Roadha Mihaaru
ކެޓި ފްލައިޓް އަތުޖެހޭތޯ ރަންވޭގައި ދުވުމުން ޖޫރިމަނާ

ކެޓި ފްލައިޓް އަތުޖެހޭތޯ ރަންވޭމަތީގައި ދުވުމުން ޖޫރިމަނާކޮށްފި

20 ސެޕްޓެމްބަރ 2019

އިޓަލީން އިނގިރޭސިވިލާތުގެ ލަންޑަނަށް ފުރަން އޮތް ފްލައިޓަށް ސަމާލުކަން ނުދީ ތިއްބާ ބޯޓު ނައްޓާލުމުން ރަންވޭ އަށް އަރައި، ބޯޓް އަތުޖެހޭތޯ ދުވި ދެބަފަޔަކު ހައްޔަރުކޮށް އަންގާރަ ދުވަހު ޖޫރިމަނާކޮށްފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އިޓަލީން އިނގިރޭސިވިލާތުގެ ލަންޑަނަށް ފުރަން އޮތް ފްލައިޓަށް ސަމާލުކަން ނުދީ ތިއްބާ ބޯޓު ނައްޓާލުމުން ރަންވޭ އަށް އަރައި، ބޯޓް އަތުޖެހޭތޯ ދުވި ދެބަފަޔަކު ހައްޔަރުކޮށް އަންގާރަ ދުވަހު ޖޫރިމަނާކޮށްފި އެވެ.

މީޑިއާތަކުން ބުނި ގޮތުގައި އިޓަލީގެ ކަގްލިއާރީ އެއާޕޯޓްގައި ފުރަން އޮތް އީޒީ ޖެޓްގެ މަތިންދާބޯޓަށް ނޭރި، ފްލައިޓް ކެޓުމުން ރަންވޭ މައްޗަށް އަރައި ބޯޓްގެ ފަހަތުން ދުވި އެންޓޯނިއޯ ލޯއީ، 65، އާއި އޭނާގެ ފިރިހެން ދަރިފުޅު ޑީޖޭ ޓޯނީ ލޯއީ، 40، ޖޫރިމަނާކޮށްފައި ވަނީ ކޮންމެ މީހަކު 2،000 ޔޫރޯ (2,212.42 ޑޮލަރު) އިންނެވެ.

އެ ދެ މީހުން ރަންވޭ މައްޗަށް އަރައި ބޯޓް ފަހަތުން ދުވަނިކޮށް، ހައްޔަރުކުރީ ފުލުހުން ހަތިޔާރު އަޅައި ރަންވޭ މައްޗަށް އަރައިގެންނެވެ.

އިޓަލީގެ ސާޑިނިއާ އަށް ޗުއްޓީއަކަށް ދިޔަ ދެބަފައިންނަށް ފުރޭ ގޮތް ނުވެ، ޖޫރިމަނާއަކާ ކުރިމަތިލާން ޖެހުމުން ޓޯނީ ބުނީ އެ މައްސަލަ އިސްތިއުނާފުކުރާނެ ކަމަށެވެ.

އެންޓޯނިއޯ.

އެންޓޯނިއޯ.

"އަހަރެމެންނަކީ ކުށްވެރިންނެއް ނޫން. އަދި ރަންވޭ މައްޗަށް އެރި އިރު އަހަރެމެން ތިބީ ފުލުހުން ތުހުމަތުކުރާ ގޮތަށް މަސްތުވެގެނެއް ވެސް ނޫން. އެހެންވީމާ ހަތިޔާރާ އެކު ފުލުހުން ނުކުމެ ބޮޑެތި ކުށްވެރިންތަކެއް އަތުލައިގަންނަ ގޮތަށް އަހަންނާއި ބައްޕަ ހައްޔަރުކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން،" ދަ ސަން އަށް ޓޯނީ ބުންޏެވެ. "އަހަރެމެން ކުރިން ހީކުރީ ފުލުހުން އަންނަ ތަން ފެނުނީ އަހަރެމެންނަށް އެހީވާން އެ މީހުން އަންނަނީ ކަމަށް. އެކަމަކު ފެނުނީ މުޅިން އެހެން މަންޒަރެއް."

ޓޯނީ ބުނިގޮތުގައި ފްލައިޓް ކަޓަން ދިމާވީ ބޯޑިން އެނައުންސްމަންޓް އިއްވި އިރު، އޭނާ ކަންފަތުގައި އިއަފޯން ޖަހައިގެން އެއާޕޯޓްގެ ގްރައުންޑް ފްލޯގައި އިނުމުންނެވެ. އަދި އެތަނުގައި ތިބީ އާންމުކޮށް ފްލައިޓަށް އަރަނީ ގްރައުންޑް ފްލޯއިން ކަމަށްވާތީ ކަމަށް ބުންޏެވެ.

ޓޯނީ.

ޓޯނީ.

"އެކަމަކު ފްލައިޓަށް މީހުން އެރި ކަމަށް ވަނީ ފުރަތަމަ ފަންގިފިލާއިން. އެހެންވެ އަހަރެމެންނަށް ހަގީގަތުގައި އެކަން ރޭކާނުލީ. ބައްޕަ އަށް ކުއްލިއަކަށް ބޯޓް ދުއްވާ ތަން ފެނުނީމަ އަހަރެމެން ބޯޑިން ގޭޓުން ނުކުމެ ރަންވޭ މައްޗަށް އަރައި ބޯޓަށް އެރޭތޯ ދުވީ،" ޓޯނީ ބުންޏެވެ.