Roadha Mihaaru
ކަރަންޓު ބޭނުންކުރާވަރު ފެންނަ "ސްމާޓްމީޓާ" ހަރުކުރަނީ

ކަރަންޓު ބޭނުންކުރެވޭ މިންވަރު ފެންނަ "ސްމާޓް މީޓަރު" ހަރުކުރަނީ

19 ސެޕްޓެމްބަރ 2019

ބޭނުންކުރާ ކަރަންޓުގެ މިންވަރު ފެންނަން ހުންނަ "ސްމާޓް މީޓަރު" ގޭގޭގައި ހަރުކުރުމުގެ މަޝްރޫއެއް ފެނަކަ ކޯޕަރޭޝަނުން ފަށައިފި އެވެ.

އާމިނަތު ޝިފްލީން އާމިނަތު ޝިފްލީން

ބޭނުންކުރާ ކަރަންޓުގެ މިންވަރު ފެންނަން ހުންނަ "ސްމާޓް މީޓަރު" ގޭގޭގައި ހަރުކުރުމުގެ މަޝްރޫއެއް ފެނަކަ ކޯޕަރޭޝަނުން ފަށައިފި އެވެ.

އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދު މުހައްމަދު ވިދާޅުވީ ރާއްޖެ އަށް މުޅިން އަލަށް ތައާރަފް ކުރާ އެ މީޓަރު ބ. ގޮއިދު އާއި ތ. ބުރުނީގެ ބައެއް ގޭގޭގައި މިހާރު ހަރުކޮށްފައިވާ ކަމަށެވެ. އެކަމަކު، އެއީ ޓެސްޓު ކުރުމުގެ ގޮތުން ކަމަށާއި ކުރިއަށް އޮތްތަނުގައި އެހެން ރަށްރަށުގައި ވެސް އެ މަޝްރޫއު ކުރިއަށް ގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ސައީދު ވިދާޅުވި ގޮތުގައި، ކަރަންޓު ބޭނުން ކުރެވޭ މިންވަރު އެ މީޓަރުން ފެންނަން ހުންނާނެ އެވެ. އެހެންވެ، ކަރަންޓު ކޮންޓްރޯލް ކުރުމުގެ ބާރު ގޭގޭގެ މީހުންނަށް ލިބޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"މިސާލަކަށް ގޭގެ ކަރަންޓަށް ކަނޑައެޅި 1،500 ރުފިޔާގެ ލިމިޓް ހަމަވެއްޖެއްޔާ ބޭނުން ކުރާ މިންވަރު މަދުކޮށްލެވޭނެ. ބޭނުން ކުރާ ޔޫޒޭޖް ފެންނަން ހުންނަ ނަމަ ބޭނުން ލެވެލްއެއްގައި ކަރަންޓު ހިފެހެއްޓޭނެ،" ސައީދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މި މީޓަރު ހަރުކުރުމުން ގޭގެ އަށް ރީޑިން ނަގަން ދާން ނުޖެހޭނެ ކަމަށާއި އެ ގެއަކަށް ޚަރަދުވާ ކަރަންޓުގެ މިންވަރު ސިސްޓަމުން ފެންނަން ހުންނާނެ ކަމަށެވެ.

ސްމާޓް މީޓަރާ އެކު "ޕްރީޕެއިޑް" މީޓަރު ވެސް ތައާރަފް ކުރަން މަސައްކަތް ކުރައްވާނެ ކަމަށް އޭނާ ވިދާޅުވި އެވެ. އެއީ ކަރަންޓު ބޭނުންވާ މިންވަރަށް ފައިސާ ދައްކައިގެން "ޓޮޕްއަޕް" ކުރެވޭ ގޮތަށް ހަރުކުރާ މީޓަރެކެވެ. ފެނަކައިން ބުނިގޮތުގައި އަންނަ ނޮވެމްބަރު މަހުގެ ތެރޭގައި އެ މީޓަރު ތައާރަފްކުރުމަށް، ފަންނީ މީހުންގެ ލަފާ އަންނަނީ ހޯދަމުންނެވެ.

އެ ކުންފުނިން ބުނީ ރަށްރަށުގެ ކަރަންޓުގެެ ފެންވަރު ރަނގަޅު ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށާއި މި މަޝްރޫއުތަކަކީ އޭގެ ތެރެއިން ބައެއް ކަމަށެވެ.