Roadha Mihaaru
އެއާޕޯޓުގެ ތަރައްގީ އަށް އޯޕެކުން 50 މިލިއަން ޑޮލަރު

އެއާޕޯޓް ތަރައްގީކުރަން އޯޕެކް ފަންޑުން 50 މިލިއަން ޑޮލަރުގެ ލޯނެއް ދެނީ

21 ސެޕްޓެމްބަރ 2016

އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީކުރަން އޯޕެކް ފަންޑް ފޯ އިންޓަނޭޝަނަލް ޑިވެލޮޕްމެންޓް (އޮފިޑް) އިން 50 މިލިއަން ޑޮލަރުގެ ލޯނެއް ދޭން ނިންމައިފި އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީކުރަން އޯޕެކް ފަންޑް ފޯ އިންޓަނޭޝަނަލް ޑިވެލޮޕްމެންޓް (އޮފިޑް) އިން 50 މިލިއަން ޑޮލަރުގެ ލޯނެއް ދޭން ނިންމައިފި އެވެ.

އޮފިޑްގެ ވެބްސައިޓުގައި ބުނެފައިވާ ގޮތުގައި ރާއްޖެ އަށް މިހާ ބޮޑު ލޯނެއް ދޭން ނިންމީ، އޮސްޓްރޭލިއާގައި ބޭއްވި ގަވަނިން ބޯޑުގެ 156 ވަނަ ބައްދަލުވުމުގަ އެވެ. އެ ބައްދަލުވުމުގައި 22 ގައުމަކަށް 300 މިލިއަން ޑޮލަރުގެ ލޯން ދޭން ފާސްކޮށްފައިވެ އެވެ. މީގެ ތެރެއިން ވެސް އެންމެ ބޮޑު ލޯނު ދިން ގައުމުގެ ތެރޭގައި ރާއްޖެ ހިމެނެ އެވެ. ރާއްޖެއާ އެއް އަދަދަކަށް 50 މިލިއަން ޑޮލަރުގެ ލޯނެއް ދެން ދޫކުރަން ނިންމީ އެލްސެލްވަޑޯ އަށެވެ.

ވެބްސައިޓުގައިވާ ގޮތުން ލޯނާއެކު އެއާޕޯޓު ތަރައްގީގެ މަޝްރޫއުން ރާއްޖޭގެ އިގްތިސާދަށް ބޮޑު ބަދަލެއް އަންނާނެ އެވެ. އެ މަޝްރޫއު ސަބަބުން އެއާޕޯޓުން އަހަރަކު 7.5 މިލިއަން ފަސިންޖަރުންނަށް ހިދުމަތް ދެވުމުގެ އިތުރުން ވަޒީފާތައް އުފެދި ޓޫރިޒަމަށް ވެސް ހެޔޮ ބަދަލުތަކެއް އަންނާނެ ކަމަށް ވެބްސައިޓުގައިވެ އެވެ.

އެއާޕޯޓު ޒަމާނީ ފެންވަރަށް ތަރައްގީކޮށް، ބޮޑު ބަދަލެއް ގެނައުމުގެ މަޝްރޫއު ހަވާލުކޮށްފައި ވަނީ ސައުދީ ބިން ލާދިން ގްރޫޕާ އެވެ. އެތަން ތަރައްގީކުރުމުގެ މުޅި މަޝްރޫއަށް 800 މިލިއަން ޑޮލަރު ހަރަދުވާނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ.

އެއާޕޯޓުގެ ރަންވޭ އާއި ފިއުލް ފާމް އަދި ކާގޯގެ މަސައްކަތް ކުރަނީ ބެއިޖިންގެ އާބަން ކޮންސްޓްރަކްޝަނުންނެވެ. އެ މަސައްކަތް ކުރަނީ ޗައިނާގެ އެގްޒިމް ބޭންކުން 373 މިލިއަން ޑޮލަރުގެ ލޯނެއް ނަގައިގެންނެވެ.

އެއާޕޯޓް މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގެ ހުރިހާ މަސައްކަތެއް ނިންމުމަށް ކަނޑައަޅާފައި ވަނީ 2018 ވަނަ އަހަރަށެވެ. އެއާޕޯޓް ބޮޑު ކުރުމުގެ މަޝްރޫއު ނިމޭއިރު ހުޅުލޭގެ މަލަމައްޗަށް ބޮޑެތި ބަދަލުތަކެއް އަންނާނެ ކަމަށް އެމްއޭސީއެލް އިން ވަނީ ބުނެފަ އެވެ. އާ ޓާމިނަލާ އެކު ހަތް މިލިއަން ފަސިންޖަރުންނަށް ހިދުމަތް ދެވޭނެ ކަމުގެ ޔަގީންކަން އެމްއޭސީއެލް އިން ދެ އެވެ.