20 ސެޕްޓެމްބަރ 2019
މުހައްމަދު ރަޝީދު (މޯޑް) އާއި ޝިފާޒް މުހައްމަދު ފަހަތަށް ޖައްސާލައި ދިރާގު މޯލްޑިވްސް ރޯޑްރޭހުގެ ފިރިހެނުންގެ 10 ކިލޯމީޓަރު ރޭހުގެ އެއް ވަނަ މަގާމް، 34:25 މިނެޓުން ދުވެ ހުސެއިން ފަޒީލް ހާރޫން (ފްލޭޝް) މިއަދު ދިފާއުކޮށްފި އެވެ.
މުހައްމަދު ރަޝީދު (މޯޑް) އާއި ޝިފާޒް މުހައްމަދު ފަހަތަށް ޖައްސާލައި ދިރާގު މޯލްޑިވްސް ރޯޑްރޭހުގެ ފިރިހެނުންގެ 10 ކިލޯމީޓަރު ރޭހުގެ އެއް ވަނަ މަގާމް، 34:25 މިނެޓުން ދުވެ ހުސެއިން ފަޒީލް ހާރޫން (ފްލޭޝް) މިއަދު ދިފާއުކޮށްފި އެވެ.
އެކަމަކު މިދިޔަ އަހަރު ވެސް އޭނާ އެއް ވަނަ ހޯދި މި ރޭސް ކާމިޔާބުކުރެވުމުން އަދި އަރާމުކުރެވޭކަށް ނެތެވެ. މިއަދު ހަވީރު އަނެއްކާ ވެސް ބޫޓަށް އަރާނީ އެ ރޭހުގެ ފަސް ކިލޯމީޓަރު ދުވުން ކާމިޔާބުކުރާށެވެ. އޭރުން ފަޒީލަށް މިޑްލް ޑިސްޓެންސްގެ އެންމެ މުހިއްމު ދެ އިވެންޓް ކަމަށްވާ 10 ކިލޯމީޓަރާއި ފަސް ކިލޯމީޓަރުގެ ހަތަރު ރަން މެޑަލް އެއް މަސް ތެރޭ ކަރުގައި އަޅުވާލެވުނީ އެވެ. އޭނާ ވަނީ އެ ދެ އިވެންޓުގެ ޓްރެކް ރޭސް ކަމަށްވާ 1000 މީޓަރާއި 5000 މީޓަރުގެ ގައުމީ ޗެމްޕިއަންކަން މީގެ ދެ ހަފުތާ ކުރިން ހޯދައިފަ އެވެ.
ހުޅުމާލޭގައި މިއަދު 617 ދުވުންތެރިން ވާދަކުރި ރޭހުގެ 10 ކިލޯމީޓަރުގެ އަންހެން ބައިން އެއް ވަނަ ހޯދީ، 44:03 މިނެޓުން ދުވި މިދިޔަ އަހަރުގެ އެއް ވަނަ މަރިޔަމް އަބްދުލްކަރީމް (މަރީ) ފަހަތަށް ޖައްސާލައި 43:52 މިނެޓުން ދުވި ޒުވާން ދުވުންތެރިޔާ އައިމިނަތު ޖާއިޝާ ޖުނީޒެވެ. ރޭހުގެ ތިން ވަނަ އަކީ 47:01 މިނެޓުން ދުވި ސްރީ ލަންކާގެ ޕެޓްރީޝިއާ ޑޮރީން ގޯމޭޒެވެ.
10 ކިލޯމީޓަރުގެ ރޭހުގެ އަންހެން ބައިގެ އެއް ވަނަ ޖާއިޝާ (ކ-3) އާއި ދެ ވަނަ މަރީ (ވ-2) އަދި ތިން ވަނަ ޕެޓްރީޝިއާ (ކ-2) ދިރާގުގެ ސީއީއޯ އިސްމާއިލް ރަޝީދު (ކ) އާއި އެތުލެޓިކްސް އެސޯސިއޭޝަނުގެ ކުރީގެ ރައީސް މައިޒާން އަލިމަނިކާ އެކު.
ފަޒީލް މާ ބޮޑު އުނދަގުލަކާ ނުލާ އެއް ވަނަ ހޯދި ނަމަވެސް ދެ ވަނަ ހޯދި މޯޑާއި ތިން ވަނަ ހޯދި ޝިފާޒުގެ ނިންމުން ދިޔައީ ވަރަށް ވާދަވެރިކޮށެވެ. މޯޑް ދެ ވަނަ ހޯދީ 35 މިނެޓު 12.6 ސިކުންތުން ދުވެގެންނެވެ. ޝިފާޒުގެ ޓައިމިން އަކީ 35 މިނެޓު 12.7 ސިކުންތެވެ.
