ރައްޔިތުން ބޭނުންވާ ފަދަ ތަރައްގީ ގެނެސް ދެވޭނީ މިހާރުގެ ރައީސް އަބްދުﷲ ޔާމީނަށް ކަމަށާއި އިދިކޮޅު އެމްޑީޕީގެ ވެރިކަމުގައި ފުވައްމުލަކުގެ ރައްޔިތުންނަށް މުޅިން ވެސް ދެއްކީ ހުސް ހުވަފެން ކަމަށް ތިމާވެއްޓާ ބެހޭ މިނިސްޓަރު ތޯރިގް އިބްރާހީމް މިރޭ ވިދާޅުވެއްޖެ އެވެ.
10 އޮކްޓޯބަރ 2016
ރައްޔިތުން ބޭނުންވާ ފަދަ ތަރައްގީ ގެނެސް ދެވޭނީ މިހާރުގެ ރައީސް އަބްދުﷲ ޔާމީނަށް ކަމަށާއި އިދިކޮޅު އެމްޑީޕީގެ ވެރިކަމުގައި ފުވައްމުލަކުގެ ރައްޔިތުންނަށް މުޅިން ވެސް ދެއްކީ ހުސް ހުވަފެން ކަމަށް ތިމާވެއްޓާ ބެހޭ މިނިސްޓަރު ތޯރިގް އިބްރާހީމް މިރޭ ވިދާޅުވެއްޖެ އެވެ.
ފުވައްމުލަކުގެ ފެނާއި ނަރުދަމާގެ މަސައްކަތް ރަސްމީކޮށް އިފުތިތާހު ކުރުމަށް ބޭއްވި ޖަލްސާގައި މިނިސްޓަރު ތޯރިގް ވިދާޅުވީ ސަރުކާރުގެ އަމާޒަކީ ހަގީގީ ސިޓީއެއްގެ ގޮތުގައި ފުވައްމުލައް ތަރައްގީ ކުރުން ކަމަށެވެ. އަދި އެކަމުގެ ހުރިހާ ޕްލޭނެއް މިހާރު ސަރުކާރުގައި އެބަ އޮތް ކަމަށް އޭނާ ވިދާޅުވި އެވެ.
އެގޮތުން ފެނާއި ނަރުދަމާގެ އިތުރުން ކުނި މެނޭޖް ކުރާނެ ނިޒާމަކާއި ކޯސްޓަލް އޭރިއާ ޕްރޮޓެކްޝަންގެ މަޝްރޫއެއް ވެސް ރޭވިފައި އޮތް ކަމަށް އެންވަޔަރުމެންޓް މިނިސްޓަރު ވިދާޅުވި އެވެ. އަދި އެ ރަށުގެ މަގުތައް ވެސް ރަނގަޅު ފެންވަރަކަށް ސަރުކާރުން ހަދާނެ ކަމަށް ވިދާޅުވި އެވެ.
ފުވައްމުލަކުގައި ސާފު ބޯފެނާއި ނަރުދަމާގެ މަޝްރޫއު އިފުތިތާހު ކުރުމަށް މިރޭ ބޭއްވި ޖަލްސާގައި ތިމާވެއްޓާ ބެހޭ މިނިސްޓަރު ތޯރިގް އިބްރާހިމް ވާހަކަ ދައްކަވަނީ.---ފޮޓޯ: ރައީސް އޮފީސް
ތޯރިގް ވިދާޅުވީ ސިޓީއެއްގެ ދަރަޖަ ރަށަކަށް ދެވިގެން ތަރައްގީ ކުރެވިގެންދާ އިރު، ފެނާއި ނަރުދަމާ ފަދަ އަސާސީ ހިދުމަތްތައް ހުންނަން ޖެހޭނީ ގާއިމު ކުރެވިފައި ކަމަށެވެ.
އެހެންވެ މިއީ މި ސަރުކާރަށް ކުރެވޭނެ ކަމެއްކަން ސާބިތުކޮށް ދޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ އެމްޑީޕީ 2013 ގައި ވެރިކަމަށް އައިއިރު، ފުވައްމުލަކުގެ ފެނާއި ނަރުދަމާ އޮތީ އައިޑީބީގެ އެހީގައި 10 މިލިއަން ޑޮލަރަށް ކުރިއަށް ގެންދަން މަޝްރޫއެއް ރާވައިފައިވާ ކަމަށެވެ. ނަމަވެސް އެ ޕާޓީ ވެރިކަމަށް އައުމަށް ފަހު، އައްޑޫ ވެސް ހިމެނޭ ގޮތަށް ފެނާއި ނަރުދަމާގެ މަޝްރޫއު ބައި ވޯޓާއާ ހަވާލު ކުރުމަށް ފަހު، 2011 ވަނަ އަހަރު އެ މަޝްރޫއުން ފުވައްމުލައް އުނިކޮށްފައިވާ ކަމަށް ތޯރިގް ވިދާޅުވި އެވެ.
"ވަރަށް ގިނަ ދުވަސްވެއްޖެ ފުވައްމުލަކުގެ ރައްޔިތުން ފެނާއި ނަރުދަމާ ރަށުން ހޯދަން މަސައްކަތް ކުރާތާ. އެހެން ނަމަވެސް މި މަސައްކަތް އަދި ކިރިޔާ ހަގީގަތަކަށް މިވީ،" މިނިސްޓަރު ވިދާޅުވި އެވެ.
