Roadha Mihaaru
މާލޭގައި ފެން ބޮޑުވެ ގޭގެއަށް ފެންވަންނަނީ

މާލޭގައި ފެން ބޮޑުވެ ގޭގެއަށް ފެންވަންނަނީ

21 ސެޕްޓެމްބަރ 2019

ރޭ ދަންވަރުން ފެށިގެން ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން މާލޭގެ ބޮޑު ސަރަހައްދެއްގައި ފެންބޮޑުވެ، ގެތަކަށް ފެންވަންނަން ފަށައިފި އެވެ.

އަހުމަދު ސާއިލް އަލީ އަހުމަދު ސާއިލް އަލީ

ރޭ ދަންވަރުން ފެށިގެން ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން މާލޭގެ ބޮޑު ސަރަހައްދެއްގައި ފެންބޮޑުވެ، ގެތަކަށް ފެންވަންނަން ފަށައިފި އެވެ.

އިއްޔެ ހަވީރުން ފެށިގެން މާލެ އަށް ވާރެ ވެހެމުން ދިޔަ އެވެ. ނަމަވެސް ބޯކޮށް ވާރޭ ވެހެން ފެށީ ރޭ ދަންވަރު އެވެ.

ފެންބޮޑުވެފައިވާ ބައެއް ސަރަހައްދުތަކުގައި ފޫޓަކަށްވުރެ މައްޗަށް ފެންގަނޑު އެބަހުއްޓެވެ. އެންމެ ބޮޑަށް ފެން ބޮޑުވެފައިވަނީ އާންމުކޮށް ބޮޑަށް ފެން ބޮޑުވާ މާފަންނުގެ ބައެއް ސަރަހައްދުތަކުގަ އެވެ.

ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީން ފޮނުވާފައިވާ އެލާޓްގައި ބުނެފައިވަނީ ގެތަކަށް ފެން ވަންނަ ކަމަށް ރިޕޯޓް ކުރަމުން އަންނަ ކަމަށެވެ. ފެން ވަނީ ކިތައް ގެއަށް ކަމެއް އަދި އެ ގޭގެޔަށް ލިބުނީ ކިހާވަރެއްގެ ގެއްލުމެއް ކަމެއް އަދި ނުބުނެ އެވެ.

ފެން ނުވަންނާނެހެން ގޭގޭ ކުރިމަތީ ވެލިބަސްތާ ޖެހުމާއި ހިފާގެންގުޅޭ ތަކެތި، ފެން ނުޖެހޭ ހިސާބަށް މައްޗަށް އެރުވުމަށް އެ އޮތޯރިޓީން ލަފާދެ އެވެ.

މޫސުމާ ބެހޭ ގައުމީ އިދާރާ، މެޓުން ވަނީ މާލެ ސަރަހައްދަށް ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް މިއަދުގެ 11 އާ ހަމައަށް ޔެލޯ އެލާޓް ނެރެފަ އެވެ. ޅ. އަތޮޅުން ވ. އަތޮޅާ ހަމައަށް ނެރެފައިވާ އެ އެލާޓްގައި ބުނެފައިވަނީ ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެ ކަމަށެވެ.