ދެ ދުވުންތެރިންގެ ފަރަގަކީ ސިކުންތެއްގެ ބައިކުޅަ ބައިގެ ފަރަގެކެވެ. އިލެކްޓްރޯނިކް ޓައިމިން ޗިޕުން ޓައިމިން ދިނުމާ ހަމަޔަށް ވެސް ދެ ދުވުންތެރިންގެ ތެރެއިން ކުރިން ނިންމީ ކާކުކަން ކަށަވަރެއް ނުވެ އެވެ. ލޮލަށް ފާޅުނުވާހާ ކުޑަ ފަރަގެކެވެ.
އެ ދެ ދުވުންތެރިން ވާދަވެރިކޮށް ދިޔަ ނަމަވެސް އެއް ވަނައިގައި ފަޒީލަށް މާބޮޑު ވާދައެއް ނެތުމުން އޭނާ އަށް ވެސް ލާނެ ހިތްވަރެއް ނެތި ޓައިމިން އެހާ ރަނގަޅެއް ނުކުރެވުނެވެ.
"އުއްމީދުކުރީ ރާއްޖޭގެ އެލީޓް ދުވުންތެރިންނާ އެކު ވަރަށް ވާދަވެރި ރޭހެއްގައި ދުވެލަން. އެކަމަކު އެ ފައިޓެއް ނެތް،" ގާތްގަނޑަކަށް ކިލޯމީޓަރެއްގެ ފަރަގުން އެއް ވަނަ ހޯދި ފަޒީލް ބުންޏެވެ.
ރޯޑް ރޭހުގެ 10 ކިލޯމީޓަރުގެ އެއް ވަނަ ފަޒީލް އިނގިލިތަކުގެ އިޝާރާތުން "ފްލޭޝް" ދައްކާލަނީ: އެއީ ދުވުމުގައި އޭނާ ބޭނުންކުރާ ލޯގޯ. --ފޮޓޯ: ހުސެއިން ވަހީދު/ މިހާރު
މޯޑާއި ޝިފާޒަކީ މެރެތަން އާއި ހާފް މެރެތަނަށް ހާއްސަ ދުވުންތެރިން ނަމަވެސް އާއްމު ހާލަތުގައި އެ ދެ ދުވުންތެރިން ވެސް ފަޒީލާ ވާދަކުރާނެ އެވެ. މިއަދުގެ ހާލަތު ތަފާތުވީ އެވެ. ނޭޕާލުގައި ބޭއްވި ޓްރައި މެރެތަން ރޭހެއްގައި އަންގާރަ ދުވަހު ވާދަކުރުމަށް ފަހު މޯޑް މާލެ އައީ ރޭގެ ވަގުތެއްގަ އެވެ. ދުވުމާއި ބައިސިކަލް ދުއްވުން އަދި ރިވާ ރޭފްޓިން ހިމެނޭ އެ ބުރަބޮޑު އިވެންޓަށް ފަހު މާލެ އަންނަ ގޮތަށް އޮތީ މާދަމާ ކަމަށްވީ ނަމަވެސް ސިފައިންގޭގެ އެހީއާ އެކު ދަތުރު އަވަސްކޮށް ރޭ އައީ ވެސް މިއަދުގެ ރޭހުގައި ކޮންމެހެން ވާދަކުރަން ބޭނުންވާތީވެ އެވެ.
"ރޭހުގައި ބައިވެރިވެވޭނެ ކަމުގެ ޔަގީންކަމެއް ކުރިން ނެތް. ރަނގަޅަށް ރިކަވާވެސް ނުވެ މިދުވީ،" މޯޑް ބުންޏެވެ.
ޝިފާޒް ވެސް މިވަގުތު ތައްޔާރުވަނީ އަންނަ މަހު އޮންނަ އެމްސްޓްރެޑަމް މެރެތަނަށެވެ. މިއީ އޭނާ ބުނި ގޮތުގައި ޖެނެރަލް ތަމްރީންތަކުގެ ދުވަސްވަރު ކަމުން އެންމެ ރަނގަޅު ޓައިމިންގައި ނުދެވުނީ އެވެ.
"ގޯހެއް ނޫން. ޓާގެޓްކުރީ ކިލޯމީޓަރެއް 3:25 މިނެޓާއި 3:22 މިނެޓުގެ ތެރޭ ދުން. ދުވެވުނީ 3:29 މިނެޓުން. އުއްމީދުކުރި ވަރު ނުވިޔަސް ހިތްހަމަޖެހޭ. އަނެއްކާ މިވަގުތު މެރެތަންގެ ޖެނެރަލް ޕްރިޕަރޭޝަނުގައި މިއުޅެނީ ވެސް،" ޝިފާޒް ބުންޏެވެ.
