Roadha Mihaaru
ލަންކާގެ ބޮމުގެ ހަމަލާ އަލުން ތަހުގީގުކުރަން އަންގައިފި

ލަންކާގެ ބޮމުގެ ހަމަލާ އަލުން ތަހުގީގު ކުރަން ސިރިސޭނާ އަންގަވައިފި

23 ސެޕްޓެމްބަރ 2019

ކޮލަމްބޯ (ސެޕްޓެމްބަރު 23) - މިދިޔަ އެޕްރީލް މަހު ސްރީ ލަންކާގައި ދިން އީސްޓާ ބޮމުގެ ހަމަލާ އަލުން ތަހުގީގު ކުރުމަށް ރައީސް މައިތުރިޕާލާ ސިރިސޭނާ އަންގަވައިފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

ކޮލަމްބޯ (ސެޕްޓެމްބަރު 23) - މިދިޔަ އެޕްރީލް މަހު ސްރީ ލަންކާގައި ދިން އީސްޓާ ބޮމުގެ ހަމަލާ އަލުން ތަހުގީގު ކުރުމަށް ރައީސް މައިތުރިޕާލާ ސިރިސޭނާ އަންގަވައިފި އެވެ.

އާ ތަހުގީގެއް ކުރުމަށް ރައީސް އެންގެވީ މިހާރު ކުރިއަށްދާ ތަހުގީގުތައް ވަކި ފަރާތަކަށް ނުޖެހި ކުރިއަށް ގެންދެވިދާނެކަމުގެ ޔަގީންކަން ނެތުމުންނެވެ.

އެޕްރީލް 21 ވަނަ ދުވަހު ކޮލަމްބޯގެ ތިން ފައްޅިއަކާއި ލަގްޒަރީ ހޮޓާތަކަށް އަމިއްލަ އަށް މަރުވެގެން ހަމަލާ ދިން ކަމަށް ސަރުކާރުން ބުނަނީ ނޭޝަނަލް ތައުހީދު ޖަމާއަތް (އެންޓީޖޭ) އިން ކަމަށެވެ. އެ ހަމަލާގެ ޒިންމާ ވަނީ އިސްލާމިކް ސްޓޭޓް (އައިއެސް) އިން ވެސް އުފުލައިފަ އެވެ.

ސިރިސޭނާ ވިދާޅުވީ ބޮމުގެ ހަމަލާ ތަހުގީގު ކުރާ ކޮމިޝަނަށް ގާނޫނީ ގޮތުން ބޮޑެތި ބާރުތަކެއް ދޭނެ ކަމަށެވެ. ހަމަލާ ދިނީ ސަލާމަތީ ފަރާތްތަކުގެ އިހުމާލެއް އޮވެގެން ކަމަށްވާ ނަމަ އެކަން ވެސް ތަހުގީގު ކުރުމަށް ސިރިސޭނާ ވަނީ އަންގަވައިފަ އެވެ.

ފަސް މެންބަރުންގެ ކޮމިޝަނުގެ ރައީސަކީ އިސްތިއުނާފް ކޯޓުގެ ފަނޑިޔާރެކެވެ. ކޮމިޝަނުގައި އިތުރު ތިން ފަނޑިޔާރަކާއި ރިޓަޔާޑް ސިވިލް ސާވެންޓެއް ހިމެނެ އެވެ. ކޮމިޝަނުގެ މަސައްކަތް ތިން މަސް ދުވަހު ތެރޭ ނިންމަން ވަނީ އަންގައިފަ އެވެ.

ބޮމުގެ ހަމަލާ އަލުން ތަހުގީގު ކުރަން ސިރިސޭނާ އެންގެވީ ޕާލަމެންޓާއި ފުލުހުންގެ ތަހުގީގު ވަކިފަރާތަކަށް ނުޖެހި ކުރިއަށް ގެންދެވިދާނެކަމާ މެދު ބައެއް ފަރާތްތަކުން ސުވާލު އުފެއްދުމުންނެވެ.

ލަންކާގެ ކަމާ ބެހޭ ފަރާތްތަކުން ބުނެފައި ވަނީ އީސްޓާ ސަންޑޭގައި ނޭޝަނަލް ތައުހީދު ޖަމާއަތް (އެންޓީޖޭ) އިން ހަމަލާ ދޭން ރާވަމުންދާކަމުގެ މައުލޫމާތު އަވަށްޓެރި އިންޑިއާ އިން އެޕްރީލް 4 ވަނަ ދުވަހު ދީފައިވާ ކަމަށެވެ. އިންޑިއާ އިން ދިން ޖާސޫސީ މައުލޫމާތާ ގުޅިގެން ފިޔަވަޅު އަޅާފައި ނުވާތީ ލަންކާގެ ސްޓޭޓް އިންޓަލިޖެންސް ސާވިސް (އެސްއައިއެސް) އަށް ވަނީ ފާޑުކިޔުންތައް އަމާޒުވެފަ އެވެ.

އިންޓަލިޖެންސް ރިޕޯޓްތަކާ ގުޅިގެން ސީރިއަސް ގޮތެއްގައި އަމަލު ކުރައްވާފައި ނުވާތީ ލަންކާގެ ޑިފެންސް މިނިސްޓަރު ކަމާއި ލޯ އެންޑް އޯޑާ މިނިސްޓަރުކަން ކުރައްވާ ސިރިސޭނާ އަށް ވެސް ވަނީ ފާޑުކިޔުންތައް އަމާޒުކޮށްފަ އެވެ.

ބޮމުގެ ހަމަލާގައި 258 މީހުން މަރުވި އެވެ. އޭގެ ތެރޭގައި ބިދޭސީ 45 މީހުން ވެސް ހިމެނެ އެވެ.