Roadha Mihaaru
ހިޔާ ފްލެޓްތަކުގެ ކުލި އިތުރު ތިން މަހަށް ފަސްކޮށްފި

ހިޔާ ފްލެޓްތަކުން ކުލި ނެގުން ފަސްކުރަން ރައީސް ނިންމަވައިފި

26 ޑިސެމްބަރ 2021

އަންނަ މަހުން ފެށިގެން ހިޔާ ފްލެޓްތަކުން ކުލި ނުނަގަން ނިންމައި، ކުލި ދައްކަން ފަށަން އިތުރު ތިން މަސް ދުވަސް ދިނުމަށް ނިންމާފައިވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިރޭ ވިދާޅުވެއްޖެ އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

އަންނަ މަހުން ފެށިގެން ހިޔާ ފްލެޓްތަކުން ކުލި ނުނަގަން ނިންމައި، ކުލި ދައްކަން ފަށަން އިތުރު ތިން މަސް ދުވަސް ދިނުމަށް ނިންމާފައިވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިރޭ ވިދާޅުވެއްޖެ އެވެ.

ޖުމްހޫރީ މައިދާނުގައި ބޭއްވި ގައުމީ އެއްބައިވަންތަކަމުގެ ދުވަހުގެ ރަސްމީ ޖަލްސާގައި ރައީސް ވިދާޅުވީ ހިޔާ ފްލެޓްތަކަށް ދިރިއުޅުން ބަދަލުކުރާ މީހުންގެ ހުރި ކަންބޮޑުވުންތަކާއި ދަތިތައް ހައްލުކުރުމުގެ ގޮތުން ފްލެޓްތަކުގެ ފިނިޝިން ނިންމުމަށްޓަކައި، ކުލި ނުނަގައި އިތުރު ތިން މަސް ދުވަސް ފްލެޓްތަކުގެ ވެރިންނަށް ދޭން ސަރުކާރުން ނިންމާފައިވާ ކަމަށެވެ.

ރައީސް ވިދާޅުވި ގޮތުގައި ސަރުކާރުން އަބަދު ވެސް މަސައްކަތް ކުރާނީ، ރައްޔިތުންގެ އަޑު އަހައި، ރައްޔިތުން އެދޭ ގޮތަށް ކަންކަން ފުރިހަމަކޮށް ދިނުމަށެވެ. މި ވަގުތަށް ބަލާއިރު، ހުޅުމާލެ ދެވަނަ ފިޔަވަހީގައި އިމާރާތްކޮށްފައިވާ ހިޔާ ފްލެޓްތަކަށް ދިރިއުޅުން ބަދަލުކުރާ މީހުންގެ ކަންބޮޑުވުންތަކެއް ހުރިކަން އެނގިވަޑައިގަންނަވާ ކަމަށާއި އެ ދަތިތައް ހައްލުކޮށްދެއްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

"މިކަމަށް އިތުރު ލުޔެއް ދިނުމުގެ ގޮތުން، ސަރުކާރުން މިހާރު ނިންމާފައި މިވަނީ ފްލެޓްތައް ނިންމުމަށްޓަކައި، ކުލި ނުނަގައި އިތުރު ތިން މަސްދުވަސް ފްލެޓްތަކުގެ ވެރިންނަށް ދޭން. އަޅުގަނޑު އުންމީދު ކުރަނީ މިފެށޭ އަހަރުގެ މާޗް މަސް ނިމޭއިރު ފްލެޓްތައް ވެސް ނިމިގެން އެތަނުގައި ދިރިއުޅެން ފެށޭވަރު ވާނެ ކަމަށް،" ރައީސް ވިދާޅުވި އެވެ.

ސަރުކާރުން މި ގޮތަށް ނިންމުމުން ދެން ހިޔާ ފްލެޓްތަކަށް ކުލި ދައްކަން ޖެހޭނީ އަންނަ އަހަރު އެޕްރީލް މަހުން ފެށިގެންނެވެ.

ހިޔާ ފްލެޓުތަކުގެ ފިނިޝިން އަށް މިހާރު ދީފައިވާ ގްރޭސް ޕީރިއަޑް މި މަހުގެ ނިޔަލަށް ހަމަވާއިރު، އަދިވެސް ގިނަ ފްލެޓްތަކެއް ނުނިމި ހުރުމުން އެކަމަށް އިތުރު މުއްދަތެއް ބޭނުންވާ ކަމަށް ބުނެ، އާންމުންގެ ޖަމިއްޔާ އާއި ހިޔާ ޔުނިއަން އަދި ފްލެޓްތަކުގެ ވެރިން ގުޅިގެން ވަނީ މިދިޔަ ހުކުރު ދުވަހު މުޒާހަރާ ވެސް ކޮށްފަ އެވެ. އަދި ފުލެޓް ކުލި ނުދައްކާނެ ކަމުގެ އިންޒާރު ވެސް ދިނެވެ.

ސުލްހަވެރި އެއްވުމުގައި ގިނަ ބަޔަކު ކަންބޮޑުވުމެއްގެ ގޮތުގައި ފާހަގަކުރީ ގްރޭސް ޕީރިއަޑަށް ދީފައިވާ ހަތަރު މަސް ދުވަހުގެ މުއްދަތު ކުރުވެފައި، އެ މަސައްކަތްތައް އަދިވެސް ނުނިމި ހުއްޓާ އަންނަ މަހުން ފެށިގެން ކުލި ދައްކަން ޖެހުމެވެ. އަދި ފްލެޓްގެ ކުލި ބޮޑުވުމަކީ ވެސް ޝަކުވާއެކެވެ.

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އިމާރާތްކޮށްފައިވާ ހިޔާ ފްލެޓުގެ މަހު ކުއްޔަށް 7،500ރ. އަދި ސާވިސް ފީގެ ގޮތުގައި ކަނޑައަޅާފައި ވަނީ 1،000ރ. އެވެ. މި ކުލި ބޮޑު ކަމަށް ބުނެ ކުރީ ސަރުކާރުގައި ފްލެޓަށް ކަނޑައެޅި 5،600ރ. ކުއްޔަށް ނެގުމަށް ދަނީ އެދެމުންނެވެ.

އެއްބައިވަންތަކަމުގެ ދުވަހުގެ މުނާސަބަތުގައި ބޭއްވި ޖަލްސާގައި ވަނީ ޑިސެމްބަރު، 26، 2004 ގައި ރާއްޖެ އަށް ކުރިމަތިވި ސުނާމީ ކާރިސާގައި ދުނިޔެ ދޫކުރި މީހުންގެ ހަނދާނުގައި އެއް މިނިޓުގެ ސުކޫތެއް ގެނެސްފަ އެވެ. އަދި މި ޖަލްސާގައި ވަނީ ސަރުކާރުން މި އަހަރު ދޭން ފެށި "ދައުލަތަށް ހިދުމަތްކުރުމުގެ އިނާމު" 98 މީހަކަށް ދީފަ އެވެ.