Roadha Mihaaru
އެނބުރި އަންނާނީ ކުރިއަށް ވުރެ ވަރުގަދަކޮށް: އަސަދުﷲ

އޮޕަރޭޝަނަށް ފަހު އަސަދުﷲ: "އެނބުރި އަންނާނީ ކުރިއަށް ވުރެ ވަރުގަދަކޮށް"

28 ސެޕްޓެމްބަރ 2017

ކަކުލަށް ލިބުނު ބޮޑު އަނިޔާ އަށް ފަރުވާ ހޯދަން މާޒިޔާ އާއި ގައުމީ ފުޓްބޯޅަ ޓީމުގެ ފޯވާޑް އަސަދުﷲ އަބްދުﷲ ވަނީ އަންގާރަ ދުވަހު އޮޕަރޭޝަން ކޮށްފަ އެވެ. އަނިޔާއާ އެކު އަސަދުﷲގެ ސީޒަން ނިމިފައިވާއިރު، އޭނާ އަށް ކުޅުމަށް އެނބުރި އާދެވޭނެ ތާރީހެއް ސީދާ ބުނަން ނޭނގެ އެވެ. އެކަމަކު އަސަދުﷲ ބުނީ އެނބުރި އަންނާނީ ކުރިއަށް ވުރެ ވަރުގަދަ ކޮށް ކަމަށެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

ކަކުލަށް ލިބުނު ބޮޑު އަނިޔާ އަށް ފަރުވާ ހޯދަން މާޒިޔާ އާއި ގައުމީ ފުޓްބޯޅަ ޓީމުގެ ފޯވާޑް އަސަދުﷲ އަބްދުﷲ ވަނީ އަންގާރަ ދުވަހު އޮޕަރޭޝަން ކޮށްފަ އެވެ. އަނިޔާއާ އެކު އަސަދުﷲގެ ސީޒަން ނިމިފައިވާއިރު، އޭނާ އަށް ކުޅުމަށް އެނބުރި އާދެވޭނެ ތާރީހެއް ސީދާ ބުނަން ނޭނގެ އެވެ. އެކަމަކު އަސަދުﷲ ބުނީ އެނބުރި އަންނާނީ ކުރިއަށް ވުރެ ވަރުގަދަ ކޮށް ކަމަށެވެ.

އަސަދުﷲ ގެ ވާތު ކަކުލަށް ހާނިއްކަވީ މިދިޔަ މަހުގެ 19 ވަނަ ދުވަހުގެރޭ އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި ށ. މިލަންދޫ އަތުން 1-0 އިން މާޒިޔާ މޮޅުވި މެޗުގަ އެވެ. ލިބުނު އަނިޔާގެ ތަފްސީލެއް ހޯދުމަށް އަސަދުﷲގެ ޓެސްޓްތަކެއް މާލެ އާއި ސްރީލަންކާގައި ވެސް ހެދި އެވެ. އެ އަށް ފަހު އެނގުނީ އޮޕަރޭޝަން ކުރަން ޖެހޭނެ ކަމެވެ.

އަސަދުﷲގެ ވާތު ކަކުލުގެ މެނިސްކަސް އާއި ލިގަމެންޓްގެ ސާޖަރީ ހެދީ އިންޑިއާގެ ކޮއިމްބަތޫރުގެ އޯރުތޯ-ވަން އޮރުތޮޕެޑިކް ސްޕެޝިއަލްޓީ ސެންޓަރުގައި އަންގާރަ ދުވަހު އެވެ. އާންމުކޮށް މިފަދަ އަނިޔާތަކުން އެއްކޮށް ރިކަވާވެ އަލުން ކުޅުމަށް އެނބުރި އައުމަށް ހައެއް ނުވަތަ ހަތް މަސް ވަރު ނަގަ އެވެ.

"އޮޕަރޭޝަން ކާމިޔާބު އިރާދަކުރެއްވިއްޔާ. ކުޅެން ނުކުމެވޭނެ ދުވަހެއް ނޭނގެ. މި ސީޒަނުގައި ދެން ނުކުޅެވޭނެ. ކުރިއަށް ވުރެ ވަރުގަދަކޮށް އެނބުރި އަންނާނަން. އިންޝާﷲ،" އަސަދުﷲ "މިހާރަ"ށް ބުންޏެވެ.

މިލަންދޫ މެޗުގައި އަނިޔާވެގެން އަސަދުﷲ އަށިގަނޑަށް ލައިގެން ބައިވެރިވަނީ.-- ފޮޓޯ: މާޒިޔާ

މިލަންދޫ މެޗުގައި އަނިޔާވެގެން އަސަދުﷲ އަށިގަނޑަށް ލައިގެން ބައިވެރިވަނީ.-- ފޮޓޯ: މާޒިޔާ

އަސަދުﷲ ގެއްލުމަކީ މާޒިޔާ އަދި ގައުމީ ޓީމަށް ވެސް ލިބޭނެ ގެއްލުމެކެވެ. މާޒިޔާގެ ކޯޗު މެސެޑޯނިއާގެ މަރްޔާން ސެކުލޮސްކީ ބުނީ އަސަދުﷲ ނެތްތަން އެ ޓީމުން ދައްކާނެ ކަމަށާއި އެހެން ނަމަވެސް އަނިޔާ އަކީ ކޮންމެ ކުޅުންތެރިއަކަށް ވެސް ކުރިމަތިވެދާނެ ކަމެއް ކަމަށާއި އެކަމަށް ކޮންމެ ޓީމަކުން ތައްޔާރުވާން ޖެހޭނެ ކަމަށެވެ.

ސެކުލޮސްކީ ވަނީ އަސަދުﷲއާ އެކުގައި މާޒިޔާ އާއި އެ ޓީމުގެ ކުޅުންތެރިން ތިބި ކަމަށް ބުނެފަ އެވެ. އަދި އޮޕަރޭޝަނަކީ ޗެލެންޖެއްގެ ގޮތުގައި ނަގައިގެން ކުޅުމަށް އެނބުރި އައިސް ތަފާތު މޮޅު ކުޅުމެއް ދެއްކުމަށް ހިތްވަރު ދީފަ އެވެ.

އޯލްޔޫތުލިންކްއޭޖް (އޭވައިއެލް) އިން ފުރަތަމަ ޑިވިޝަނަށް ތައާރަފްވި އދ. މަހިބަދޫ އަށް އުފަން އަސަދުﷲ ވަނީ މީގެ ކުރިން ކްލަބް ވެލެންސިއާ އަށް ވެސް ކުޅެފަ އެވެ. ފާއިތުވި ފަސް އަހަރު މާޒިޔާގެ އެޓޭކުގައި އެންމެ މުހިއްމު ދައުރެއް އަދާކޮށް އެ ޓީމު ހޯދި ގިނަ ކާމިޔާބީތަކުގައި އަސަދުﷲގެ ދައުރު ބޮޑެވެ. މާޒިޔާ އަށް ސަތޭކަ އަށް ވުރެ ގިނަ ލަނޑު ޖެހިއިރު، އަސަދުﷲ ވަނީ ރާއްޖޭގެ މޮޅު ކުޅުންތެރިއާގެ މަގާމާއި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިއާ އަށްދޭ ރަން ބޫޓު ދެ ފަހަރު ހޯދައިފަ އެވެ.