Roadha Mihaaru
ޝިހާބުގެ މަރުގެ ދައުވާ އިން ދެ މީހަކު ސަލާމަތްވެއްޖެ

ޝިހާބުގެ މަރުގެ މައްސަލާގައި އަލުން ޝަރީއަތް ހިންގި ދެ މީހުންގެ މައްޗަށް ކުށް ސާބިތެއް ނުވި

17 ސެޕްޓެމްބަރ 2019

ގއ. މާމެންދޫގައި މީގެ 12 އަހަރު ކުރިން ގްރޫޕަކުން ހަމަލާދީ މަރައިލި މުހައްމަދު ޝިހާބުގެ މަރުގެ މައްސަލާގައި މަރަން ހުކުމް ކޮށްފައި ވަނިކޮށް މައްސަލަ އަލުން ބަލަން ހައި ކޯޓުން އެންގި ދެ މީހުންގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ގއ. މާމެންދޫގައި މީގެ 12 އަހަރު ކުރިން ގްރޫޕަކުން ހަމަލާދީ މަރައިލި މުހައްމަދު ޝިހާބުގެ މަރުގެ މައްސަލާގައި މަރަން ހުކުމް ކޮށްފައި ވަނިކޮށް މައްސަލަ އަލުން ބަލަން ހައި ކޯޓުން އެންގި ދެ މީހުންގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ.

ގއ. ވިލިނގިލީ ކަނޑުއޮޅި ޝިހާބް މަރާލާފައި ވަނީ ޖުލައި 2006 ގައި އޭނާ މާމެންދު އަށް ގޮސް އުޅެނިކޮށް އެ ރަށު ބަޔަކު ލަކުޑި ބުރި ފަދަ ތަކެތިން ހަމަލާ ދިނުމުގެ ސަބަބުންނެވެ. އެ މައްސަލާގައި ހަތަރު މީހަކު މަރަން 2008 ވަނަ އަހަރު އޭރުގެ ޖިނާއީ ކޯޓުން ހުކުމް ކުރިޔަސް، އެ ހުކުމްތައް ހައި ކޯޓުން ފަހުން ވަނީ ބާތިލްކޮށްފަ އެވެ.

އޭގެ ތެރެއިން މާމެންދޫ ޕިންކްލައިޓް، މުހައްމަދު ޝިފްރާޒާއި އެ ރަށު މާސް، އަލީ މަސްއޫދު ސައީދުގެ މައްސަލަ އަލުން ބަލަން ހައި ކޯޓުން މިދިޔަ އޭޕްރީލް މަހު އޮތީ އަމުރުކޮށްފަ އެވެ.

އެ ދެ މީހުންގެ މައްސަލަ އަލުން ބެލުމަށް ފަހު، މިދިޔަ ހަފުތާގައި ކްރިމިނަލް ކޯޓުން ކުރި ހުކުމުގައި ވަނީ އެ ދެ މީހުން ޝިހާބަށް ހަމަލާދިން މަންޒަރު ފެނުނު ކަމަށް ބުނާ ހެކިންގެ ހެކިބަހުގައި ބޮޑެތި ފުށުއެރުންތަކެއް ހުރި ކަމަށާއި އަދި ބައެއް ހެކިންގެ ހެކިބަހުގައި ސުވާލު އުފެދޭ ކަންތައްތަކެއް ހުރި ކަމަށެވެ. އަދި ދަށު ކޯޓުގައި ފުރަތަމަ އެ މައްސަލަ ކުރިއަށް ގެންދިޔައިރު ބައެއް ހެކިންނާ ސުވާލު ކުރުމުގެ ފުރުސަތު ދައުވާ ލިބޭ މީހުންނަށް ދީފައި ނުވާ ކަމަށް ހައި ކޯޓުގެ ހުކުމުގައި އޮތްއިރު، އެ ހެކިން އަލުން ހާޒިރު ކުރަން ދައުލަތުން އެދިފައި ނެތް ކަމަށް ވެސް ހުކުމުގައި ވެ އެވެ.

މީގެ އިތުރުން، އެ މައްސަލާގައި މަރަން ހުކުމްކުރި އެހެން މީހެއްގެ މައްސަލާގައި ހެކިންގެ ހެކިބަހަށް ރިއާޔަތްކޮށް، އަލުން ބަލަން އަމުރު ކުރުމެއް ނެތި އޭނާގެ ހުކުމް ހައި ކޯޓުން ބާތިލް ކޮށްފައިވާ ކަން ވެސް އެ ހުކުމުގައި ފާހަގަ ކޮށްފައިވެ އެވެ.

ޝިހާބަށް ލިބުނު އަނިޔާތަކަށް ފަހު، އޭނާ އަށް ފަރުވާ ދެވެން ނެެތިގެން ތިން ރަށަކަށް ގެންގޮސްފައިވާ ކަމަށާއި އަދި އޭނާ އަށް ފަރުވާ ދިނުމުގައި ވެސް އެކަށީގެންވާ މިންވަރަށް ވުރެ ލަސްތަކެއް ވެފައިވާ ކަމަށް ހުކުމުގައިވެ އެވެ. އޭނާ މަރުވުމުން އައިޖީއެމްއެޗުން ތައްޔާރުކުރި ރިޕޯޓަކީ ވެސް އެ ކަމާބެހޭ ފަންނީ ތަޖުރިބާކާރަކު ތައްޔާރުކުރި ރިޕޯޓެއް ކަން އެނގެން ނެތް ކަމަށް ވެސް އެ ހުކުމުގައިވެ އެވެ.

އެކަންކަން ފާހަގަކޮށް، އެ ހުކުމުގައި ވަނީ ހެކިންގެ ހެކިބަހުގައި ފުށުއެރުންތައް ހުރުމުން އެ ދައުވާ އެއްވެސް ޝައްކެއް ނެތް މިންވަރަށް ސާބިތުވާ މިންވަރަށް ހެކި ލިބިފައި ނުވާ ކަމަށާއި އެހެންވެ، ޝިފްރާޒާއި މަސްއޫދުގެ މައްޗަށް ކުރި އެ ދައުވާ އިތުރަށް ކުރިއަށް ގެންދާނެ ތަނެއް ނެތް ކަމަށް އެ ހުކުމުގައިވެ އެވެ.