Roadha Mihaaru
އަދީބުގެ އިއުތިރާފަކީ "ޑީލަކަށް" ވެދާނެ: އިދިކޮޅު

އަދީބުގެ އިއުތިރާފަކީ ވަކި ބަޔަކު ހިމާޔަތްކުރާ "ޑީލަކަށް" ވެދާނެ: އިދިކޮޅު

03 އޮކްޓޯބަރ 2020

އެމްއެމްޕީއާރުސީ މެދުވެރިކޮށް ޚިޔާނާތް ހިންގި ގޮތާއި އެ ފައިސާ ބެހުނު ގޮތާއި މަންފާވި މީހުން ތިބި ކަމަށް ވިދާޅުވެ ކުރީގެ ނައިބު ރައީސް އަހްމަދު އަދީބް ޝަރީއަތުގެ މަޖިލީހުގައި ވެވަޑައިގަތް އިއުތިރާފަކީ ވަކި ބަޔަކު ހިމާޔަތް ކުރުމުގެ "ޑީލަކަށް" ވެދާނެ ކަމަށް އިދިކޮޅުން ތުހުމަތުކޮށްފި އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

އެމްއެމްޕީއާރުސީ މެދުވެރިކޮށް ޚިޔާނާތް ހިންގި ގޮތާއި އެ ފައިސާ ބެހުނު ގޮތާއި މަންފާވި މީހުން ތިބި ކަމަށް ވިދާޅުވެ ކުރީގެ ނައިބު ރައީސް އަހްމަދު އަދީބް ޝަރީއަތުގެ މަޖިލީހުގައި ވެވަޑައިގަތް އިއުތިރާފަކީ ވަކި ބަޔަކު ހިމާޔަތް ކުރުމުގެ "ޑީލަކަށް" ވެދާނެ ކަމަށް އިދިކޮޅުން ތުހުމަތުކޮށްފި އެވެ.

ޚިޔާނާތް ހިންގެވި ކަމަށް އިއުތިރާފްވެވަޑައިގެން ތަފްސީލްތައް އާއްމުކުރެއްވީ އެމަނިކުފާނުގެ މައްޗަށް އުފުލާފައިވާ ހަތް ދައުވާގެ ޝަރީއަތުގެ މަޖިލީހުގައި މިދިޔަ ބުރާސްފަތި ދުވަހު ކްރިމިނަލް ކޯޓުގަ އެވެ. އެކަމަކު އެ ޝަރީއަތުގެ އަޑުއެހުމަށް ފަހު ޖަލު ބަންދުން އެމަނިކުފާނު މިހާރު ވަނީ ގޭ ބަންދަށް ބަދަލުކޮށްފަ އެވެ.

މަޑުއްވަރީ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ ޕީއެންސީގެ މެމްބަރު އަދި ކުރީގެ ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް ވިދާޅުވީ އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާ ދިން މީހުންނާއި ހަވާލުވި އަދި ބޭންކް މެދުވެރިކޮށް ފޮނުވި ފަރާތްތަކުގެ ސައްހަ ލިސްޓެއް ހެއްކާ އެކު ހާމަނުކުރާ ހިނދަނު ރައްޔިތުންނަށް އިތުބާރެއް ނުކުރެވޭނެ ކަމަށެވެ. އޮޅުވާލާނެ ކަމުގެ ބިރު އޮންނާނެ ކަމަށް ވިދާޅުވި އެވެ.

"އިއުތިރާފަކީ ވަކި ބަޔަކު ހިމާޔަތް ކުރަން ހެދި ޑީލަކަށް ވެދާނެ،" އާދަމް ޝަރީފް ވިދާޅުވި އެވެ.

އެމްއެމްޕީއާރުސީގެ ހިޔާނާތާ ގުޅޭގޮތުން ކަމާބެހޭ އިދާރާތަކުން ހިންގާ ތަހުގީގުގައި ވަނީ މަންފާ ލިބުނު 267 މީހުންގެ ލިސްޓެއް އެކުލަވާލައިފަ އެވެ. އެ ލިސްޓުގައި މި ސަރުކާރުގެ އިސް މަގާމްތަކާއި މަޖިލީހުގެ މެމްބަރުންނާއި ކުރީގެ ސަރުކާރުގެ އެކި ފަންތީގައި އުޅުއްވި ގިނަ ބޭފުޅުންނާއި މަޖިލީހުގެ މެމްބަރުންނާއި މިނިވަން މުއައްސަސާތަކާއި ކޯޓުތަކުގެ ފަނޑިޔާރުކަން ކުރެއްވި ބޭފުޅުން ވެސް ހިމެނިވަޑައިގަންނަވަ އެވެ.

