Roadha Mihaaru
އަދުލުއިންސާފާ ނުލައި ތަރައްގީގެ ބޭނުމެއްނެތް: ރައީސް

އަދުލުއިންސާފާ ނުލައި ތަރައްގީގެ ފައިދާއެއް ނުކުރާނެ: ރައީސް

25 ސެޕްޓެމްބަރ 2019

އަދުލު އިންސާފު ގާއިމު ނުކޮށް ގެންނަ ތަރައްގީއަކުން ފައިދާއެއް ނުކުރާނެ ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

އަދުލު އިންސާފު ގާއިމު ނުކޮށް ގެންނަ ތަރައްގީއަކުން ފައިދާއެއް ނުކުރާނެ ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.

އދ.ގެ އާއްމު މަޖިލީހުގެ 74 ވަނަ ޖަލްސާގައި ތަގުރީރު ކުރައްވަމުން ރައީސް އިއްޔެ ވިދާޅުވީ މީހުން މެރުމާއި މީހުން ގެއްލުވައިލުމުގެ މައްސަލަތަކާއި އިންސާނީ ހައްގުތަށް ނަގައިލި މައްސަލަތައް ބެލުން ސަރުކާރުގެ "އިންތިގާލީ އަދުލުގެ ޕްރޮގްރާމް"ގައި ހިމެނޭ ކަމަށެވެ. ސަރުކާރު ތެރޭގައި ހިންގާފައިވާ ކަމަށް ތުހުމަތުކުރާ ކޮރަޕްޝަންގެ މައްސަލަތައް ބަލަނީ ވެސް އެ ޕްރޮގްރާމާގެ ތެރެއިން ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

"ފުލުހުންގެ މުއައްސަސާ އިސްލާހް ކުރުމުގެ ކޮންޕްރިހެންސިވް ޕްރޮގްރާމެއް އަޅުގަނޑުމެން މި އަންނަނީ ހިންގަމުން. ޝަރުއީ ނިޒާމު އިސްލާހްކޮށް ޒަމާނީކުރަން ދައުލަތުގެ މުއައްސަސާތަކާ އެކު އަޅުގަނޑުމެން މިއަންނަ ގާތުން މަސައްކަތް ކުރަމުން،" އެމަނިކުފާނު ވިދާޅުވި އެވެ.

ޑިމޮކްރަސީ އަކީ ހަމަ އެކަނި އިންތިހާބުތައް ބޭއްވުން ނޫން ކަމަށާއި އެކަމުގައި އެތައް ކަމެއް ހިމެނޭ އިރު ނިންމުންތައް ނިންމުމުގައި ރައްޔިތުން ބައިވެރިކުރުން އޭގެ ތެރޭގައި ހިމެނޭ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

"ހިންގުމުގެ އޮނިގަނޑު ލާމަރުކަޒީކޮށް، ލޯކަލް ކޮމިއުނިޓީތަކަށް ބާރުދޭނެ ގާނޫނުތަކެއްގެ މަސައްކަތް އަޅުގަނޑުމެން މިކުރަނީ އެހެންވެ، " އެމަނިކުފާނު ވިދާޅުވި އެވެ.

އިންތިގާލީ އަދުލާ ބެހޭ ގޮތުން ވާހަކަފުޅު ދެެއްކެވުމުގެ ކުރިން ރައީސް ވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ރާއްޖޭގެ ހާލަތު އޮތް ގޮސް ސިފަކުރައްވައި، އެ ސަރުކާރަށް ފާޑުވިދާޅުވެފަ އެވެ. އެމަނިކުފާނު ވިދާޅުވީ ރާއްޖެ އޭރު ދިޔައީ ޚުދުމުޚުތާރު ވެރިކަަމަކަށް ބަދަލުވަމުން ކަމަށެވެ. ނަމަވެސް މިދިޔަ އަހަރު ބޭއްވި ރިޔާސީ އިންތިހާބުގައި ރައްޔިތުން ވަނީ ޚުދުމުޚުތާރުކަމަށް ރާއްޖެ އެނބުރެމުން ދިޔަ އެނބުރުން އަނެއް އަތަށް އަނބުރާލާފައި ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

"ޝަރުއީ ނިޒާމު އޮތީ ހައިޖެކްކޮށްފައި، ގާނޫނު ހަދާ މަޖިލިސް އޮތީ ހުއްޓުމަކަށް ގެނެސްފައި، ދައުލަތުގެ މުއައްސަސާތަކަށް ނުފޫޒު ވައްދައި ނޫސްވެެރިންގެ އަނގަ ބަންދުކޮށްފައި،" ޔާމީންގެ ވެރިކަމުގައި ރާއްޖެ އޮތް ހާލަތު ހުލާސާކުރައްވައި ރައީސް ވިދާޅުވި އެވެ.

ރާއްޖޭގެ އިދިކޮޅު ސިޔާސީ ލީޑަރުން އޭރު ތިއްބެވީ ޖަލުގައި ނުވަތަ ނޫނީ އަމިއްލަފުޅަށް އަރުވާލެވިގެން ގައުމުން ބޭރުގައި ކަމަށް ވެސް ވިދާޅުވި އެވެ.