Roadha Mihaaru
ފިލި މައްސަލާގައި އަދީބަށް މާދަމާ ހުކުމް ކުރަނީ

ފިލި މައްސަލާގައި އަދީބަށް މާދަމާ ހުކުމް ކުރަނީ

18 ސެޕްޓެމްބަރ 2019

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ފިއްލަވައިގެން ރާއްޖޭން ބޭޭރަށް ވަޑައިގަންނަވަން މަސައްކަތް ކުރެއްވި މައްސަލާގައި އޭނާގެ މައްޗަށް ދައުލަތުން ކުރާ ދައުވާގެ ހުކުމް މާދަމާ އިއްވަން ކްރިމިނަލް ކޯޓުން ހަމަޖައްސައިފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ފިއްލަވައިގެން ރާއްޖޭން ބޭޭރަށް ވަޑައިގަންނަވަން މަސައްކަތް ކުރެއްވި މައްސަލާގައި އޭނާގެ މައްޗަށް ދައުލަތުން ކުރާ ދައުވާގެ ހުކުމް މާދަމާ އިއްވަން ކްރިމިނަލް ކޯޓުން ހަމަޖައްސައިފި އެވެ.

ސުޕްރީމް ކޯޓުގެ އަމުރެއްގެ ދަށުން، އަދީބު ފުރުން މަނާކޮށްފައި ވަނިކޮށް އޭނާ ވަނީ މިދިޔަ މަހު ޓަގެއްގައި ރާއްޖޭން ބޭރަށް ވަޑައިގަންނަވަން މަަސައްކަތް ކުރައްވައިފަ އެވެ. އެކަމަކު އިންޑިއާގެ ބަނދަރަކުން އޭނާ ހިފަހައްޓައި، ރާއްޖެ އަށް ގެނައީ އެވެ. ފިލި މައްސަލާގައި އަދީބުގެ މައްޗަށް ކުރަނީ ގާނޫނު ހިންގުމަށް ހުރަސް އެޅުމުގެ ދައުވާ އެވެ.

އެ މައްސަލާގެ ޝަރީއަތް އިއްޔެ ފެށުމާ އެކު، އަދީބު ވަނީ ދައުވާ އަށް އިއުތިރާފުވެ ވަޑައިގެންފަ އެވެ. އެހެންވެ، އަވަސް ނިޔާގެ މައްސަލައެއްގެ ގޮތުގައި އެ މައްސަލާގެ ހުކުމް އިއްވަން ކޯޓުން އިއްޔެ ހަމަޖެއްސި އެވެ.

ޖިނާއީ އިޖްރާއާތުގެ ގާނޫނު ބުނާގޮތުން އިބްތިދާއީ މަރުހަލާގައި ދައުވާ އަށް އިއުތިރާފްވެއްޖެ ނަމަ، އަވަސް ނިޔާގެ މައްސަލައެއްގެ ގޮތުގައި ފަސް ދުވަސް ތެރޭގައި އެ މައްސަލައެއް ނިންމަން ޖެހޭނެ އެވެ.

ގާނޫނުލް އުގޫބާތު ބުނާ ގޮތުން ގާނޫނު ހިންގުމަށް ހުރަސް އެޅުމުގެ ކުށުގެ އަދަބުގެ އަސާސީ މިންގަނޑަކީ ހަތަރު މަހާއި 24 ދުވަހަށް ޖަލަށްލުމެވެ. އެކަމަކު އަދީބު ދައުވާ އަށް އިއުތިރާފުވެ ވަޑައިގަތުމުން އަދަބުގެ މިންވަރު އަސާސީ މިންގަނޑަށް ވުރެ އެއް ދަރަޖަ ދަށްވާނެތީ އޭނާގެ މައްޗަށް އަންނާނީ ތިން މަހާއި 18 ދުވަހުގެ ޖަލު ހުކުމެއް ކަމަށް ބެލެވެ އެވެ. އެކަމަކު ޖަލު ހުކުމުގެ އެ މުއްދަތު ޖޫރިމަނާގެ ހުކުމަކަށް ބަދަލުކޮށް ދިނުމުގެ ބާރު ވެސް ގާނޫނުލް އުގޫބާތުގެ ދަށުން ކޯޓަށް އޮންނާނެ އެވެ.

އަދީބު ފުރުން މަނާކޮށް ސުޕްރީމް ކޯޓުން އަމުރު ނެރުނީ އޭނާއާ ދެކޮޅަށް ދައުލަތުން އެ ކޯޓުގައި އިސްތިއުނާފްކުރި މައްސަލައަކާ ގުޅިގެންނެވެ. އެކަމަކު އޭނާ ރާއްޖޭން ބޭރަށް ވަޑައިގަންނަވަން މަސައްކަތް ކުރެއްވުމުން ފަހުން ސުޕްރީމް ކޯޓުން ވަނީ އޭނާ ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަން އަމުރު ކޮޮށްފަ އެވެ. މިހާރު ކަރެކްޝަންސް އިން ވަނީ އޭނާ ގޭ ބަންދަށް ބަދަލުކޮށްފަ އެވެ.