"...އަޅުގަނޑު ދަންނަވާނީ މި މަސައްކަތް މިހާ ހިސާބަށް ދިޔަ އިރު އަޅުގަނޑުމެން ހަނދާންކޮށްލަން ޖެހޭ އެމްޑީޕީ ސަރުކާރުން ފުވައްމުލަކަށް ހަމަ އެއްގޮތަކަށް ވެސް ކުރިއެރުމާއި ފުވައްމުލަކު ރައްޔިތުންގެ ދުޅަހެޔޮ ކަމަށް އެއްވެސް ވަރަކަށް ވިސްނާފައެއް ނެތޭ."
ފުވައްމުލަކުގެ ސާފު ބޯފެނާއި ނަރުދަމާގެ ނިޒާމުގެ މަޝްރޫއު ރައީސް ޔާމީން އިފުތިތާހު މިރޭ ކޮށްދެއްވަނީ.---ފޮޓޯ: ރައީސް އޮފީސް
މިނިސްޓަރު ތޯރިގް ވިދާޅުވީ އެމްޑީޕީން ފުވައްމުލަކު ރައްޔިތުންނަށް ދެއްކީ ހުސް ހުވަފެން ކަމަށެވެ.
"އެމްޑީޕީ ސަރުކާރުން ތިޔަ ބޭފުޅުންނަށް ދެއްކެވީ ހުސް ހުވަފެން. އެހެންވީމާ ކުރިއަށް އޮތް ތާނގައި ވެސް އެކަމާ ވިސްނަން ޖެހޭ،" މިނިސްޓަރު ވިދާޅުވި އެވެ.
"ކުރިއަށް ލޯކަލް ކައުންސިލް އިންތިހާބުގައި އެ ވެސް އެ މީހުން ދައްކާ ހުވަފެންތަކާ ދޭތެރޭ ރައްޔިތުން ފުންކޮށް ވިސްނަން ޖެހޭނެ."
ތޯރިގް ވިދާޅުވީ ފާއިތުވި ތިން އަހަރުގެ ތެރޭގައި މި ސަރުކާރުން 10 ރަށެއްގެ ނަރުދަމާ ނިޒާމާއި 12 ރަށެއްގެ ފެނުގެ ނިޒާމް ގާއިމުކޮށް ނިންމާފައިވާ ކަމަށެވެ. އަދި މީގެ އިތުރުން މިހާރު ވެސް 21 ރަށެއްގެ ނަރުދަމާ އާއި 15 ރަށެއްގެ ފެނުގެ ނިޒާމް ކުރިއަށް ގެންދާ ކަމަށް ވިދާޅުވި އެވެ.
އެހެންވެ މިކަމުން ދައްކައި ދެނީ މި ސަރުކާރަކީ ނަތީޖާ ނެރޭ ސަރުކާރެއް ކަމަށް ވިދާޅުވި އެވެ.
ފުވައްމުލަކުގައި ސާފު ބޯފެނާއި ނަރުދަމާގެ މަޝްރޫއު އިފުތިތާހު ކުރުމަށް މިރޭ ބޭއްވި ޖަލްސާ.---ފޮޓޯ: ރައީސް އޮފީސް
ކުވައިތު ފަންޑާއި ދިވެހި ސަރުކާރުގެ ބަޖެޓުން 297 މިލިއަން ރުފިޔާ ހަރަދުކޮށްގެން ކުރިއަށް ގެންދާ ފުވައްމުލަކުގެ ފެނާއި ނަރުދަމާގެ ނިޒާމް 2018 ވަނަ އަހަރުގެ ކުރީކޮޅަށް ނިންމައި ލެވޭނެ ކަމަށް ތިމާވެއްޓާ ބެހޭ މިނިސްޓްރީން ބުންޏެވެ.
މި މަޝްރޫއު ހަވާލުކޮށްފައި ވަނީ ސްރީ ލަންކާގެ ސިއެރާ ކުންފުންޏާ އެވެ.
ދެ ރަށެއްގައި ނަރުދަމާ އާއި ފެނުގެ ނިޒާމު ގާއިމުކުރަނީ
ފެނާއި ނަރުދަމާގެ ނިޒާމް ހަރުދަނާކުރަން ގާނޫނެއް ހަދަނީ
އައްޑޫގެ އިތުރު ތިން ރަށެއްގެ ނަރުދަމާ ނިޒާމް ފަށައިފި
އެމްޑީޕީގެ ބަޔާނުގައި އޮށްޓަރެއް ނެތް: ތޯރިގް
ފޮނަދޫގައި ފެނުގެ ނިޒާމު ގާއިމްކުރުމުގެ ބޮޑު މަޝްރޫއެއް
އެންމެ ދެކުނުގެ ކުނި މެނޭޖް ކުރުން އެމްއާރްޑީސީ އަށް
އެޗުއާރުސީއެމަށް: އެހެން ރަށްރަށުގެ ހާލަތު ވެސް ބަލާ!
ކުނިން ހަކަތަ އުފައްދާ މަޝްރޫއު އައްޑޫގައި ފަށަން ތައްޔާރު
ރާއްޖޭގެ ހިތްގައިމު ތިން ސަރަހައްދެއް ހިމާޔަތްކޮށްފި
ބޯފެން ރައްކާކުރަން 133 މިލިއަން ރުފިޔާގެ މަޝްރޫއެއް