22 ސެޕްޓެމްބަރ 2019
ރާއްޖޭގެ ފުޓްބޯޅަ މިހާރު އޮތީ ވަރަށް ގޯސް ހާލަތެއްގައި ކަމަށާއި ކަންތަައްތައް ރަނގަޅުކުރަން ބޭނުންވަނީ މިކަމުގައި އުޅޭ އެންމެން އަމިއްލަ އެދުމެއް ނެތި އިހުލާސްތެރިކަމާ އެކު މަސައްކަތްކުރުން ކަމަށް ގްރީން ސްޓްރީޓްސްގެ ކޯޗު އަލީ ސުޒޭން ބުނެފި އެވެ.
ރާއްޖޭގެ ފުޓްބޯޅަ މިހާރު އޮތީ ވަރަށް ގޯސް ހާލަތެއްގައި ކަމަށާއި ކަންތަައްތައް ރަނގަޅުކުރަން ބޭނުންވަނީ މިކަމުގައި އުޅޭ އެންމެން އަމިއްލަ އެދުމެއް ނެތި އިހުލާސްތެރިކަމާ އެކު މަސައްކަތްކުރުން ކަމަށް ގްރީން ސްޓްރީޓްސްގެ ކޯޗު އަލީ ސުޒޭން ބުނެފި އެވެ.
ލީގުގައި އެންމެ ފަހުން ވިކްޓްރީއާ ދެކޮޅަށް ކުޅެން އޮތް މެޗުގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ސުޒޭން ވަނީ ރާއްޖޭގެ ފުޓްބޯޅައިގެ ކަންތައްތަކުގައި އެންމެ އިސް ޒިންމާއާ ހަވާލުވެފައިވާ އެފްއޭއެމްގެ ޓެކްނިކަލް ޑިޕާޓްމަންޓަށް ވަރަށް ބޮޑަށް ފާޑުކިޔައިފަ އެވެ. ސުޒޭން އެ ވާހަކަތައް ދެއްކިތާ އެއް ދުވަސް ފަހުން، އެފްއޭއެމްގެ ޓެކްނިކަލް ޑިރެކްޓަރުގެ މަގާމުގައި ހުރި އިހުސާން އަބްދުލް ގަނީ (ސާންތީ) ވަނީ އިސްތިއުފާ ދީފަ އެވެ. އެކަމަކު "މިހާރު" އަށް އިތުބާރު ހުރި ގޮތަކަށް ކަށަވަރުވެފައިވާ ގޮތުގައި އޭނާ އިސްތިއުފާ ދިނީ މަގާމުން ވަކިކުރަން ނޯޓިސް ދިނުމުންނެވެ.
އެނގިފައިވާ ގޮތުގައި އެފްއޭއެމުން ނޯޓިސް ދިނީ އޭނާ ވަކިކޮށްދޭން ފުރަތަމަ ޑިވިޝަނުގެ ވަރަށް ގިނަ ކްލަބްތަކުން އެދުމުންނެވެ. ކްލަބްތަކުން ހިތްހަމަނުޖެހުނީ ދިވެހި ޕްރިމިއާ ލީގުގެ ޝެޑިއުލް ރޭވުމުގައި ކްލަބްތަކުގެ މެދުގައި ތަފާތުކުރުންތައް ގެންގުޅޭ ކަމަށް ބުނެ އެވެ. މީގެ އިތުރުން އެފްއޭއެމްގެ ޓެކްނިކަލް ޑިޕާޓްމަންޓާ ގުޅޭ ގިނަ މަސައްކަތްތަކެއްގައި ފުޓްބޯޅައިގައި ކްލަބްތަކާ ގުޅުން ކުޑަ ގޮތަކަށް ސާންތީ އަމަލުކުރާ ކަމަށް ވެސް ކްލަބްތަކުން ތުހުމަތުކުރެ އެވެ.
ސުޒޭން ބުނީ ރާއްޖޭގެ ފުޓްބޯޅަ ސީޒަން ޖޫން މަހު ފަށާގޮތަށް ބަދަލުކޮށް ކްލަބްްތަކުން އަޑު އުފުލީ އެ ގޮތަށް ގޮސްފި ނަމަ މާލީ މައްސަލަތަކާއި އެހެން ބައެއް ކަންކަން ވެސް ރަނގަޅުވާނެ ކަމަށް އުންމީދުކޮށްގެން ކަމަށާއި އެކަމަކު ރަނގަޅުވި އެއްވެސް ކަމެއް ފެންނަން ނެތް ކަމަށެވެ.
