Roadha Mihaaru
ބޯ ވިއްސާރާގައި މާލޭގެ މަގުތަކުގައި ފެންބޮޑުވެއްޖެ

ބޯވިއްސާރާގައި މާލޭގައި ފެންބޮޑުވެއްޖެ؛ މާލެ ސަރަަހައްދަށް އޮތީ އޮރެންޖު އެލާޓް ނެރެފައި

13 އޯގަސްޓް 2024

މިއަދު ހެނދުނުން ފެށިގެން މާލެ އަށް ވެހެމުންދާ ބޯ ވާރޭގައި މަގުތަކުގައި ފެންބޮޑުވެ، އެތައް ބަޔަކަށް ދަތިތަކާ ކުރިމަތިވެއްޖެ އެވެ. މާލޭގައި ގާތްގަނޑަކަށް ހުރިހާ މަގެއްގައި މިހާރު ވަނީ ފެންބޮޑުވެފަ އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

މިއަދު ހެނދުނުން ފެށިގެން މާލެ އަށް ވެހެމުންދާ ބޯ ވާރޭގައި މަގުތަކުގައި ފެންބޮޑުވެ، އެތައް ބަޔަކަށް ދަތިތަކާ ކުރިމަތިވެއްޖެ އެވެ. މާލޭގައި ގާތްގަނޑަކަށް ހުރިހާ މަގެއްގައި މިހާރު ވަނީ ފެންބޮޑުވެފަ އެވެ.

މާލެ އަށް ބޯކޮށް ވާރޭ ވެހެން ފެށީ މިއަދު ހެނދުނު 11 ޖަހާކަށް ހާއިރެވެ. މެޓް އޮފީހުން ދެންމެ ވަނީ ކ. އަތޮޅުން ފެށިގެން އދ. އަތޮޅަށް އޮރެންޖު އެލާޓް ވެސް ނެރެފަ އެވެ. މި އެލާޓް ނެރެފައި ވަނީ މިއަދު އިރުއޮއްސި 6:15 އާ ހަމަ އަށެވެ.

ފުލުހުން ބުނީ ރާއްޖެ އަށް މިހާރު ކުރަމުންދާ ގަދަ ވިއްސާރާގައި ބޯކޮށް ވާރޭވެހި، މާލެ އާއި ރަށްރަށުގެ މަގުތަކުގައި ފެންބޮޑުވެ، ބައެއް ގޭގެއަށް ފެންވަންނަމުންދާ ކަމުގެ ރިޕޯޓް ލިބިފައިވާ ކަމަށެވެ. އެހެންވެ، ފެން ހިންދުމުގެ މަސައްކަތުގައި ފުލުހުން ބައިވެރިވެ، ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދެމުން އަންނަ ކަމަށް ވެސް އެ އިދާރާއިން ބުންޏެވެ.

"ބޯކޮށް ވާރޭވެހި މާލޭގެ މަގުތަކުގައި ފެންބޮޑުވެފައި ވާތީ، ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް، މާލޭގެ އެކި ހިސާބުތަކާއި ސްކޫލު ސަރަހައްދުތަކުގައި ފުލުހުން ދަނީ ހަރަކާތްތެރިވަމުން،" ފުލުހުން ބުންޏެވެ.

"އެއްގަމު އުޅަނދު ދުއްވުމާއި ހިނގާބިނގާވެ އުޅުމުގައި ވެސް ތިމާއާއި އަނެއްކުންގެ ސަލާމަތާއި ރައްކާތެރިކަން އިސްކުރެއްވުމަށް އިލްތިމާސްކުރަން."

ވާރޭވެހި މާލޭގެ ބައެއް ސަރަހައްދުތަކުގައި ފެންބޮޑުވުމާ ގުޅިގެން، ފެންހިންދުމުގެ މަސައްކަތް އެމްއެންޑީއެފުން ވެސް އަންނަނީ ކުރަމުންނެވެ.

އެންމެ ބޮޑަށް ފެންބޮޑުވި ސަރަހައްދުތައް

• އައިޖީއެމްއެޗު ސަރަހައްދު

• ވެސްޓް ޕާކް ސަރަހައްދު

• މާފަންނު ޕިއްޒާބޯނާ ސަރަހައްދު

• ދިރާގު ސަރަހައްދު

• ދަރުބާރުގެ ސަރަހައްދު

އެމްއެންޑީއެފުން ދެންމެ ބުނީ މާލޭގައި ފެންބޮޑުވެފައި ވާތީ އާންމުންނަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި ސިފައިންގެ ހަތަރު ޓީމަކުން މާލެ ތެރޭގައި ހަރަކާތްރިވަމުން އަންނަ ކަމަށެވެ.

ހުޅަނގު މޫސުމުގެ ބާރުގަދަވެ، މި ދުވަސްވަރު މުޅި ރާއްޖެއަށް މޫސުން ވަނީ ގޯސްވެފަ އެވެ. މިހާރު މޫސުން އެންމެ ގޯހީ ރާއްޖޭގެ އުތުރުގެ ރަށްތަކަށެވެ. މެޓުން އިއްޔެ ވަނީ ހަތަރު ގަޑިއިރަށް ހއ. އަތޮޅުން ފެށިގެން ށ. އަތޮޅަށް އޮރެންޖު އެލާޓް ވެސް ނެރެފަ އެވެ. އެ ހިސާބުގެ ބައެއް ރަށްތަކުގައި ވަރަށް ބޮޑަށް ފެންބޮޑުވެގެން އެންޑީއެމްއާ އަށް ރިޕޯޓު ވެސް ކޮށްފައިވެ އެވެ.

މެޓް އޮފީހުން ބުނި ގޮތުގައި، އިއްޔެ އެންމެ ގިނައިން ވާރޭވެހުނީ ހއ. ކެލައަށެވެ. ކެލައަކީ ރާއްޖޭގައި މޫސުމީ ރެކޯޑުތައް ބަލަހައްޓަން ފެށި ފަހުން، 24 ގަޑިއިރުގެ ތެރޭގައި އެންމެ ގިނައިން ވާރޭވެހުނު ރަށެވެ. އިއްޔެ އެ ރަށަށް ވަނީ 223.5 މިލިމީޓަރުގެ ވާރޭވެހިފަ އެވެ.

މެޓް އޮފީހުން ލަފާކޮށްފައިވާ ގޮތުގައި، ކުރިއަށް އޮތް ފަސް ދުވަހު ވެސް ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާކޮށް، ވަރަށް ވައިގަދަވާނެ އެވެ. އުތުރާއި މެދު ރާއްޖެ ތެރޭގެ ރަށްތަކަށް ވައިޖެހެނީ 17 މޭލާއި 27 މޭލާ ދެމެދުގެ ބާރުމިނުގަ އެވެ. އަދި ދެކުނުގެ ރަށްތަކަށް ވައިޖެހޭނީ ގަޑިއަކު 13 މޭލާއި 23 މޭލާ ދެމެދުގެ ބާރުމިނުގަ އެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 60 މޭލަށް ވައިގަދަވުން އެކަށީގެންވެ އެވެ.

ރާއްޖޭގެ ހުރިހާ ސަރަހައްދެއްގެ ކަނޑުތައް ވެސް ގަދަވެ، ވިލާގަނޑުގައި ވަރަށް ގަދަވާނެ ކަމަށް ލަފާކުރެވެ އެވެ. ދިޔަވަރު ބޮޑުވާ ވަގުތުތަކުގައި ރަށްރަށަށް އުދަ އެރުން ވެސް އެކަށީގެންވެ އެވެ.