Roadha Mihaaru
15 އަހަރު ކުރީގެ މަރުގެ މައްސަލަ ހައިކޯޓުން ބަލަނީ

މާމެންދޫގައި 15 އަހަރު ކުރިން މީހަކު މެރި މައްސަލައެއް ހައި ކޯޓުން ބަލަނީ

17 ޖެނުއަރީ 2021

މީގެ 15 އަހަރު ކުރިން ގއ. މާމެންދޫގައި މީހަކު މަރާލި މައްސަލަ ހައި ކޯޓުން އަނެއްކާވެސް ބަލަން ފަށައިފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

މީގެ 15 އަހަރު ކުރިން ގއ. މާމެންދޫގައި މީހަކު މަރާލި މައްސަލަ ހައި ކޯޓުން އަނެއްކާވެސް ބަލަން ފަށައިފި އެވެ.

ގއ. ވިލިނގިލީ ކަނޑުއޮޅި، މުހައްމަދު ޝިހާބް ޖުލައި، 2006 ގައި މާމެންދޫއަށް ގޮސް އުޅެނިކޮށް އެރަށު ގްރޫޕަކުން އޭނާއަށް ހަމަލާ ދީ މަރާލި މައްސަލާގައި ހަތަރު މީހަކު މެރުމަށް 2008 ވަނަ އަހަރު އޭރުގެ ޖިނާއީ ކޯޓުން ހުކުމްކުރި އެވެ. އެ ހުކުމްތައް ފަހުން ހައި ކޯޓުން ބާތިލް ކުރުމަށް ފަހު އެންގީ ދައުވާލިބުނު މީހުންގެ ތެރެއިން ގއ. މާމެންދޫ ޕިންކްލައިޓް، މުހައްމަދު ޝަފްރާޒާއި އެރަށު މާސް، އަލީ މަސްއޫދު ސައީދުގެ ބައި އަލުން ދަށު ކޯޓުން ބެލުމަށެވެ.

އެ ދެ މީހުންގެ މައްސަލަ އަލުން ބެލުމަށް ފަހު 2019 ގައި ކްރިމިނަލް ކޯޓުން ނިންމީ އެ ދެ މީހުންގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށެވެ. ހައި ކޯޓުން މިހާރު ބަލަމުން ދަނީ އެ މީހުންގެ މައްޗަށް ކުށް ސާބިތުނުވި މައްސަލަ ދައުލަތުން އިސްތިއުނާފް ކުރި މައްސަލަ އެވެ.

އެ ޝަރީއަތް ހައި ކޯޓުން މިއަދު ފަށަން ހަމަޖެއްސުމަށް ފަހު، ވަނީ ކެންސަލްކޮށްފަ އެވެ.

އެ މައްސަލާގައި 2008 ވަނަ އަހަރު ޖިނާއީ ކޯޓުން ހަތަރު މީހަކު މަރަން ކުރި ހުކުމަކީ ކުރިން އަމަލުކުރި ނޫ ގާނޫނު އަސާސީއަށް އަމަލު ކުރަނިކޮށް އިއްވި ހަމައެކަނި މަރުގެ ހުކުމެވެ. އެ ހުކުމް އައީ މިހާރު އަމަލުކުރާ ފެހި ގާނޫނު އަސާސީއަށް އަމަލުކުރަން ފެށުމުގެ ދުވަސްކޮޅެއް ކުރިންނެވެ.