Roadha Mihaaru
ހުޅުލޭ ބިމުގެ %30 ނިމިއްޖެ، ދެ ޑްރެޖަރު ގެންނަނީ

އާ ރަންވޭގެ ބިން ހިއްކުމުގެ 30 ޕަސެންޓް ނިންމައިފި، އިތުރު ދެ ޑްރެޖަރު ގެންނަނީ

09 އޮކްޓޯބަރ 2016

އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓް (އައިއެންއައިއޭ)ގެ އާ ރަންވޭގެ ބިން ހިއްކުމުގެ މަސައްކަތުގެ ގާތްގަނޑަކަށް 30 ޕަސެންޓް މިހާރު ނިމިފައިވާ ކަމަށާއި މަސައްކަތް ހަލުވި ކުރުމަށް އިތުރު ދެ ޑްރެޖަރު މި ހަފުތާގެ ތެރޭގައި ގެންނާނެ ކަމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން މިއަދު ބުނެފި އެވެ.

މަރިޔަމް ސާލިޔާ މަރިޔަމް ސާލިޔާ

އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓް (އައިއެންއައިއޭ)ގެ އާ ރަންވޭގެ ބިން ހިއްކުމުގެ މަސައްކަތުގެ ގާތްގަނޑަކަށް 30 ޕަސެންޓް މިހާރު ނިމިފައިވާ ކަމަށާއި މަސައްކަތް ހަލުވި ކުރުމަށް އިތުރު ދެ ޑްރެޖަރު މި ހަފުތާގެ ތެރޭގައި ގެންނާނެ ކަމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން މިއަދު ބުނެފި އެވެ.

އާ ރަންވޭގެ މަސައްކަތް ކުރިއަށްދާ ތަން ނޫސްވެރިންނަށް ދައްކާލައްވަމުން އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރު އާދިލް މޫސާ ވިދާޅުވީ ބިން ހިއްކުމުގެ މަސައްކަތަށް ގެންނަ އިތުރު ދެ ޑްރެޖަރު އަންނަ ބުރާސްފަތި ދުވަހު ރާއްޖެ އަށް ފޯރާނެ ކަމަށެވެ. އޭގެ ފަހުން ޖުމްލަ ތިން ޑްރެޖަރު ބޭނުންކޮށްގެން މަސައްކަތް ކުރެވޭނެ ކަމަށާއި އަދި ހުރިހާ އިރަކު ވެސް މަދުވެގެން ދެ ޑްރެޖަރު އެއްފަހަރާ ބޭނުން ކުރެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"އޭރުން މަސައްކަތް ޑަބަލް ވެގެން ދާނެ،" އާދިލް ވިދާޅުވި އެވެ.

އާދިލް ވިދާޅުވި ގޮތުގައި ރަންވޭ އަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތް ގޮންޖެހުންތަކެއް ވެސް އެބަހުއްޓެވެ. އެ ގޮތުން، ސީޕްލޭން ޖައްސާ ދިމާލުން ވެލި ނަގަން ޖެހުމާއި 24 ގަޑިއިރު ފްލައިޓް އޮޕަރޭޓް ކުރާ އެއާޕޯޓަކަށް ވުން ހިމެނޭ ކަމަށް އޭނާ ވިދާޅުވި އެވެ. އޭގެ އިތުރުން، ރަންވޭއަކަށް ބިން ހިއްކާތީ، އާންމުކޮށް ބިން ހިއްކާ ވަރަށް ވުރެ ރަނގަޅު ފެންވަރެއްގައި މަސައްކަތްކޮށް، ފަސްގަނޑު ވަރުގަދަ ކުރުމަށް ވެސް އިތުރު މަސައްކަތްތަކެއް ކުރަންޖެހޭކަން އޭނާ ފާހަގަކުރެއްވި އެވެ.

"އާންމުންނަށް އެހެން މަސައްކަތްތަކާ މިކުރާ މަސައްކަތްތަކާ ނުފެންނަ ސަބަބަކީ އެއާޕޯޓެއް ވީމަ، މަސައްކަތްތައް ކުރެވެމުން މި އަންނަނީ ރެސްޓްރިކްޓެޑް އޭރިއާ އެއްގައި،" އާދިލް ވިދާޅުވި އެވެ.

ހިއްކާ ނިމިފައިވާ ސަރަހައްދުގެ ޝީޓް ޕައިލް ކުރުމުގެ މަސައްކަތް ފެށުމަށް ތައްޔާރުވެފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އެއާޕޯޓުގެ އާ ރަންވޭ ތަރައްގީކުރުމުގެ މަޝްރޫއު އެމްއޭސީއެލް އިން ހަވާލުކޮށްފައިވަނީ ޗައިނާގެ ބެއިޖިން އާބަން ކޮންސްޓްރަކްޝަން ގްރޫޕް (ބީޔޫސީޖީ) އާ އެވެ. އެ ކުންފުނިން ސަބް ކޮންޓްރެކްޓަރެއްގެ ގޮތުގައި ޔޫއޭއީގެ ގަލްފް ކޮބްލާ ހަމަޖައްސައި ބިން ހިއްކުމުގެ މަސައްކަތް ފެށީ މިދިޔަ މިދިޔަ ޖުލައި 25 ގަ އެވެ.

އެމްއޭސީއެލް އިން ކުރިން ބުނެފައިވާ ގޮތުގައި ގާތްގަނޑަކަށް ފަސް މަސްދުވަހުގެ ތެރޭގައި ބިން ހިއްކާ ނިމޭއިރު އެއާޕޯޓުގެ ބިމަށް ގާތްގަނޑަކަށް 30 ޕަސެންޓް ނުވަތަ 62 ހެކްޓަރު އިތުރުވެގެންދާނެ ކަމަށެވެ.

އެއާޕޯޓުގެ އާ ރަންވޭ ތަރައްގީކުރުމުގެ 373 މިލިއަން ޑޮލަރު (5.7 ބިލިއަން ރުފިޔާ) ގެ މަޝްރޫއުގެ ދަށުން ހަދަނީ 3،400 މީޓަރު ދިގު 60 މީޓަރު ފުޅާ ރަންވޭއެކެވެ. މިއީ އެންމެ ބޮޑެތި މަތިންދާބޯޓު ކަމަށްވާ އެއާބަސް އޭ380 ވެސް ޖެއްސޭ ވަރުގެ ރަންވޭއަކަށް ވާއިރު، މި މަޝްރޫއުގެ ދަށުން 120،000 ޓަނުގެ ކާގޯ ޓާމިނަލަކާއި 45 މިލިއަން ލީޓަރުގެ ތެޔޮ ރައްކާކުރެވޭނެ ފިއުލް ފާމެއް ހެދުން ވެސް ހިމެނެ އެވެ.