Roadha Mihaaru
ފަހުމީގެ އަމާޒު: ސްޓެލްކޯގެ ފައިދާ 500 މިލިއަނަށް

ފަހުމީގެ އަމާޒު: ފައިދާ 500 މިލިއަނަށް އެރުވުމާއި އިޔާދަކުރަނިވި ހަކަތަ ފުޅާކުރުން

06 ޑިސެމްބަރ 2023

ސްޓެލްކޯގައި އޭނާ ހޭދަކުރެއްވި 25 އަހަރުގެ ތަޖުރިބާއާ އެކު ކުންފުނީގެ މެނެޖިން ޑިރެކްޓަރު ކަމާ ހުސެއިން ފަހުމީ ހަވާލުވެވަޑައިގަތީ، ކުންފުނި ރަނގަޅު އަމާޒަކަށް ގެންދިއުމުގެ ފުރިހަމަ ޔަގީންކަން އޮތުމުންނެވެ. އޭނާ އެންމެ ބޮޑު އިސްކަމެއް ދެއްވަނީ، ސްޓެލްކޯ އަނެއްކާ ވެސް ފައިދާވާ ކުންފުންޏަކަށް ހެދުމަށެވެ. އަދި ސްޓެލްކޯ އަކީ ސަރުކާރުގެ ބަޖެޓުން ޕަމްޕު ކުރަން ޖެހޭ ކުންފުންޏެއްގެ ގޮތުގައި އޮތް އޮތުން ބަދަލުކޮށް އެ އަސާސީ ހިދުމަތް މިހާރު ދެމުން އަންނަ މޮޑެލް ބަދަލުކޮށްލުމެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ސްޓެލްކޯގައި އޭނާ ހޭދަކުރެއްވި 25 އަހަރުގެ ތަޖުރިބާއާ އެކު ކުންފުނީގެ މެނެޖިން ޑިރެކްޓަރު ކަމާ ހުސެއިން ފަހުމީ ހަވާލުވެވަޑައިގަތީ، ކުންފުނި ރަނގަޅު އަމާޒަކަށް ގެންދިއުމުގެ ފުރިހަމަ ޔަގީންކަން އޮތުމުންނެވެ. އޭނާ އެންމެ ބޮޑު އިސްކަމެއް ދެއްވަނީ، ސްޓެލްކޯ އަނެއްކާ ވެސް ފައިދާވާ ކުންފުންޏަކަށް ހެދުމަށެވެ. އަދި ސްޓެލްކޯ އަކީ ސަރުކާރުގެ ބަޖެޓުން ޕަމްޕު ކުރަން ޖެހޭ ކުންފުންޏެއްގެ ގޮތުގައި އޮތް އޮތުން ބަދަލުކޮށް އެ އަސާސީ ހިދުމަތް މިހާރު ދެމުން އަންނަ މޮޑެލް ބަދަލުކޮށްލުމެވެ.

ސްޓެލްކޯއަކީ ލިބޭ އާމްދަނީން ހިންގޭވަރުގެ ކުންފުންޏަކަށް ހެދޭނެ ކަމާ މެދު ފަހުމީގެ އުންމީދު ވަރަށް ބޮޑެވެ. އެކަން ކުރާނެ ގޮތް އޭނާއަށް ފެނިވަޑައިގަންނަވާ އިރު ދެން ބޭނުންވަނީ އެ ޕްލޭނުތަކުގައި އަމަލީ ކުލަ ޖެއްސުމަށް ކުރަން ޖެހޭ ބުރަ މަސައްކަތް ފެށުމެވެ.

ފަހުމީ "މިހާރު" އާ ވާހަކަދައްކަވަނީ. ކުންފުނީގެ އާމްދަނީ ބޮޑުކޮށް، ފައިދާ އިތުރު ކުރުމަށް ގިނަ މަސައްކަތްތަކެއް ވަނީ ރާވާފައި -- ފޮޓޯ: ފަޔާޒް މޫސާ / މިހާރު

ފަހުމީ "މިހާރު" އާ ވާހަކަދައްކަވަނީ. ކުންފުނީގެ އާމްދަނީ ބޮޑުކޮށް، ފައިދާ އިތުރު ކުރުމަށް ގިނަ މަސައްކަތްތަކެއް ވަނީ ރާވާފައި -- ފޮޓޯ: ފަޔާޒް މޫސާ / މިހާރު

"މިހާރު" އަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި އޭނާ ވިދާޅުވީ، އެ ކުންފުންޏަކީ، 500 މިލިއަން ރުފިޔާގެ ފައިދާއެއް ލިބޭ ކުންފުންޏަކަށް ހެދުމަށް ކުރިއަށް އޮތް ފަސް އަހަރު މަސައްކަތް ކުރައްވާނެ ކަމަށެވެ.

