Roadha Mihaaru
ސައިކަލް ދުއްވާއިރު ހެލްމެޓް އެޅުމުގެ މަޝްވަރާ ފަށަނީ

ސައިކަލް ދުއްވާއިރު ހެލްމެޓް އަޅަން މަޖުބޫރު ކުރަން މަޝްވަރާ ކުރަނީ

21 ސެޕްޓެމްބަރ 2016

ރާއްޖޭގައި ސައިކަލް ނުވަތަ ބައިސްކަލް ދުއްވާނަމަ، ހެލްމެޓް އަޅަން މަޖުބޫރު ކުރަން ވިސްނުން އެބަހުރި ކަމަށާއި އެކަމާ ގުޅޭ މަޝްވަރާ ކުރަން ނިންމާފައިވާ ކަމަށް ޓްރާންސްޕޯޓް އޮތޯރިޓީން މިއަދު ބުނެފި އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ރާއްޖޭގައި ސައިކަލް ނުވަތަ ބައިސްކަލް ދުއްވާނަމަ، ހެލްމެޓް އަޅަން މަޖުބޫރު ކުރަން ވިސްނުން އެބަހުރި ކަމަށާއި އެކަމާ ގުޅޭ މަޝްވަރާ ކުރަން ނިންމާފައިވާ ކަމަށް ޓްރާންސްޕޯޓް އޮތޯރިޓީން މިއަދު ބުނެފި އެވެ.

އެއްގަމު ދަތުރުފަތުރުގެ ގާނޫނަށް އިސްލާހު ގެންނަން ރައްޔިތުންގެ މަޖިލީހަށް މީގެ ކުރިން ހުށަހެޅި އިސްލާހުގައި އޮތީ ދެ ފުރޮޅުލީ އުޅަނދު ދުއްވާ ކަމުގައިވާނަމަ، ހެލްމެޓް އެޅުން މަޖުބޫރު ކުރުމަށެވެ. ނަމަވެސް މިދިޔަ އަހަރު ހުށަހެޅި އެ އިސްލާހު މަޖިލީހުން ފާސްވެފައެއް ނުވެ އެވެ.

ޓްރާންސްޕޯޓް އޮތޯރިޓީގެ ޗެއާމަން އަބްދުއްރަޝީދު ނާފިޒު ވިދާޅުވި ގޮތުގައި ހެލްމެޓް އެޅުމާ ބެހޭ ގޮތުން މަޝްވަރާ ކުރަން ނިންމީ ފަހަކަށް އައިސް އެކްސިޑެންޓްތައް އިތުރުވެ، މީހުންނަށް ލިބޭ އަނިޔާތައް އިތުރުވަމުން ދާތީ ރައްކަލަކަށް ކަމަށެވެ.

"މަޝްވަރާ ކުރާނީ ބައިސްކަލް ނުވަތަ ސައިކަލް ބާރަށް ދުއްވާނަމަ، ނޫނީ މަޑުން ދުއްވިޔަސް، ހެލްމެޓް އަޅާނެތޯ ނުވަތަ ނާޅާނެތޯ،" ނާފިޒު ވިދާޅުވި އެވެ.

ރާއްޖޭގައި މިހާތަނަށް ހިނގި ނުރައްކާތެރި އެކްސިޑެންޓްތަކުގައި ގިނަ މީހުންގެ ފުރާނަ ދަނީ ބޮލަށް ލިބޭ އަނިޔާތަކުގެ ސަބަބުން ކަން ނާފިޒު ފާހަގަކުރެއްވި އެވެ. އެކަމަކު ހެލްމެޓް އަޅާނަމަ، ލިބޭ އަނިޔާ ކުޑަވާނެ ކަން ދިރާސާތަކަށް ރިއާޔަތް ކުރައްވައި ނާފިޒު ވިދާޅުވި އެވެ.

ލާމު އަތޮޅު ލިންކު ރޯޑު: އެ މަގު އާންމުކޮށް ހުޅުވާނުލިޔަސް، މިހާރު ވެސް އެކްސިޑެންޓްތައް ހިނގާ.- ފޮޓޯ: ތޮއްޓޭ ފޮޓޯގްރަފީ

ލާމު އަތޮޅު ލިންކު ރޯޑު: އެ މަގު އާންމުކޮށް ހުޅުވާނުލިޔަސް، މިހާރު ވެސް އެކްސިޑެންޓްތައް ހިނގާ.- ފޮޓޯ: ތޮއްޓޭ ފޮޓޯގްރަފީ

ނާފިޒު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް ފެށުމާއެކު، މެމްބަރުންނާއެކު މަޝްވަރާތައް ފަށާނެ ކަމަށެވެ. އަދި އިގްތިސާދީ ކޮމެޓީއާއެކު ބައްދަލުވުމެއް ބޭއްވުމަށް އެދިފައިވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އޮގަސްޓް 29، 2009 ގައި ހެދި ގަވައިދުގައިވާ ގޮތުން ގަޑިއަކު 30 ކިލޯމީޓަރަށް ވުރެ ބާރަށް ދުއްވަން ކަނޑައަޅާފައިވާ މަގެއް ނުވަތަ ސަރަހައްދެއްގައި ސައިކަލް ދުއްވޭނީ ހެލްމެޓް އަޅައިގެންނެވެ. އަދި އެ ސްޕީޑަށް ވުރެ މަތީގައި ހަތަރުފުރޮޅުލީ އުޅަނދުފަހަރު ދުއްވަންޖެހެނީ ސީޓްބެލްޓް އަޅައިގެން ކަމަށް އެއްގަމު ދަތުރުފަތުރުގެ ގާނޫނުގައިވެ އެވެ.

ނާފިޒު ވިދާޅުވި ގޮތުގައި ލިންކް ރޯޑްގައި ހެލްމެޓް އަޅަން ޖެހޭ ގޮތަށް މަޖުބޫރުކޮށްފައި އޮންނަނީ ބޯޑުތަކެއް ޖަހާފައި ހުންނަ ނަމަ އެވެ. އަލަށް ހެދޭ ބޮޑެތި މަގުތަކުގައި ބޯޑުތައް ހަރުކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ރާއްޖޭގައި ތާރު އަޅައި ރަނގަޅު ފެންވަރަކަށް، އަދި ހައިވޭއެއްގެ ގޮތަށް ހަދާފައިވާ އެންމެ ދިގު މަގުގެ މަސައްކަތް ވަނީ ގާތްގަނޑަކަށް ނިމިފަ އެވެ. ޗައިނާ ސަރުކާރުގެ ހިލޭ އެހީގައި ހެދި 17 ކިލޯމީޓަރުގެ ލ. ލިންކު ރޯޑު އާންމުކޮށް ހުޅުވާލި ނަމަވެސް، އެ މަގުގައި ދަނީ ގިނަ އަދަދެއްގެ އެކްސިޑެންޓްތައް ހިނގަމުންނެވެ.

ނާފިޒު ވިދާޅުވީ ލިންކު ރޯޑުގައި ދުއްވަންޖެހޭ ވަކި ސްޕީޑްތަކެއް ކަނޑައަޅައި ބޯޑުތަކެއް ޖަހާފައި ހުއްޓަސް އެއީ ހުއްދަ ދީފައިވާ ސްޕީޑުތަކެއް ނޫން ކަމަށާއި އެކަމާ ގުޅޭ މަޝްވަރާތައް ކަމާ ބެހޭ މުއައްސަސާތަކާއެކު މަޝްވަރާ ކުރަން މަސައްކަތް ކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.