Roadha Mihaaru
މާލެއިން ގޯތި ލިބޭ މީހުން އިއުލާންކުރާނީ މެއި މަހު

މާލެއިން ގޯތި ލިބޭ މީހުން އިއުލާންކުރާނީ އަންނަ މެއި މަހު: ހައުސިން މިނިސްޓްރީ

20 ނޮވެމްބަރ 2022

މި ސަރުކާރުގެ ބިންވެރިޔާ ސްކީމުގެ ދަށުން މާލޭގެ ރަށްވެހިންނަށް ދޫކުރަން ނިންމާފައިވާ 3،000 ގޯތި ލިބޭ މީހުން އިއުލާންކުރާނީ އަންނަ މެއި މަހު ކަމަށް ހައުސިން މިނިސްޓްރީން ބުނެފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

މި ސަރުކާރުގެ ބިންވެރިޔާ ސްކީމުގެ ދަށުން މާލޭގެ ރަށްވެހިންނަށް ދޫކުރަން ނިންމާފައިވާ 3،000 ގޯތި ލިބޭ މީހުން އިއުލާންކުރާނީ އަންނަ މެއި މަހު ކަމަށް ހައުސިން މިނިސްޓްރީން ބުނެފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ގައުމީ ތަރައްގީ އާއި ތަރިކައިގެ ކޮމިޓީން މިދިޔަ ބުދަ ދުވަހު ބޭއްވި ބައްދަލުވުމުގައި ވާހަކަދައްކަވަމުން ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވީ މިހާރު ކުރިއަށް ގެންދަނީ އެ ބިންތަކަށް ކުރިމަތިލާން ހުޅުވާލި ފުރުސަތުގައި އެކަމަށް އެދުނު މީހުންގެ އެޕްލިކޭޝަންތައް ދިރާސާކުރުމުގެ މަސައްކަތް ކަމަށެވެ.

އަސްލަމް ވިދާޅުވި ގޮތުގައި ބިންވެރިޔާ އަދި ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފްލެޓާއި ގޯއްޗަށް ކުރިމަތިލީ މީހުންގެ އެޕްލިކޭޝަންތައް ބަލާނީ ރައީސް އުފައްދަވާ ހާއްސަ ކޮމެޓީއެއް އަކުން ކަމަށެވެ. އެ ކޮމިޓީ އަދި އެކުލަވާނުލާ ކަމަށާއި އެކަމަކު ލަސްނުވެ އެކަން ނިމޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

[ކޮމެޓީ އެކުލަވާލާ] ނިމުނީމަ އަޅުގަނޑުމެން މި ބަލަނީ އަންނަ އަހަރުގެ މެއި މަހާ ހިސާބަށޭ އަޅުގަނޑުމެންނަށް މީހުން ޝޯޓްލިސްޓުކޮށްފައި، ގޯތި ލިބޭނެ މީހުން ކަނޑައަޅާ ނިމޭނީ: އަސްލަމް، ހައުސިން މިނިސްޓަރު

"[ކޮމެޓީ އެކުލަވައިލާ] ނިމުނީމަ އަޅުގަނޑުމެން މި ބަލަނީ އަންނަ އަހަރުގެ މެއިއާ ހިސާބަށޭ އަޅުގަނޑުމެންނަށް މީހުން ޝޯޓްލިސްޓުކޮށްފައި، ގޯތި ލިބޭނެ މީހުން ކަނޑައަޅާ ނިމޭނީ،" އަސްލަމް ވިދާޅުވި އެވެ.

"އޭގެ ތެރެއިން ހުޅުމާލެއިން ދޭން ހުރި ގޯތިތައް އަޅުގަނޑުމެން އެ ހުރީ ބިން ވެސް ފާހަގަކޮށްފައި. ގުޅިފަޅުގައި ހުރި ގޯތިތައް އަޅުގަނޑުމެންގެ ކުރެހުމުގައި އެބައޮތް ފާހަގަކޮށްފައި. ނަމަވެސް ގުޅިފަޅު ހިއްކުމުގެ މަސައްކަތް އަދި އަމަލީ ގޮތުން ނުފެށޭ."

ގުޅިފަޅު ހިއްކުމަށް ކޮންޓްރެކްޓަރާ އެކު އެއްބަސްވުމުގައި ސޮއިކޮށްފައިވާ ކަމަށާއި އެ މަސައްކަތް ކުރުމަށް ޔޫރަޕުގެ ބޭންކަކުން ލޯނު ވެސް ހަމަޖައްސައިދީފައިވާ ކަމަށް އަސްލަމް ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި އެ މަސައްކަތް ލަސްވެފައި ވަނީ އިދާރީގޮތުން ފުރިހަމަކުރަން ޖެހޭ ބައެއް ކަންކަން ނުނިމި ހުރުމުންނެވެ.

ހުޅުމާލެ އިން ދޫކުރާ 1،000 ގޯއްޗާއި ގުޅިފަޅު ހިއްކައި އެ ސަރަހައްދުން ދޫކުރާ 2،000 ގޯތީގެ އިތުރުން ހުޅުމާލޭގައި މިހާރު އިމާރާތް ކުރަމުން އަންނަ 4،000 ފްލެޓަށް އެދުމަށް ސަރުކާރުން ހުޅުވައިލީ މިދިޔަ ޖޫން މަހުގެ 26 ގަ އެވެ. އެ ފުރުސަތުގައި ގޯއްޗާއި ފްލެޓަށް އެދި 35،861 ފޯމު ހުށަހަޅާފައިވާ ކަމަށް ޕްލޭނިން މިނިސްޓްރީން ކުރިން ބުނެފައިވެ އެވެ.

އޭގެ ތެރެއިން މާލެ އިން ހިލޭ ދޫކުރާ ބިންތަކަށް އެދި ފޯމުލީ 15،164 މީހެކެވެ.

ބިންވެރިޔާ ސްކީމުގެ ދަށުން ދޫކުރާ ގޯއްޗެއްގެ އެންމެ ކުޑަ މިނަކީ 1،225 އަކަފޫޓެވެ. އެކަމަކު އާއިލާގެ މެމްބަރުންނާ ބައިވެރިވެގެން ޖޮއިންޓް އެޕްލިކޭޝަން ހުށަހަޅާ ނަމަ، އެކަކަށް ވުރެ އިތުރުވާ ކޮންމެ މީހަކަށް 400 އަކަފޫޓު އިތުރުކުރެވެ އެވެ. އެގޮތަށް 4،000 އާ ހަމައަށް ގޯތީގެ އަކަފޫޓު އިތުރުކުރެވެ އެވެ.