Roadha Mihaaru
އުތުރު ބަނދަރާއި ގުޅިފަޅުގެ ޕްލޭން ހަދަނީ ބަޖެޓުން

އާ ވިޔަފާރި ބަނދަރަށް ފައިސާ އަދި ހަމައެއް ނުޖެހޭ، ޕްލޭން ހަދަނީ ދައުލަތުގެ ބަޖެޓުން

19 ސެޕްޓެމްބަރ 2019

މާލޭގެ ވިޔަފާރި ބަނދަރު ގުޅިފަޅަށް ބަދަލުކުރަން ނިންމައި އެތަނުގައި ހަދާ ބަނދަރަށް އަދި ފައިސާ ހަމަނުޖެހޭ ކަމަށް ޕްލޭނިން މިނިސްޓްރީން މިއަދު ބުނެފި އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

މާލޭގެ ވިޔަފާރި ބަނދަރު ގުޅިފަޅަށް ބަދަލުކުރަން ނިންމައި އެތަނުގައި ހަދާ ބަނދަރަށް އަދި ފައިސާ ހަމަނުޖެހޭ ކަމަށް ޕްލޭނިން މިނިސްޓްރީން މިއަދު ބުނެފި އެވެ.

އެކަމަކު ގުޅިފަޅުގެ މާސްޓަ ޕްލޭނާއި މާލޭ އުތުރު ބަނދަރުގެ މާސްޓާ ޕްލޭން ހަދަން ސަރުކާރުން އިއްޔެ ވަނީ ސިންގަޕޫރުގެ ކުންފުންޏަކާ ހަވާލުކޮށްފަ އެވެ. އެ ދެ މަސައްކަތް ސިންގަޕޫރުގެ އެޗްކިއު ކުންފުންޏާ ހަވާލުކުރީ، ދައުލަތުގެ ބަޖެޓުން ހޭދަކުރާ ގޮތަށް، 650،000 ޑޮލަރު (10 މިލިޔަން ރުފިޔާ) އަށެވެ.

އުތުރު ބަނދަރަކީ ރަށްރަށުން މާލެ އަންނަ އޮޑިދޯނިފަހަރު ކައިރިކޮށް، މުދާ ބަރުކުރާ މައި ސަރަހައްދެވެ.

ޕްލޭނިން މިނިސްޓްރީގެ މީޑިއާ އޮފިޝަލް މަރިޔަމް އިނާ މާޖިދު ވިދާޅުވީ ގުޅިފަޅު މަޝްރޫއަށް އަދި ފައިސާ ހަމަނުޖެހޭ ކަމަށެވެ.

"މާސްޓާ ޕްލޭން ހެދުމާ، އެ މަސައްކަތާ [ބަނދަރު ތަރައްގީކުރުމުގެ މަސައްކަތާ] މިއީ ވަކި ދެ މަސައްކަތެއް. ޕްލޭން ކުރަން ހަވާލުކުރީ ދައުލަތުގެ ބަޖެޓުން،" އިނާ ވިދާޅުވި އެވެ.

"އެ މަސައްކަތް ހަވާލުކުރީ އުސޫލާ އެއްގޮތަށް."

މާލޭގެ ތޮއްޖެހުމަށް ހަލެއް ހޯދަން އާ ސަރުކާރުން ގެންގުޅޭ ސިޔާސަތުގައި އެންމެ ފަހުން ބޭއްވި ޕާޓްނަޝިޕް ފޯރަމަށް ހުށަހެޅި އެންމެ ބޮޑު އެއް މަޝްރޫއަކީ މާލެ އިންޑަސްޓްރިއަލް ޒޯން ތަރައްގީކުރުމުގެ މަޝްރޫއު އެވެ. އެ މަޝްރޫގައި ހިމެނެނީ ވިޔަފާރި ބަނދަރު ގުޅިފަޅަށް ބަދަލުކުރުމާއި މާލެ، ވިލިމާލެ، ގުޅިފަޅު އަދި ތިލަފުށި، ބްރިޖްތަކުން ގުޅައިލުމެވެ.

މި ބިޔަ މަޝްރޫއަށް 488 މިލިޔަން ޑޮލަރު (7.5 ބިލިއަން ރުފިޔާ) ހަރަދުވާނެ ކަމަށް ސަަރުކާރުން އަންދާޒާކުރެ އެވެ.

އެ މަޝްރޫއުގެ ބޭނުމަކީ ވިޔަފާރި ބަނދަރުގެ އިތުރުން، މާލޭ ގުދަންތަކާއި ސިނާއީ މަސައްކަތްކުރާ ހުރިހާ ތަނެއް ތިލަފުއްޓަށް ބަދަލުކުރުމެވެ.