"ކޮންމެ އަހަރަކު މަދުވެގެން 500 މިލިއަން ރުފިޔާ ފައިދާވާ ކުންފުންޏަކަށް އެބަ ހަދަން ޖެހޭ. އޭރުން މިތަނަށް ކުރަން ޖެހޭ އިންވެސްޓްމެންޓް ރިކަވާ ވާނީ. ކޮންމެ ތިން އަހަރަކުން ކެޕޭސިޓީ އިތުރު ކުރަން އިންވެސްޓް ކުރަން ޖެހޭ،" އޭނާ ވިދާޅުވި އެވެ.

އަމާޒަކީ ދެ އަހަރުން ތިން ރަށުގެ ކަރަންޓު ސޯލާއަށް ބަދަލުކުރުން

ރާއްޖޭގެ ކަރަންޓުގެ ހިދުމަތް ފޯރުކޮށްދިނުމުގައި އޮތް އެންމެ ބޮޑު ބުރަ އަކީ ތެލަށް ބަރޯސާވާން ޖެހޭ ވަރު ބޮޑުވުމެވެ. ބޭރުގެ ބާޒާރުގައި ތެލަށް އަންނަ ބަދަލާ ގުޅިގެން ދައުލަތުން އެއަށް ކުރަން ޖެހޭ ހަރަދު އެތައް ގުނައެއް އެބަ އިތުރުވެ އެވެ. މިއަހަރު އެކަނި ވެސް ރިޒާވުން ތެލުގެ ހަރަދަށް 800 މިލިއަން ޑޮލަރު ހޭދަކުރަން ޖެހުނެވެ.

ފަހުމީ ވިދާޅުވީ، މި މައްސަލައަށް އޮތް ހައްލަކީ، އިޔާދަކުރަނިވި ހަކަތައަށް ބަދަލު ކުރުން ކަމަށެވެ. އެކަން ހާސިލުކޮށްގެން ނޫން ގޮތަކަށް ދައުލަތުން ތެލަށް ކުރާ ހޭދަ އާއި އާންމުން ކަރަންޓު ބިލްތަކަށް ދައްކާ އަގަށް ބޮޑު ބަދަލެއް ނުގެނެވޭނެ ކަމަށެވެ.

އޭނާގެ އަމާޒަކީ ސްޓެލްކޯއިން އަތޮޅު ތެރޭގައި ހިންގާ ތިން ރަށަކަށް، މިހާރު ހުޅުމާލޭ ހައިވޭގައި އިންސްޓޯލްކޮށްފައިވާ ސޯލާ ޕެނަލްތައް ބަދަލުކޮށްގެން، އެ ރަށްރަށުގެ ދުވާލުގެ ކަރަންޓު ސޯލާއަށް ބަދަލު ކުރުމެވެ. އޭނާ ވިދާޅުވީ، މިއީ ހާސިލުވާނެ ޓާގެޓެއް ކަމާ މެދު ޝައްކު ނުކުރައްވާ ކަމަށެވެ.

"އަޅުގަނޑުމެން ވަރަށް ބޮޑު އަހައްމިއްޔަތު ކަމެއް ދޭނަން އިޔާދަކުރަނިވި ހަކަތައަށް. ކުދި ރަށްތަކުން ފަށާނީ،" އޭނާ ވިދާޅުވި އެވެ.

ސަރުކާރުގެ ބޭނުންވަނީ މި ފަސް އަހަރު ތެރޭ ރާއްޖޭގައި ދޭ ކަރަންޓުގެ ހިދުމަތުގެ 33 ޕަސެންޓު އިޔާދަކުރަނިވި ހަކަތައަށް ބަދަލު ކުރާށެވެ.

ސިނަމާލެ ބްރިޖު، ހުޅުލެ އާއި ހުޅުމާލެ ގުޅުވައިދޭ ލިންކު ރޯޑުގައި ސޯލާ ޕެނަލްތައް ހަރުކުރަނީ. އެ ޕެނަލްތައް ރަށްރަށަށް ބަދަލު ކުރުމަށް ވަނީ ނިންމާފައި .-- ފޮޓޯ: ނިޝާން އަލީ/މިހާރު

ސިނަމާލެ ބްރިޖު، ހުޅުލެ އާއި ހުޅުމާލެ ގުޅުވައިދޭ ލިންކު ރޯޑުގައި ސޯލާ ޕެނަލްތައް ހަރުކުރަނީ. އެ ޕެނަލްތައް ރަށްރަށަށް ބަދަލު ކުރުމަށް ވަނީ ނިންމާފައި .-- ފޮޓޯ: ނިޝާން އަލީ/މިހާރު

ފަހުމީ ވިދާޅުވީ، ކުރިއާއާޅާބަލާ އިރު ސޯލާ ޕެނަލާއި ސްޓޯރޭޖު ބެރެޓީގެ އަގު ވެސް މިހާރު މާކެޓުގައި ހެޔޮވަމުން އަންނަ ކަމަށެވެ. އަދި ވިދާޅުވީ، ގިނަ ރަށްރަށުގެ ދުވާލުގެ ކަރަންޓު ސޯލާ ކުރެވިއްޖެ ނަމަ، ދުރު މުސްތަގުބަލުގައި ކަރަންޓުގެ ހަރަދު ވަރަށް ބޮޑަށް ކުޑަ ކުރެވޭނެ ކަމަށެވެ.

