Roadha Mihaaru
ކުޅަނދުރާ ހެދި އެއާ އިންޑިއާގެ ބޯޓެއް ޑިލޭވެއްޖެ

ކުޅަނދުރާ ހެދި އެއާ އިންޑިއާގެ ބޯޓެއް ޑިލޭވެއްޖެ

16 ސެޕްޓެމްބަރ 2019

ނިއު ދިއްލީ (ސެޕްޓެމްބަރު 16) - އިންޑިއާގެ ގައުމީ އެއާލައިން އެއާ އިންޑިއާގެ މަތިންދާ ބޯޓެއްގެ ކޮކްޕިޓް ވިންޑޯގައި އެތައް ބައިވަރު ކުޅަނދުރެއް ޖެއްސުމުގެ ސަބަބުން ބޯޓު ފުރުން އެތައް ގަޑިއިރަކަށް އިއްޔެ ލަސްކުރަން ޖެހިއްޖެ އެވެ.

ހަސަން އާމިރު ހަސަން އާމިރު

ނިއު ދިއްލީ (ސެޕްޓެމްބަރު 16) - އިންޑިއާގެ ގައުމީ އެއާލައިން އެއާ އިންޑިއާގެ މަތިންދާ ބޯޓެއްގެ ކޮކްޕިޓް ވިންޑޯގައި އެތައް ބައިވަރު ކުޅަނދުރެއް ޖެއްސުމުގެ ސަބަބުން ބޯޓު ފުރުން އެތައް ގަޑިއިރަކަށް އިއްޔެ ލަސްކުރަން ޖެހިއްޖެ އެވެ.

ވެރިރަށް ނިއު ދިއްލީން އިރުމަތީގެ ކޮލްކަތާ އަށް 136 ޕަސިންޖަރުންނާ އެކު ބޯޓު ފުރަން ތައްޔާރުވެފައި ވަނިކޮށް ކުޅަނދުރު ބައިގަނޑެއް ވިންޑޯގައި ޖެއްސުމުން ގްރައުންޑް ސްޓާފުން ވަނީ ކުޅަނދުރު ފައްސަން މަސައްކަތް ކޮށްފަ އެވެ. އެންމެ ފަހުން ގްރައުންޑް ސްޓާފުންގެ ގައިގައި ވެސް ކުޅަނދުރު ވަނީ ހަފައިފަ އެވެ. ބޯޓުގައި ޕަސިންޖަރުންގެ ތެރޭގައި ބަންގްލަދޭޝްގެ އިންފޮމޭޝަން މިނިސްޓަރު ވެސް އިންނެވި އެވެ.

ކުޅަނދުރުތައް ފައްސާލަން ވިންޑްސްކްރީން ވައިޕާ ބޭނުންކޮށް، ނާކާމިޔާބުވުމުން "ޕްލޭން ބީ" އަކަށް ދާން ޖެހުނެވެ. ކުޅަނދުރުތައް އެންމެ ފަހުން ފައްސާލީ ފެން ޖަހައިގެންނެވެ.

އެއާޕޯޓް އޮފިޝަލެއް ކަމަށްވާ ކައުޝިކް ބަޗަރަޔާ ވިދާޅުވީ ކުޅަނދުރުން ސަލާމަތްވީ ފަޔާ ވެހިކަލް ގެނެސް ފެން ސްޕްރޭ ކޮށްގެން ކަމަށެވެ. ފްލައިޓަށް ފުރުނީ ތިންގަޑިއިރާއި ބަޔަށް ވުރެ ވެސް ލަސްވި ފަހުންނެވެ.