Roadha Mihaaru
ރައީސްކަމުން ވަކިވާތީ ސިރިސޭނާގެ އިނާޔަތްތައް ފާސްކޮށްފި

ރައީސްކަމުން ވަކިވާތީ ސިރިސޭނާ އަށް ދޭނެ އިނާޔަތްތައް ފާސްކޮށްފި

18 އޮކްޓޯބަރ 2019

ކޮލަމްބޯ (އޮކްޓޯބަރު 18) - ސްރީ ލަންކާގައި އަންނަ މަހު ބާއްވާ ރިޔާސީ އިންތިޚާބަށް ފަހު ރައީސްކަމުގެ މަގާމުން މައިތުރިޕާލާ ސިރިސޭނާ ވަކިވެވަޑައިގަންނަވާތީ އެމަނިކުފާނަށް ދޭނެ އިނާޔަތްތައް ކެބިނެޓުން ފާސްކޮށްފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

ކޮލަމްބޯ (އޮކްޓޯބަރު 18) - ސްރީ ލަންކާގައި އަންނަ މަހު ބާއްވާ ރިޔާސީ އިންތިޚާބަށް ފަހު ރައީސްކަމުގެ މަގާމުން މައިތުރިޕާލާ ސިރިސޭނާ ވަކިވެވަޑައިގަންނަވާތީ އެމަނިކުފާނަށް ދޭނެ އިނާޔަތްތައް ކެބިނެޓުން ފާސްކޮށްފި އެވެ.

ސިރިސޭނާ އަށް ދޭނެ އިނާޔަތްތަކުގެ ގޮތުގައި ކެބިނެޓުން ފާސްކޮށްފައި ވަނީ ކޮލަމްބޯގައި ސިރިސޭނާ މިހާރު ބޭނުން ކުރައްވާ ރަސްމީ ގެކޮޅު ވެރިކަމަށް ފަހު ވެސް އެމަނިކުފާނަށް ބޭނުން ކުރެވޭނެ ގޮތަށާއި ސްޕެޝަލް ޓާސްކް ފޯސް (އެސްޓީއެފް) ގެ ސެކިއުރިޓީ ދިނުން ހިމެނެ އެވެ.

ރިޓަޔާމެންޓް ބެނެފިޓުގެ ގޮތުގައި ސިރިސޭނާ އަށް ދޭނެ އިނާޔަތްތައް ކެބިނެޓަށް ހުށަހެޅީ މާލީ ވަޒީރު މަންގަލަ ސަމަރަވީރާ އެވެ.

ނޮވެމްބަރު 16 ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިޚާބުގައި ދެ ވަނަ ދައުރަކަށް ވާދަނުކުރެއްވުމަށް ސިރިސޭނާ ވަނީ ނިންމަވައިފަ އެވެ. އިންތިޚާބު ބާއްވާ ދުވަހުގެ އެއް ދުވަސް ފަހުން ސިރިސޭނާ މަގާމުން ވަކިވެވަޑައިގަންނަވަން ޖެހޭނެ އެވެ. އެހެން ކަމުން އެމަނިކުފާނުގެ ފަސް އަހަރުގެ ރިޔާސީ ދައުރުން 52 ދުވަސް އުނިވާނެ އެވެ.

މިއީ 1978 ވަނަ އަހަރު ރިޔާސީ ނިޒާމް ތައާރަފްކުރި ފަހުން ސްރީ ލަންކާ ފްރީޑަމް ޕާޓީ (އެސްއެލްއެފްޕީ) އިން ކެންޑިޑޭޓަކު ނުނެރޭ ފުރަތަމަ ފަހަރެވެ.