"ގިނަވެގެން ދެ އަހަރުގެ ތެރޭގައި ތިން ރަށުގެ ކަރަންޓު ދުވާލުގެ ވަގުތުގައި ސޯލާއަށް ބަދަލުކުރުން. ތިން ރަށުގެ މޮޑެލްއެއް ދައްކައިގެން ފައިނޭންސް ވެސް ހޯދޭނެ،" އޭނާ ވިދާޅުވި އެވެ.

ފަހުމީ ވިދާޅުވީ، އިޔާދަކުރަނިވި ހަކަތަ އަށް ފަންޑު ހޯދުމަކީ މިހާރު އެހާ އުނދަގޫ ކަމެއް ނޫން ކަމަށެވެ. އަދި ތިން ރަށެއްގެ މޮޑެލް ފެނުމުން އެފަދަ ޕްރޮޖެކްޓްތަކަށް ފައިނޭންސިން ހޯދުމަށް އިތުރަށް ފަސޭހަވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ހަރަދު ހަމަޖައްސަން އާ ވިޔަފާރިތަކަށް ވަންނަނީ

ސްޓެލްކޯއަކީ ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ތެރެއިން އެންމެ ގިނަ ދުވަސްވީ އެއް ކުންފުންޏެވެ. އެ ކުންފުންޏަށް 75 އަހަރުވީ އިރު ވެސް، ހަރަދުތައް ހަމަޖައްސަން ވަރަށް ބޮޑަށް ދައުލަތުގެ ބަޖެޓަށް ބަރޯސާވެ އެވެ. އެކަން ބަދަލުކޮށް، ކުންފުނީގެ ފައިދާ ބޮޑު ކުރުމަށް ކުރެވޭނެ އެންމެ މުހިއްމު އެއް ކަމަކީ، އެ ކުންފުނީގައި މިހާރު ހުރި ވަސީލަތްތަކުގެ ބޭނުން ކޮށްގެން އާ ހިދުމަތްތަކެއް ދިނުން ކަމަށް އާ މެނޭޖިން ޑިރެކްޓަރު ދެކެވަޑައިގަންނަވަ އެވެ.

"މުދާ ގަތުމުގައި ވެސް ހިދުމަތް ހޯދުމުގައި ވެސް ހަރަދު ކުޑަކުރެވޭނެ. އެގޮތަށް ހިންގޭނެ ކަމުގެ ޔަގީންކަން އެބަ އޮތް. ހިންގައިފަ ދައްކަން ވެސް ދައްކާނަން،" އޭނާ ވިދާޅުވި އެވެ.

ގުޅިއަށް މިއަދު ގެންދިޔަ އާރުއޯ ޕްލާންޓް.  ---ފޮޓޯ | ސްޓެލްކޯ

ގުޅިއަށް މިއަދު ގެންދިޔަ އާރުއޯ ޕްލާންޓް. ---ފޮޓޯ | ސްޓެލްކޯ

ފަހުމީ ވިދާޅުވީ، އެކަހަލަ އާ ވިޔަފާރިތައް ދެނެގަތުމުގެ މަސައްކަތްތައް ކުރިއަށް ގެންދާ ކަމަށެވެ. މިސާލެއްގެ ގޮތުން ދެއްކެވީ، ފެނުގެ ހިދުމަތެވެ. އެއީ ވެސް ސްޓެލްކޯއަށް މާބޮޑު ހަރަދެއް ހޭދަނުކޮށް މިހާރު ވެސް ދެވޭނެ ހިދުމަތެއް ކަމަށް އޭނާ ވިދާޅުވި އެވެ. އެމްޑީ ކަމާ ހަވާލުވެ ވަޑައިގަތުމުގެ ކުރިން ސްޓެލްކޯގެ ފެނާ ގުޅޭ ޑިޕާޓްމެންޓް ޖެނެރަލް މެނޭޖަރުކަން ވެސް ކުރެއްވި ފަހުމީ ވިދާޅުވީ، ހުޅުމާލޭގައި ހުރި ސްޓެލްކޯގެ ޕްލާންޓުތަކުން 900 ޓަަނުގެ ފެން އުފެއްދުމުގެ ގާބިލުކަން އެ ކުންފުނީގައި އެބަހުރި ކަމަށެވެ.

