަ ލަނޑު 82 ވަނަ މިނެޓުގައި ޖެހީ އަހުމަދު ރަޝީދު (އައްމަޑޭ) އެވެ. ވިކްޓަރީގެ ސުން ކަނޑުވާލަދިނީ އިތުރު ވަގުތުގެ ތެރޭގައި އަހުމަދު ހަސަން އެވެ.