Roadha Mihaaru
ކުރިއަށް އޮތް 24 ގަޑިއިރު މެދުރާއްޖެއަށް ވާރޭ ވެހޭނެ

ކުރިއަށް އޮތް 24 ގަޑިއިރު މެދުރާއްޖެތެރެ އަށް ބޯކޮށް ވާރޭ ވެހޭނެ: މެޓް

28 އޮކްޓޯބަރ 2020

ކުރިއަށް އޮތް 24 ގަޑިއިރު މެދުރާއްޖެތެރޭގެ ބައެއް ރަށްރަށަށް ބޯކޮށް ވާރޭ ވެހި، ގުގުރުން އެކަށީގެންވާ ކަމަށް މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް (މެޓް އޮފީސް) އިން ބުނެފި އެވެ.

ލަމްޔާ އަބްދުﷲ ލަމްޔާ އަބްދުﷲ

ކުރިއަށް އޮތް 24 ގަޑިއިރު މެދުރާއްޖެތެރޭގެ ބައެއް ރަށްރަށަށް ބޯކޮށް ވާރޭ ވެހި، ގުގުރުން އެކަށީގެންވާ ކަމަށް މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް (މެޓް އޮފީސް) އިން ބުނެފި އެވެ.

މެޓް އޮފީހުގެ އެސިސްޓަންޓް މީޓިއޮރޮލޮޖިސްޓް އަބްދުﷲ ހާފިޒް "މިހާރު" އަށް ވިދާޅުވީ ކުރިއަށް އޮތް 24 ގަޑި އިރު މެދުރާއްޖޭގެ ބައެއް ރަށްރަށަށް ކެރީގެ އަސަރު ކުރާނެ ކަމަށެވެ. އަދި ބޯކޮށް ވާރޭ ވެހި ގުގުރުން އެކަށީގެންވާ ކަމަށް ވިދާޅުވި އެވެ.

"އެކަމަކު މިއަދު މެންދުރު ވެހުނުހާ ބޯކޮށެއް ވާރޭ އެއް ނުވެހޭނެ،" ހާފިޒް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މިއަދު މެންދުރު ބ. އަތޮޅާއި ލ. އަތޮޅާ ދެމެދަށް ބޯކޮށް ވާރޭ ވެހުނީ އެ ސަރަހައްދުގައި ތަންކޮޅެއް ގިނައިން ވިލާ އުފެދިގެން ކަމަށެވެ. ދެކުނުގެ އަތޮޅުތައް މިއަދާއި މާދަމާ ވެސް މޫސުން ރަނގަޅު ވާނެ ކަމަށް ހާފިޒް ވިދާޅުވި އެވެ.

ކުރިއަށް އޮތް 24 ގަޑިއިރު ވައި ޖެހޭނީ 5-15 މޭލުގެ ބާރުމިނުގައި ކަމަށް ވާތީ އާދައިގެ ވަރަކަށް ކަނޑު މަޑުވާނެ އެވެ. ވިލާގަނޑުގައި 30 މޭލުގެ ބާރުމިނުގައި ވައި ޖެހޭނެ އެެވެ. މިއީ ހުޅަނގު މޫސުމުގައި އާންމުކޮށް ކުރާ ވިއްސާރަ ކަމަށް ހާފިޒް ވިދާޅުވި އެވެ.

އެމްއެންޑީއެފް އިން މިއަދު ކުރި ޓްވީޓެއް

މިއަދު މެންދުރު މާލެއަށް ކުރި ވިއްސާރައާ ގުޅިގެން މާލޭގެ މަގުތަކުގައި ފެންބޮޑުވުމުން ޕަމްޕު ބޭނުންކޮށްގެން ފެން ހިންދުމުގެ މަސައްކަތް އެމްއެންޑީއެފުން ކުރި އެވެ. ފެން ބޮޑުވި ބައެއް ސަރަހައްދުތަކުގެ ތެރޭގައި އައިޖީއެމްއެޗާއި އެސްޓީއޯ ފުށް ގުދަނާއި މާގިރި ހޮޓެލް އަދި މާފަންނު ސްޓޭޑިއަމް ކައިރި ހިމެނެ އެވެ.