Roadha Mihaaru
ދަރުމަވަންތަ ސްކޫލުގެ އެންމެ މޮޅު ދަރިވަރަކަށް ރިފްހާން

ދަރުމަވަންތަ ސްކޫލުގެ އެންމެ މޮޅު ދަރިވަރަކަށް ރިފްހާން

21 ސެޕްޓެމްބަރ 2016

ދަރުމަވަންތަ ސްކޫލުގެ މިދިޔަ އަހަރުގެ އެންމެ މޮޅު ދަރިވަރަކަށް އަހުމަދު ރިފްހާން ރަޝީދު ރޭ ހޮވައިފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ދަރުމަވަންތަ ސްކޫލުގެ މިދިޔަ އަހަރުގެ އެންމެ މޮޅު ދަރިވަރަކަށް އަހުމަދު ރިފްހާން ރަޝީދު ރޭ ހޮވައިފި އެވެ.

މިދިޔަ އަހަރު ދަރުމަވަންތަ ސްކޫލުގެ ޑެޕިއުޓީ ކެޕްޓަންކަން ވެސް އަދާކުރި ރިފްހާން ވަނީ އޯ ލެވެލްއިން ރާއްޖޭގެ ގައުމީ ގަދަ 10 ގެ ދެ ވަނަ ހޯދައިފަ އެވެ.

ދަރުބާރުގޭގައ ރޭ ބޭއްވި ދަރުމަވަންތަ ސްކޫލުގެ މިދިޔަ އަހަރުގެ އިނާމު ދިނުމުގެ ހަފުލާގައި ރިފްހާނަށް އިނާމު ހަވާލުކޮށްދެއްވީ އެސްޓީއޯގެ ޗެއާމަން އަހުމަދު ނިޔާޒެވެ.

ދަރުމަވަންތަ ސްކޫލުން މިދިޔަ އަހަރު ދެ ވަނަ މަގާމު ހޯދީ އިބްރާހިމްް ޝާދިން މުހައްމަދު ރަޝީދެވެ. އޭނާ ވަނީ ރާއްޖޭގެ ގަދަ 10 ގެ އެއް ވަނަ ހޯދައިފަ އެވެ. ތިން ވަނަ ލިބުނީ އޯ ލެވެލް އިމްތިހާނުން ރާއްޖޭގެ ގަދަ 10 ގެ ހަތަރު ވަނަ ހޯދި ފާރިހު މުހައްމަދު ވަހީދަށެވެ.

ދަރުމަވަންތަ ސްކޫލުގެ އިނާމު ދިނުމުގެ ޖަލްސާގައި ބައިވެރިވި ބައެއް ބޭފުޅުން.-- ފޮޓޯ: އެޑިއުކޭޝަން މިނިސްޓްރީ

ދަރުމަވަންތަ ސްކޫލުގެ އިނާމު ދިނުމުގެ ޖަލްސާގައި ބައިވެރިވި ބައެއް ބޭފުޅުން.-- ފޮޓޯ: އެޑިއުކޭޝަން މިނިސްޓްރީ

ރޭގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ދަރުމަވަންތަ ސްކޫލުގެ ޕްރިންސިޕަލް އަބްދުﷲ ދީދީ ވިދާޅުވީ ތައުލީމީ ސިޔާސަތުގެ ތެރެއިން އެއްވެސް ކުއްޖަކު ބާކީ ނުކުރުމަކީ އެންމެ މުހިއްމު އެއް ސިޔާސަތު ކަމަށާއި އޭގެ ސަބަބުން ބަދަލުތަކެއް ގެނެސްފައިވާ ކަމަށެވެ. އަދި ދަރުމަވަންތަ ސްކޫލުގައި ހިންގާ ދަސްވާރާއި ބީޓެކް ޕްރޮގްރާމް ވަރަށް ކާމިޔާބު ކަމަށް އޭނާ ވިދާޅުވި އެވެ.

ދަރުމަވަންތައިގެ އެއްވަނަ ދަރިވަރު ރިފްހާން "މިހާރު" އާ ވާހަކަ ދައްކަމުން ބުނީ ނަތީޖާ ރަނގަޅުކުރަން އިމްތިހާނަށް ދުރާލައި ތައްޔާރުވުމަކީ ވަރަށް މުހިއްމު ކަމެއް ކަމަށެވެ. އަދި ކްލާހުގައި ކިޔަވައިދޭ ފިލާވަޅުތައް ރަނގަޅަށް އަޑުއަހައި އަމިއްލައަށް އެ އެއްޗެހިތައް ދަސްކުރުމަކީ ނަތީޖާ ރަނގަޅުކުރަން ބޭނުންވާ ދަރިވަރަކު ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށް އޭނާ ބުންޏެވެ.

"ހަފުތާތައް ބަހާލައިގެން ވަކިވަކި ފިލާވަޅުތައް އަޅުގަނޑު ދަސްކުރީ. އެހެން ދަސްކުރީމަ އެ ފިލާވަޅެއް ވަރަށް ރަނގަޅަށް ދަސްކުރެވޭ،" އޭވިއޭޝަންގެ ދާއިރާއިން ކުރިއަށްދާން ޝައުގުވެރިކަން ހުރި ރިފްހާން ބުންޏެވެ.

ދަރުމަވަންތަ ސްކޫލުން މިދިޔަ އަހަރު ތިން ވަނަ ހޯދި ފާރިހު އަށް، އެސްޓީއޯގެ ޗެއާމަން ނިޔާޒު (ވ) ރޭ އިނާމު ހަވާލުކޮށްދެއްވަނީ.-- ފޮޓޯ: އެޑިއުކޭޝަން މިނިސްޓްރީ

ދަރުމަވަންތަ ސްކޫލުން މިދިޔަ އަހަރު ތިން ވަނަ ހޯދި ފާރިހު އަށް، އެސްޓީއޯގެ ޗެއާމަން ނިޔާޒު (ވ) ރޭ އިނާމު ހަވާލުކޮށްދެއްވަނީ.-- ފޮޓޯ: އެޑިއުކޭޝަން މިނިސްޓްރީ

އޭނާ ބުނީ ޅައުމުރުގައި ބައްޕަ ނިޔާވި ދުވަހު ދިން ނަސީހަތަކީ ކާމިޔާބީގެ ސިއްރެވެ. އަދި ރޭގެ ހަފުލާގައި ރިފްހާން ވަނީ އެ ކާމިޔާބީތައް، އޭނާގެ ހުރިހާ ކަމެއް ބަލަހައްޓައިދިން މަންމައަށް ހަދިޔާކޮށްފަ އެވެ.

ދަރުމަވަންތަ ސްކޫލުން މިދިޔަ އަހަރު 106 ދަރިވަރަކު އޯ ލެވެލް އިމްތިހާނު ހެދި އެވެ. އޭގެ ތެރެއިން 13 ދަރިވަރަކު ވަނީ ގައުމީ ގަދަ 10ގައި ހިމެނިފަ އެވެ. ހުރިހާ މާއްދާއަކުން ފާސްވި ދަރިވަރުންގެ އަދަދު އުޅެނީ 35ގަ އެވެ. އަދި 70 ދަރިވަރުން ވަނީ ފަސް މާއްދާއިން ފާސްވެފަ އެވެ.