އާދަމް ޝަރީފް ހިމެނިވަޑައިގަންނަވާ އިދިކޮޅު ކޯލިޝަނުން ވެސް ވަނީ އަދީބުގެ އިއުތިރާފްއާ މެދު ސުވާލު އުފައްދައިފަ އެވެ.

މާފަށް އެދިވަޑައިގަތް ހަގީގަތޭ ވިދާޅުވެ ދެއްކެވި ވާހަކަތަކަކީ އަދަބު ލުއިކުރަން ސަރުކާރާ އެކު ހެދި އެއްބަސްވުމުގައިވާ ގޮތަށް ކުރިއަށް ގެންދާ ކަމެއް ކަމުގެ ތުހުމަތު އެ ކޯލިޝަން ހިންގަވާ ޕީއެންސީގެ ރައީސް އަބްދުއްރަހީމް ވަނީ ކުރައްވައިފަ އެވެ.

"މާފަށް އެދިވަޑައިގެން ތައުބާވުމަކީ ކަމުގެ ހަގީގަތް ހާމަކޮށްދެއްވުމޭ. ސަރުކާރާ އެކީގައި ހެދޭ އެއްބަސްވުމެއްގެ ދަށުން ތިމާގެ އަދަބު ލުއިކޮށްދެއްވުމަށްޓަކައި ދޮގު ވާހަކަތައް ދައްކާ ކަމާ ނުބެހޭ މީހުން ބަދުނާމުކޮށް ތިމާގެ ހިތުގައި ހަސަދަވެރިކަން އޮތް މީހުންގެ މައްޗަށް ހަސަދަ ފިލުވާލުމަކީ ތައުބާވުމެއް ނޫނޭ،" އަދުރޭ ވިދާޅުވި އެވެ.

ހިޔާނާތުން މަންފާވި ނަންތައް ޝަރީއަތުގެ މަޖިލީހުގައި، ހާމަކުރައްވާ އިރު އިންސާފުވެރިކަމާ އެކު އެކަން ކޮށްދެއްވަން ވެސް އަދުރޭ އެދިވަޑައިގަތެވެ.

ލައިވްކުރި ޝަރީއަތުގެ މަޖިލީހުގައި، އަދީބު ވަނީ ޚިޔާނާތް ހިންގެވި ގޮތާއި އެ ފައިސާ ދައުރުވި ގޮތް ކިޔައި ދެއްވައިފަ އެވެ. ޝަރީއތުގައި އިއްޔެ ނަންތައް އާއްމު ނުކުރެއްވި ނަމަވެސް ޚިޔާނާތުގެ މަންފާ ލިބުނު މީހުންގެ ތެރޭގައި "ކުރީގެ މަޖިލިސް މެމްބަރުންނާއި ކުރީގެ ރައީސުންނާއި ހުރިހާ ސިޔާސީ ޕާޓީތަކެއް ހިމެނޭ" ކަމަށް އަދީބު ވިދާޅުވި އެވެ. މީގެ އިތުރުން ކޯޓުތަކާއި މިނިވަން މުއައްސަސާތަކުގެ މެމްބަރުންނާ އެކު ދައުލަތުގެ ހުރިހާ ފަންތިއެއްގައި އެ ފައިސާ ދައުރުވި ކަމަށް ކުރާ ތުހުމަތަށް އެއްބަސްވެވަޑައިގަތެވެ.

އަދީބުގެ މި އިއުތިރާފާ އެކު ވެރިކަން ކުރާ ކޯލިޝަންގައި ހިމެނޭ، އެމްޑީޕީ އާއި ޖުމްހޫރީ ޕާޓީ އާއި އަދާލަތު ޕާޓީގެ އިސް ބޭފުޅުން ގެންދަވަނީ އެ ޚިޔާނާތުގައި އެ ޕާޓީތަކުގެ ދައުރެއް ނެތް ކަން ސާބިތުކޮށްދޭން ދިފާއުގައި ވާހަކަތަކެއް ދައްކަމުންނެވެ.