Roadha Mihaaru
އަވިން ހަކަތަ އުފައްދަން ޗައިނާ ކުންފުންޏަކުން އެހީވަނީ

އަވިން ހަކަތަ އުފައްދަން ޗައިނާ ކުންފުންޏަކުން ސްޓެލްކޯ އަށް އެހީވަނީ

19 ސެޕްޓެމްބަރ 2019

ސްޓެލްކޯ އިން އުފައްދާ ކަރަންޓުގެ ދެބައިކުޅަ އެއްބައި ސޯލާ ހަކަތަ އަށް ބަދަލުކުރުމުގައި އެހީވާން ޗައިނާގެ ކުންފުންޏެއް ކަމަށްވާ ޗެންގްޔުވާން (ސީވައިޖީ) އިން އެއްބަސްވެއްޖެ އެވެ.

އިދުހާމް ނައީމް އިދުހާމް ނައީމް

ސްޓެލްކޯ އިން އުފައްދާ ކަރަންޓުގެ ދެބައިކުޅަ އެއްބައި ސޯލާ ހަކަތަ އަށް ބަދަލުކުރުމުގައި އެހީވާން ޗައިނާގެ ކުންފުންޏެއް ކަމަށްވާ ޗެންގްޔުވާން (ސީވައިޖީ) އިން އެއްބަސްވެއްޖެ އެވެ.

މިއަދު މި އެއްބަސްވުމުގައި ސްޓެލްކޯގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހަސަން މުޣްނީ އެވެ. ސީވައިޖީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ނައިބު ރައީސް ވޫ ޑިއަންފެން އެވެ.

މުޣްނީ ވިދާޅުވީ ސޯލާ ހަކަތަ އުފެއްދުމަށް ކުރަމުން އަންނަ މަސައްކަތުގައި ބޭނުންވާ ތަކެތި ޗައިނާގެ ކުންފުނިން ފޯރުކޮށްދޭނެކަމަށެވެ. މި ޕްރޮޖެކްޓު ފެށުމުގެ ގޮތުން އއ. އުކުޅަހުގައި ބޭނުންކުރާ ހަކަތަ 100 ޕަސެންޓަށް ހަދަން މަސައްކަތްކުރާނެ ކަމަށް މުޣްނީ ވިދާޅުވި އެވެ.

މީގެ އިތުރުން، ޗައިނާ ކުންފުނިން ފޯރުކޮށްދޭ ތަކެތި ބޭނުންކޮށްގެން ސޯލާ ޕަވާ ސިސްޓަމްތައް މަރާމާތު ކުރުމަށް ރާއްޖޭގެ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ފުރުސަތު ހުޅުވާލާނެކަމަށް ވެސް މުޣްނީ ވިދާޅުވި އެވެ.

"މި ކުންފުނިން ދިރާސާ ކުރުމަށް ފަހު ބޭނުންވާ ސާމާނު އަޅުގަނޑުމެންނަށް ސަޕްލައި ކުރާނެ. ސްޓެލްކޯ އިން ފެސިލިޓޭޓް ކޮށްދޭނެ ތާޑް ޕާޓިތަކަށް ނޫނީ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް އަޅުގަނޑުމެންނާ ގުޅިގެން މި އެއްޗެހި އިންސްޓޯލް ކުރެވޭނެ ގޮތް،" މުޣްނީ ވިދާޅުވި އެވެ.

ސީވައިޖީގެ ނައިބު ވޫ ޑިއަންފެންގް ވިދާޅުވީ އެ ކުންފުނިން އަބަދުވެސް މިފަދަ ފައިދާ ހުރި ޕްރޮޖެކްޓުތަކުގައި އެހީތެރިކަން ފޯރުކޯށްދޭނެކަމަށެވެ. އެގޮތުން އަވިން ހަކަތަ އުފެއްދުމުން އިންސާނުންނަށް އޭގެ ސަބަބުން އެކި ގޮތްގޮތުން ފައިދާވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ސްޓެލްކޯގެ 50 ޕަސެންޓް ކަރަންޓު ސޯލާ އަށް ބަދަލު ކުރުމަށް ކުރާ މަސައްކަތުުގައި ސީވައިޖީގެ އިތުރުން، އެހެން ކުންފުނިތަކުގެ އެހީތެރިކަން ވެސް ހޯދާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.