"ކޮބައިތޯ މިހާރު އެ ރަނގަޅުވުން. ކޮބައިތޯ އެ ހާލަތު. ކޮބައިތޯ ކްލަބްތަކުން އެ ވާހަކަ ދެއްކި މީހުން. ޖޫން ދިޔަތާ ތިން މަސް ނުވަނީސް ކްލަބްތަކުން ކޯޗުންތައް އިސްތިއުފާ ދެމުން ކުޅުންތެރިންގެ މުސާރަ ތިން މަހުން ޕެންޑް ވަމުން މިދަނީ. ޖޫންގައި ފަށައިގެން ކޮން ކަމެއްތޯ ދިވެހި ފުޓްބޯޅައިގެ ރަނގަޅުވީ،" ސުޒޭން ބުންޏެވެ.
"ފުޓްބޯޅަ އަށް އިހުލާސްތެރިވާންވީ. އޭނަ (ޓެކްނިކަލް ޑައިރެކްޓަރު) ސަލާމަތްވާން ކުރާ ކަމެއްގެ ބަދަލުގައި ފުޓްބޯޅަ އަށް އިހުލާސްތެރިވާންވީ. މި އަށް ހެޔޮ އެދިގެން އުޅޭ އަމިއްލަ ވަޒީފާ ވެސް ޗެލެންޖެއްގެ ގޮތުގައި ނަގައިގެން ބައިވަރު މަސައްކަތް ކުރެވޭ މީހެއް ބޭނުމީ، ފޭސްބުކަށް އެންމެ ގިނަ ފޮޓޯ އަޅާ މީހާއެއް ނޫން،"
ރާއްޖޭގެ ފުޓްބޯޅަ ކްލަބްތަކަށް އެފްއޭއެމްގެ ޓެކްނިކަލް ޑިޕާޓްމަންޓާ މެދު ހިތްހަމަނުޖެހުން ބޮޑުވި އެއް ކަމަކީ މި ފަހަރުގެ ފުޓްބޯޅަ ސީޒަނުގެ ކަލަންޑަރު ތައްޔާރު ކުރުމަށް ފަހު ކުއްލި ކުއްލި އަށް ގިނަ ބްރޭކްތައް ނަގާތީ އެވެ. ކަލަންޑަރު އެކުލަވާލިއިރު ކްލަބްތަކުން ގިނަ މައްސަލަތަކެއް ފާހަގަކުރި ނަމަވެސް ބޭނުންވި ބަދަލެއް ނާދެ އެވެ.
އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) އަށް ޖުލައި 9 އިން އޮގަސްޓް 2 ވަނަ ދުވަހަށް 24 ދުވަހުގެ ބްރޭކެއް ނެގި އެވެ. އެ އަށް ފަހު ވޯލްޑް ކަޕް ކޮލިފައިންގައި ގުއާމާއި ޗައިނާއާ ދެކޮޅަށް ކުުޅުނު މެޗަށް އޮގަސްޓް 10 އިން މި މަހު 17 އަށް 38 ދުވަހުގެ ބްރޭކެއް ނެގި އެވެ. މިހާރު ކްލަބްތަކަށް ދީފައިވާ ލީގުގެ ދެ ވަނަ ބުރުގެ ޝެޑިއުލުގައިވާ ގޮތުން މި މަހު 30 އިން އަންނަ މަހުގެ 14 ވަނަ ދުވަހަށް ވަނީ ވޯލްޑް ކަޕް ކޮލިފައިންގައި ސީރިއާއާ ދެކޮޅަށް ކުޅޭ މެޗަށް 14 ދުވަހުގެ ބްރޭކެއް ނަގަން ހިމަނައިފަ އެވެ. އަދި އެ އަށް ފަހު އޮކްޓޫބަރު 27 އިން 12 ޑިސެމްބަރަށް ވެސް ވަނީ 46 ދުވަހުގެ ބްރޭކެއް ނަގަން ހިމަނާފައިވެ އެވެ. އެއީ ނޮވެމްބަރު މަހު މާލޭގައި ގުއާމާއި ފިލިޕީންސާ ދެކޮޅަށް ކުޅެން އޮތް މެޗަށް ކަމަށް ބެލެވެ އެވެ. މި ހުރިހާ ބްރޭކެއްގެ ޖުމްލަ އަދަދަށް ބަލާއިރު މިއީ 122 ދުވަހެވެ.
