Roadha Mihaaru
ފޮނަދޫގައި ފެނުގެ ނިޒާމު ގާއިމްކުރުމުގެ ބޮޑު މަޝްރޫއެއް

47 މިލިއަން ރުފިޔާ ހަރަދުކޮށްގެން ފޮނަދޫގައި ފެނުގެ ނިޒާމު ގާއިމްކުރަނީ

21 ސެޕްޓެމްބަރ 2016

ލ. ފޮނަދޫގައި ފެނުގެ ނިޒާމް ގާއިމްކުރުމުގެ އަމަލީ މަސައްކަތް ރޭ ފަށައިފި އެވެ. ސަރުކާރުން ހަރަދުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫއަށް 47 މިލިއަނަށްވުރެ ގިނަ ރުފިޔާ ހަރަދުވާނެ އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ލ. ފޮނަދޫގައި ފެނުގެ ނިޒާމް ގާއިމްކުރުމުގެ އަމަލީ މަސައްކަތް ރޭ ފަށައިފި އެވެ. ސަރުކާރުން ހަރަދުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫއަށް 47 މިލިއަނަށްވުރެ ގިނަ ރުފިޔާ ހަރަދުވާނެ އެވެ.

މި މަޝްރޫއުގެ އަމަލީ މަސައްކަތްތައް ފައްޓަވައިދެއްވީ އެންވަޔަރްމަންޓް މިނިސްޓަރު ތޯރިގް އިބްރާހީމާއި ޑިފެންސް މިނިސްޓަރު އާދަމް ޝަރީފާއި ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ އަދި ޕީޕީއެމް ޕީޖީ ގްރޫޕުގެ ލީޑަރު އަހުމަދު ނިހާނެވެ.

މި މަޝްރޫއު ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރު ތޯރިގް ވިދާޅުވީ ސަރުކާރު ޒިންމާދާރު ކުރުވުމުގެ ބަދަލުގައި އިދިކޮޅު ފަރާތްތަކުން ދަނީ ތަރައްގީގެ މަޝްރޫއުތައް ހުއްޓުވުމަށް މަސައްކަތް ކުރަމުން ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ ރައްޔިތުންނާ ގުޅޭ ތަރައްގީގެ އެކި މަސައްކަތްތައް ހިންގަން ބޭނުންވަނީ ރައްޔިތުންގެ އެއްބާރުުލުން ކަމަށާއި އެ މަޝްރޫއު ވެސް އެންމެ ފެންވަރު ރަނގަޅުކޮށް އަދި ނިންމަން ހަމަޖައްސާފައިވާ ތާރީހުގެ ތެރޭގައި މަސައްކަތްތައް ނިންމަން ރައްޔިތުންގެ އެއްބާރުލުން ބޭނުންވާ ކަމަށް ވިދާޅުވި އެވެ.

"ސަރުކާރުގެ އަމާޒަކީ ރާއްޖޭގެ ތަރައްގީ. ރައްޔިތުންގެ ކުރިއެރުން. ރައްޔިތުންގެ ފާގަތިކަން. ރައްޔިތުންގެ އެހީތެރިކަން ލިބޭ ނަމަ މި އަމާޒުތައް ހާސިލް ކުރުމުގައި އަޅުގަނޑުމެންނަށް ކުރިމަތިވާ ދައްޗެއް ނޯންނާނެ،" ތޯރިގް ވިދާޅުވި އެވެ.

މި މަޝްރޫއުގެ މަސައްކަތްތައް ހަވާލުކުރީ ސިއެރާ މޯލްޑިވްސް އާ އެވެ. މި މަސައްކަތް ނިންމާލަން ހަމަޖައްސާފައިވަނީ އަންނަ އަހަރުގެ މެދުތެރޭގަ އެވެ. މި މަޝްރޫއުގެ ތެރޭގައި މީހުން އާބާދުވެފައިވާ ހުރިހާ ސަރަހައްދެއްގައި ފެންހޮޅި ވަޅުލައި ރަށުގައި ފެން އުފައްދާ ޕްލާންޓެއް ބަހައްޓައި ފަސޭހަކަމާއެކު ރައްޔިތުންނަށް ފެން ލިބޭނެ އިންތިޒާމު ހަމަޖެއްސުން ހިމެނެ އެވެ.

ފޮނަދޫގައި ބޯފެން މިހާރު ބޭނުންކުރަނީ ތާނގީގައި ފެން ރައްކާކޮށްގެންނެވެ. އެ ރަށުގައި 2700 މީހުން ދިރިއުޅޭއިރު 500އެއްހާ ގެ ހުރެ އެވެ.