Roadha Mihaaru
ވެށިފަހީގެ ގޯތި ގުޅިފަޅުން ހަމަޖެހޭތޯ މަޝްވަރާކުރަނީ

ވެށިފަހިން ގޯތި ނުލިބޭ މީހުންނަށް ގުޅިފަޅުން ގޯތި ދޭން މަޝްވަރާކުރަނީ

29 ޖޫން 2020

ވެށިފަހި މާލެ ޕްރޮގްރާމުގެ ތެރެއިން، ގޯތި ނުލިބުނު މީހުންނަށް ގުޅިފަޅުން ގޯތި ދޭން މަޝްވަރާކުރަމުން އަންނަ ކަމަށް ނެޝަނަލް ޕްލޭނިން، ހައުސިން އެންޑް އިންފްރަސްޓްރަކްޗާ މިނިސްޓަރު މުހައްމަދު އަސްލަމް މިއަދު ވިދާޅުވެއްޖެ އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ވެށިފަހި މާލެ ޕްރޮގްރާމުގެ ތެރެއިން، ގޯތި ނުލިބުނު މީހުންނަށް ގުޅިފަޅުން ގޯތި ދޭން މަޝްވަރާކުރަމުން އަންނަ ކަމަށް ނެޝަނަލް ޕްލޭނިން، ހައުސިން އެންޑް އިންފްރަސްޓްރަކްޗާ މިނިސްޓަރު މުހައްމަދު އަސްލަމް މިއަދު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ، މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމެޓީގައި، މެމްބަރެއްގެ ސުވާލަކާ ގުޅިގެން އަސްލަމް ވިދާޅުވީ، ގުޅިފަޅުން ހަ މިލިއަން ކިއުބިކް މީޓަރުގެ ބިން ހިއްކުމަށް ފަހު ދިރިއުޅުމަށް ވަކި މިންވަރެއް ކަނޑައަޅާނެ ކަމަށެވެ. އެ ޕްލޭން ތައްޔާރުކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި އެކަމާ ގުޅޭގޮތުން މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދާއެކު ވެސް މަޝްވަރާކުރަމުން އަންނަކަމަށް ވިދާޅުވި އެވެ.

ނެދަލެންޑްސްގެ ބޮކްސާލިސްއާ ހަވާލުކޮށްގެން ގުޅިފަޅު ހިއްކަމުން އަންނަނީ ކޮމާޝަލް ޕޯޓް އެތަނަށް ބަދަލުކުރުމަށެވެ.

"ގުޅިފަޅު މެއިންލީ އެއީ ޕޯޓް ސިޓީއެއް. މާލެ ޕޯޓާއި ނޯތު ހާބަރުގެ އެ ހުރިހާ ފަންކްޝަނެއް. ނޯތުގެ ހާބަރުގެ މި ސަރަހައްދު ވަރަށް ބޮޑުތަނުން ލުއިވެގެން ދާނެ ތަނަކަށް. ތަފާތު ތަނަކަށް މިތަން ވެގެންދާނެ. ރަށްރަށަށް މުދާ ޑިސްޓްރިބިއުޓުކުރުން ވެސް ގުޅީފަޅު ބަނދަރަށް ބަދަލުކުރެވިގެންދާނެ،" އަސްލަމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ވިޔަފާރީގެ މައި ބަނދަރަށް ގުޅިފަޅު ބަދަލުކުރިޔަސް ބޯހިޔާވަހިކަމަށް ވެސް ވަކި ވަރެއް ކަނޑައަޅާފައިވާނެ ކަމަށެވެ. އޭގެ ތެރެއިން، ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުން ހިންގި ވެށިފަހި ޕްރޮގްރާމުގައި ގޯތި ދޭން ނިންމި މީހުންނަށް ޖާގައެއް ދެވޭނެ ކަމަށް ގަބޫލުކުރައްވާ ކަމަށް އަސްލަމް ވިދާޅުވި އެވެ.

"ގުޅިފަޅުގެ މި ޕްލޭނުގެ ތެރެއިން ވެށިފަހިއަށް މާލެއިން ޖާގައެއް ހޯދާނެ ކަމަށް އަޅުގަނޑު ގަބޫލުކުރަނީ. މިއީ އަދި ޑިސްކަސް ކުރެވެމުންދާ އިޝޫއެއް މިކަމާ ގުޅިގެން. ގުޅީފަޅު ކަންކަމުގައި ވެށިފަހި މާލެ ހިންގުމުގެ ކަންކަން ވެސް،" އަސްލަމް ވިދާޅުވި އެވެ.

ވެށިފަހި ޕްރޮގްރާމް އޭރު ރަނގަޅަށް ހިންގުނު ކަމަށާއި ނަމަވެސް ސިޔާސީ ހިޔާލު ތަފާތުވުންތަކާއެކު އެކަން ފަހުން ރަނގަޅަށް ނުދިޔައީ ކަމަށް ވިދާޅުވި އެވެ.

ގުޅިފަޅުން ފްލެޓު ގަތް ބައެއް މީހުންނަށް އޭގެ ބަދަލުގައި ހުޅުމާލެއިން ވަނީ ފްލެޓު ދީފަ އެވެ. ނަމަވެސް އޭގެ ތެރެއިން ބައެއް މީހުންނަށް އަދި ވެސް ބަދަލު ނުލިބޭ ކަމުގެ ޝަކުވާ އަންނަނީ ކުރަމުންނެވެ. އެކަމާ ގުޅިގެން މިނިސްޓަރު ވިދާޅުވީ ގުޅިފަޅުން ފްލެޓް ގަތުމަށް ފަހު އޭގެ ބަދަލު ލިބެން ޖެހޭ ކަމަށް ދައުލަތުން ދީފައިވާ ލިޔުމަކާ ދެކޮޅަށް ކޯޓަކުން ހުކުމެއް ނުކުރާހާ ހިނދެއްގައި އެ އޮތް ގޮތަކަށް އެއަށް އިހުތިރާމް ކުރައްވާނެ ކަމަށެވެ.

"ކޮންމެ ބަޔަކު ކޮށްފައި އޮތް ކަމުގައި ވިއަސް ދިން އެއްޗެއް، ރަނގަޅަށް ބަލާފައި އޭގައި ހުކުމެއް، އެގޮތަށް ގުޅިފަޅު ކަންކަމުގައި ތިޔަ ވިދާޅުވި ގޮތަށް ލިޔުމެއް ދީފައި އޮތިއްޔާ އެއަށް އަޅުގަނޑުމެން އޮނާކުރާނަން،" އަސްލަމް ވިދާޅުވި އެވެ.

އަސްލަމް ވިދާޅުވީ ގުޅިފަޅުން ގާތްގަނޑަކަށް 1،200 ބިންކޮޅު ނެގޭ ކަމަށެވެ. އެތަނުގައި ކޮންމެ ވެސް ވަރަކަށް މީހުން ދިރިއުޅޭނެ ކަމަށާއި އެކަމަކު ގުޅިފަޅު ހިއްކުމުގެ މަސައްކަތް ކުރަމުން އަންނަނީ ޕޯޓު ބަދަލުކުރުމަށް އަމާޒުކޮށްގެން ކަމަށް ވިދާޅުވި އެވެ.