ސުޒޭން ބުނީ ބޮޑު ޓެކްނިކަލް ޓީމެއް އޮވެގެން ރަނގަޅު ޝެޑިއުލެއް ތައްޔާރު ނުކުރެވުމުން، އެކަށީގެންވާ މަސައްކަތެއް ކުރެވިފައި ނެތްކަން ރަނގަޅަށް ސާބިތުވާ ކަމަށެވެ.
"ދިވެހިރާއްޖޭގެ ޓެކްނިކަލް ކަންތައްތައް ރަނގަޅުކުރަން ޖެހުނު ދަނޑިވަޅުގައި އަޅުގަނޑުމެން އަދިވެސް މި އުޅެނީ 1940 ގައި. އަޅުގަނޑުމެން ވާދަކުރަން މި ނުކުންނަނީ ވޯލްޑް ކަޕް ކޮލިފައިންގައި ޗައިނާއާ. ޗައިނާގައި މި ހުންނަނީ ދުނިޔޭގެ އެންމެ މޮޅު ޓެކްނިކަލް ޑައިރެކްޓަރު ގެނެސްފައި. އަޅުގަނޑުމެން މި އުޅެނީ މިތަނުން ހަސަނެއް ނޫނީ މުހައްމަދެއް ލައިގެން މިކަން ކުރެވޭތޯ،" ސުޒޭން ބުންޏެވެ.
މީގެ ކުރިން ނޫސްވެރިންގެ ބައްދަލުވުމެއްގައި ސުޒޭން ވަނީ ބްރޭކްތައް ނެގުމާ މެދު މައްސަލައެއް ނެތް ކަމަށް ބުނެފަ އެވެ. ސުޒޭން ބުނީ ބްރޭކް ނަގާފައި އޭގެ ބޭނުން ރަނގަޅު ގޮތުގައި ކުރެވޭނަމަ އޭގެ އެއްވެސް މައްސަލައެއް ނެތް ކަމަށެވެ.
"މީގެ އެއްވެސް ބްރޭކަކަށް މައްސަލައެއް ނެތް ދިވެހި ފުޓްބޯޅަ ޓީމު ރަނގަޅަށް ތައްޔާރުކުރެވޭ ކަމަށް ވަންޏާ. ރަނގަޅަށް ތައްޔާރު ކުރެވުނުތޯ؟ ބޭނުންވާ ވަރަށް ބްރޭކް ވެސް ލިބުނު އެކަމު ރަނގަޅަށް ތައްޔާރުނުވެވުނު. ފީފާއިން ވަގަކަށް ކުރި ކަމެއް ނޫން ވޯލްޑް ކަޕް ކޮލިފައިން ބާއްވަން އުޅުމަކީ. މާ ކުރިން ރާއްޖެ މެޗުތައް ކުޅޭ ތާރީހުތައް އެނގޭ. އޭގެ އަށް ބަލާފައި ޝެޑިއުލެއް ނެރޭކަށް ވެސް ނުކެރުނު. ތަންކޮޅު ތަންކޮޅުން ނެރުނީ،" ސުޒޭން ބުންޏެވެ.
އެފްއޭއެމްގައި ވެސް މީގެ ކުރިން މަސައްކަތްކުރި ސުޒޭން ބުނީ ރާއްޖޭގައި އެއް ވަނަ ކުޅިވަރު ގޮތުގައި އޮތް ފުޓްބޯޅައިގެ މަގުބޫލުކަން ދަށްވެ މި ކުޅިވަރާ މެދު މީހުން ގަބޫލުކުރާގޮތް އެއް ދުވަހުން އަނެއް ދުވަހަށް ދަނީ ދަށް ކަމަށެވެ. އަދި އޭގެ ސަބަބުތަކެއް ވެސް އެބަހުރި ކަމަށް ބުންޏެވެ.