މޯޑް (ވ) އާއި ޝިފާޒް ރޭސް ނިންމަނީ: އެކަމަކު އޭރު ވަނައެއް ކަށަވަރެއްނުވެ. -- ފޮޓޯ: ހުސައިން ވަހީދު/ މިހާރު
ވާދަވެރިކަމެއް ނެތުމުގެ އިތުރުން ފަޒީލަށް އެންމެ ބާރު ދުވެލީގައި ނުދުވި ސަބަބަކީ މިއަދު ހަވީރު ފަސް ކިލޯމީޓަރުގެ ރޭސް އޮތުމާއި އަދި ކުރިއަށް މުބާރާތްތަކެއް ހުރުމާ އެކު ވަކި ޕްލޭނެއްގެ ދަށުން ކުރިއަށްގެންދާތީވެ އެވެ. މިދިޔަ ޖުލައި މަހު އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ގައުމީ ޓީމަށް ދުވެފައި އައި ގޮތަށް އަނިޔާއަކަށް ފަރުވާ ހޯދީ އެވެ. އަދި ކިރިޔާ ފިޓްވެލައިގެން ނުކުމެ ގައުމީ މުބާރާތުގެ 5000 މީޓަރާއި 10000 މީޓަރާއި 1500 މީޓަރު ދުވުން ކާމިޔާބުކުރި އެވެ. މިއަދުގެ ދެ ރޭހަށް ފަހު އޭނާ އަށް ދެން އޮންނާނީ އަންނަ މަހު އޮންނަ ނެޝަނަލް ގްރޯން ޕްރީ އެވެ.
މަރީ މިއަދު 10 ކިލޯމީޓަރު ދުވުމުގެ ރޭސް ނިންމައި އުފާފާޅުކުރަނީ: ޖާއިޝާ އަތުން ބަލިވި ނަމަވެސް މިއަދު ހަވީރު ފަސް ކިލޯމީޓަރު ކާމިޔާބުކުރުމުގެ ފުރުސަތު އެބައޮތް. --ފޮޓޯ: ހުސައިން ވަހީދު/ މިހާރު
ރޭހުގެ އަންހެނުންގެ 10 ކިލޯމީޓަރު އެއް ވަނަ ހޯދި ޖާއިޝާ އަކީ މިވަގުތު ރާއްޖޭގައި ހުރި އެންމެ އުއްމީދީ އަންހެން މިޑްލް ޑިސްޓެންސް ދުވުންތެރިޔާ އެވެ. މިދިޔަ ހަތަރު ވަރަކަށް އަހަރު ރާއްޖޭގެ މިޑްލް އަދި ލޯންގް ޑިސްޓެންސް ދުވުންތަކުގެ ރަނިކަން ކުރި މަރީގެ މައްޗަށް އޭނާ ވަނީ، ނިމިގެން ދިޔަ ގައުމީ މުބާރާތުގެ 1500 މީޓަރު ރޭހުން ވެސް ކުރި ހޯދައިފަ އެވެ.
މިއަދު ހަވީރު އޮންނަ ފަސް ކިލޯމީޓަރު ރޭހުގެ އެއް ވަނަ އަށް ވެސް ވާދަކުރާނީ އެ ދެ ދުވުންތެރިންނެވެ. މިދިޔަ އަހަރު އެ ރޭސް ކާމިޔާބުކުރީ ޖާއިޝާ އެވެ. އެ ފަހަރު އެއް ވަގުތެއްގައި ދެ ރޭސް އޮތުމުން މަރީ 10 ކިލޯމީޓަރު ރޭސް އިހުތިޔާރުކޮށް އެ ރޭހުގައި ދުވެ ކާމިޔާބުކުރީ އެވެ. މަރީ އަކީ ގައުމީ މުބާރާތުގެ 5000 މީޓަރު ދުވުމުގެ އެންމެ ފަހުގެ އެއް ވަނަ އެވެ.
ދިރާގު ރޯޑް ރޭސް: ފަޒީލަށް ދެ ރޭސް ކާމިޔާބުކުރެވިދާނެތަ؟
މޯޑާއި ފަޒީލް: ގައުމީ މުބާރާތުން ބޮޑު ވާދަވެރިކަމެއް
ދުވުންތެރިން އެންމެ ފަހުން ތަމްރީނަށް ފުރައިފި
ރެކޯޑަށް ވުރެ އަވަހަށް ދުވެ ފަޒީލާއި މަރީ ފަސް ކިލޯމީޓަރު ރޭސް ކާމިޔާބުކޮށްފި
ދިގު ބްރޭކަށް ފަހު އެނބުރި އައި ޝިފާޒަށް ކުރިއެރުން
ގްރޯން ޕްރީގައި ހަތަރު ފަހަރުވެސް ފަޒީލަށް ތަށި
ފަޒީލް މިފަހަރު މުގުރާލީ 30 އަހަރުވީ ރެކޯޑެއް
ކުރީގެ ދެ ވާދަވެރިން މިހާރު އެކުވެ ރޭހުގެ ކުރިއަށް
ފަޒީލް އާއި ރިއްފަތު ވެސް އިންޑިއަން ގްރޯން ޕްރީގައި
ފަޒީލް އާއި ރިއްފަތު އިންޑިއާގެ ޓްރޭނިން ކޭމްޕާ ގުޅެނީ