"ފަސް މިލިއަން ޑޮލަރު ހަރަދުކޮށްފައި އެބަހުރި ފެން އުފައްދަން. ރަނގަޅު، އެ ފެނަކީ އިންޖީނަށް ވެސް ބޭނުން ކުރާ އެއްޗެއް. އެހެން ނަމަވެސް އެ ފެން އެއްކޮށް ބޭނުން ނުކޮށް މިހާރުވެސް އެހުރީ. އެ ފެން ވިއްކިވެސް ދާނެ އަޅުގަނޑުމެންނަށް،" އޭނާ ވިދާޅުވި އެވެ.

ފަހުމީ ވިދާޅުވީ، ފެނުގެ ރައްކާތެރިކަން ރާއްޖެއަށް އެންމެ ފުރިހަމައަށް ނެތް އިރު ހަމައެކަނި އެމްޑަބްލިއުއެސްސީ އަށް އެކަމުގައި ބަރޯސާވުމަކީ އެންމެ ރަނގަޅު ގޮތް ނޫން ކަމަށެވެ. އެހެންވެ، އެކުންފުންޏަށް ކަމެއް ދިމާވާ ހާލަތުގައި ފެނަށް ދަތިވާނެ ކަމަށާއި އެހެންވީމަ ފެނުގެ ހިދުމަތް ސްޓެލްކޯއަށް ވެސް ދެވިދާނެ ކަމަށް ވިދާޅުވި އެވެ.

ފަހުމީ މަގުމަތީގައި ސްޓެލްކޯއިން ކުރައްވާ މަސައްކަތެއް ބައްލަވާލައްވަނީ -- ފޮޓޯ: ސްޓެލްކޯ

ފަހުމީ މަގުމަތީގައި ސްޓެލްކޯއިން ކުރައްވާ މަސައްކަތެއް ބައްލަވާލައްވަނީ -- ފޮޓޯ: ސްޓެލްކޯ

ފެނުގެ ހިދުމަތުގެ އިތުރުން އާންމުކޮށް ރާއްޖޭގެ ހާޑްވެއާތަކުން ނުގެންނަ ކަރަންޓު ހިދުމަތް ދޭން ބޭނުންކުރާ އަގު ބޮޑެތި ސާމާނު ވިއްކަން ސްޓެލްކޯއަށް ފުރުސަތު އެބަ އޮތް ކަމަށް ފަހުމީ ވިދާޅުވި އެވެ. އެކަން ކުރާނީ އާންމު ވިޔަފާރިތަކަށް އުނދަގޫ ނުވާނެ ގޮތަކަށް ކަމަށް އޭނާ ވިދާޅުވި އެވެ.

މާލެ ސަރަހައްދަށް އިތުރު 100 މެގަވޮޓް

މި ވަގުތު މާލޭ ސަރަހައްދުގެ ކެޕޭސިޓީއަކީ 122 މެގަވޮޓެވެ. މިވަގުތު މާލޭގައި ކަރަންޓު ބޭނުން ކުރަނީ ވެސް ގާތްގަނޑަކަށް އެ އަދަދަށެވެ. އެހެންވެ، މި ސަރަހައްދުގެ ކަރަންޓުގެ ހިދުމަތް ފުޅާކުރަން އިތުރު 100 މެގަވޮޓް ބޭނުންވާ ކަމަށް ފަހުމީ ވިދާޅުވި އެވެ.

އެކަމަށް ވަރަށް ބޮޑު އިސްކަމެއް ދެއްވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"ވޭތުވެދިޔަ ފަސް އަހަރު ނެތް އިތުރު އިންވެސްޓްމެންޓެއް ކޮށްފައެއް. އަޅުގަނޑުމެން މިހާރު 100 މެގަވޮޓް މަސައްކަތް ނުފައްޓައިފިއްޔާ 2026 ކޭޓާއެއް ނުކުރެވޭނެ،" އޭނާ ވިދާޅުވި އެވެ.

އެ ކުންފުނީގެ ކެޕޭސިޓީ ކޮންމެ ތިން އަހަރަކުން އިތުރު ކުރަން ޖެހޭ އިރު ކުންފުނި ފައިދާވާ ކުންފުންޏަކަށް ނަހަދައި އެކަން ހާސިލުކުރަން ދަތިވެ އެވެ. އެކަން ކުރަން ޖެހެނީ ދައުލަތުގެ އެހީގަ އެވެ. ފަހުމީގެ ބޭނުންވެ ވަޑައިގަންނަވަނީ އެކަން ބަދަލުކޮށްލައްވާށެވެ. އަދި އެ ކުންފުންޏަށް ލިބޭ އެއްޗަކުން ހިންގޭނެ ގޮތަކަށް ކުންފުނި ބައްޓަން ކުރުމަށެވެ.