"މިހާރު ދިވެހި ފުޓްބޯޅަ ކުޅެން ސްޓޭޑިއަމެއް ނެތް. ދިވެހި ފުޓްބޯޅަ ކުޅޭނެ ލީގެއް ނެތް. ދިވެހި ފުޓްބޯޅަ ކުޅޭނެ ޝައުގުވެރިކަން ހުރި ކުޅުންތެރިންގެ ނެތް. ކްލަބްތަކުގެ ކޯޗުން އަމިއްލަ އަށް އިސްތިއުފާދީފައި ގެޔަށްދަނީ. ކޮބައިތޯ ދިވެހި ފުޓްބޯޅަ މި އޮތް ހިސާބަކީ. ބަދަލުގެންނަން ޖެހެނީ އެންމެންވެގެން،" ސުޒޭން ބުންޏެވެ.
އެނގިފައިވާގޮތުގައި އެފްއޭއެމްގެ ވިސްނުން ހުރީ ޓެކްނިކަލް ޑިރެކްޓަރަކަށް ރާއްޖޭން ބޭރުން މީހަކު ގެންނާށެވެ. އެފްއޭއެމްގެ ޓެކްނިކަލް ޑިރެކްޓަރަކަށް އެންމެ ފަހުން ހުރި ބޭރު މީހަކީ ކުރިން ވީބީ ސްޕޯޓްސް ކްލަބާ އެކު ގިނަ ކާމިޔާބީތަކެއް ހޯދި ތުރުކީގެ ޖޭން ވަންލީ އެވެ. ސުޒޭން ބުނީ ވަންލީ އަށް ހެދި ގޮތް ފުޓްބޯޅައިގައި އުޅޭ ގިނަ މީހުންނަށް އެނގޭ ކަމަށާއި ވަންލީ ބެހެއްޓީ މަސައްކަތުން "އެކަހެރިކޮށްލާފައި ގާގަނޑެއްގެ މަތީގައި" ކަމަށެވެ.
ފުޓްބޯޅައިގެ ކަންތައްތައް ރަނގަޅުކުރަން ކުރާ މަސައްކަތްތައް އިތުރުކޮށްގެން ނޫން ގޮތެއްގައި ދެން މުސްތަގުބަލެއް ހޯދޭނެ ގޮތެއް ނެތް ކަމަށާއި ރާއްޖޭގެ ފުޓްބޯޅަ ރަނގަޅުކުރަން މާސެލޯ ލިއްޕީ ބުނި ގޮތަށް ލީގު ރަނގަޅުކުރަންޖެހޭއިރު، އެކަން ހަވާލުވެ ހުރި އެފްއޭއެމްގެ ޓެކްނިކަލް ޑިޕާމްޓަންޓަށް އެކަށީގެންވާ ބަދަލެއް އަންނަންޖެހޭ ކަމަށް ސުޒޭން ބުންޏެވެ.
ހާލަތުގެގޮތުން ކުރީގެމެޗުން ބަލިވެގެން ދެރަނުވޭ: ސުޒޭން
މޮރިއޭރޯއަށް ދެން އިތުރު ފުރުސަތެއް ނެތް
ކޯޗިންގެ އެންމެމަތީ ފާސް ސުޒޭން، ނިޒާމްބެ، އިންމައަށް
ސުޒޭނާއި ކުރީގެ އެސިސްޓެންޓް ކޯޗުގެ ބަހުގެ ހަމަލާތަކެއް
ނާކާމިޔާބީ ދެނެގަންނަން ޓެކްނިކަލް ރިވިއުއެއް ބޭނުން
އިންމަ އާއި ސުޒޭން އޭއެފްސީ ޕްރޯ ލައިސަންސް ނަގަނީ
ލީގު މުޅި ރާއްޖެ އަށް: ސުޒޭންގެ އުއްމީދު ބޮޑު
"މިއީ ފުޓްބޯޅަ އާއިލާ ފެއާޕްލޭ އިސްކުރަންވީ ވަގުތު"
ސުޒޭން ބުނަނީ ލަދުގަންނަން ޖެހޭ ސަބަބެއް ނެތް ކަމަށް
ސުޒޭނާއި އިމްރާން ގައުމީ ޓީމާ ގުޅި، ބައްސާމުގެ ދަށަށް