Roadha Mihaaru
ލުތުފީ ބަޔާން ދިން ވީޑިއޯ ޝަރީއަތުން ބަލަން ނިންމައިފި

ތަހުގީގަށް ލުތުފީ ބަޔާން ދިން ވީޑިއޯ ޝަރީއަތުން ބަލަން ނިންމައިފި

25 ސެޕްޓެމްބަރ 2019

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކުރާ މަނީ ލޯންޑަރިންގެ ދައުވާގެ ޝަރީއަތުގައި ހެކި ބަސް ދޭން އިންކާރު ކުރެއްވި، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ ކުރީގެ ރައީސް ހަސަން ލުތުފީ ފުލުހުންގެ ތަހުގީގަށް ބަޔާން ދެއްވި އިރު ރެކޯޑު ކުރި ވީޑިއޯގެ ސީޑީ ބަލަން ޝަރީއަތުން މިއަދު ނިންމައިފި އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކުރާ މަނީ ލޯންޑަރިންގެ ދައުވާގެ ޝަރީއަތުގައި ހެކި ބަސް ދޭން އިންކާރު ކުރެއްވި، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ ކުރީގެ ރައީސް ހަސަން ލުތުފީ ފުލުހުންގެ ތަހުގީގަށް ބަޔާން ދެއްވި އިރު ރެކޯޑު ކުރި ވީޑިއޯގެ ސީޑީ ބަލަން ޝަރީއަތުން މިއަދު ނިންމައިފި އެވެ.

މިއަދުގެ ޝަރީއަތުގެ އަޑުއެހުމުގައި އިސް ގާޒީ އަހްމަދު ހައިލަމް ވިދާޅުވީ ޝަރީއަތުގެ މަޖިލީހުގައި ސީޑީ ނުދައްކާނެ ކަމަށާއި އެކަމުގެ ޝަރީއަތުގެ ބޭނުމަށް އެ ވީޑިއޯ ބަލަން ނިންމެވީ ކަމަށެވެ.

މިއަދު ޔާމީންގެ ދިފާއީ ހެކިވެރިއެއްގެ ގޮތުގައި ކުރީގެ ގަވަރުނަރު އައިޝަތު އަޒީމާ ހާޒިރުކުރަން އޮތީ ނިންމައިފަ އެވެ. ނަމަވެސް އަޒީމާ ވަނީ މިހާރު ރާއްޖޭން ބޭރުގެ ވަޒީފާއެއްގައި، ރާއްޖޭން ބޭރުގައި ދިރިއުޅުއްވާތީ ކޯޓަށް ހާޒިރުވެ ވަޑައިގެންނެވެން ނެތް ކަމަށް ކޯޓަށް އަންގަވަފައިފަ އެވެ. އެހެންވެ ގާޒީ ނިންމެވީ އަޒީމާގެ ހެކި ބަސް ނުނެގުމަށެވެ.

ޔާމީންގެ މައްޗަށް ދައުލަތުން މަނީ ލޯންޑްރިންގެ ދައުވާ ކުރަނީ އެމަނިކުފާނުގެ ނަމުގައި އޮތް އެކައުންޓަކަށް، މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގެ ޚިޔާނާތުގެ ފައިސާ ދައުރުކުރި ކަމަށް ތުހުމަތު ކުރެވޭ އެސްއޯއެފް ކުންފުނިން އެއް މިލިއަން ޑޮލަރު ޖަމާކުރި މައްސަލައިގަ އެވެ. އެ ފައިސާ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާ އެކު ހަދާ އެސްކްރޯ އެކައުންޓެއްގައި ބެހެއްޓުމަށް އެއްބަސްވެ ވަޑައިގަތުމަށް ފަހު އެހެން ފައިސާތަކެއް އެސްކްރޯ އެކައުންޓަށް ޖަމާކޮށް އަދި އެސްއޯއެފުން ޖަމާކުރި ފައިސާ އިސްލާމިކް ބޭންކްގެ ޖެނެރަލް އިންވެސްޓްމަންޓް އެކައުންޓަކަށް ބަދަލުކޮށް ފައިސާގެ އަސްލު އޮޅުވާލި ކަމަށް ދައުވާގައިވެ އެވެ.

ޔާމީންގެ މައްޗަށް ކުރާ ދައުވާ ސާބިތުކުރުމަށް ދައުލަތުން ހެއްކެއްގެ ގޮތުގައި ލުތުފީގެ ނަން ހުށަހެޅި ނަމަވެސް އޭނާ ވަނީ، ބިރު ދައްކައިގެން ހެކިބަސް ނަގަން އުޅޭ ކަމަށް ވިދާޅުވެ، ކޯޓުގައި ހެކިބަސް ދެއްވުމަށް އިންކާރު ކުރައްވައިފަ އެވެ. އެހެންވެ ދައުލަތުން އެދުނީ، މައްސަލައިގެ ތަހުގީގުގައި ލުތުފީ ފުލުސް އޮފީހަށް ބަޔާން ދެއްވި އިރު ނަގާފައިވާ ވީޑިއޯ ހެކީގެ ގޮތުގައި ބަލައިގަތުމަށެވެ. ނަމަވެސް ޔާމީންގެ ފަރާތުން އެކަމަށް ވަނީ ކުރީގެ އަޑުއެހުންތަކުގައި އިންކާރު ކޮށްފަ އެވެ.

މިއަދުގެ އަޑުއެހުމުގައި އިސް ގާޒީ އަހްމަދު ހައިލަމް ވަނީ، ލުތުފީ ބަޔާން ދެއްވި އިރު ނަގާފައިވާ ވީޑިއޯގެ ސީޑީ ޝަރީއަތުން ބަލަން ނިންމެވި ކަމަށް ވިދާޅުވެފަ އެވެ. ސީޑީ ބެލުމަށް ފަހު، ތަހުގީގު ބަޔާނުގައި ބުނާ ކަންކަމާ ގުޅޭ ގޮތުން އޭގައި ހުރި ވާހަކަތަކާ ބެހޭ ގޮތުން ސުވާލުކުރުމުގެ ފުރުސަތު ދެއްވާނެ ކަމަށާއި ގޮތެއް ކަނޑައަޅުއްވާނީ އޭގެ ފަހުން ކަމަށް ގާޒީ ވިދާޅުވި އެވެ.

ގާޒީ މިގޮތަށް ނިންމެވުމާ އެކު، ޔާމީންގެ ވަކީލުންގެ ޓީމުން ހަސަން ޝާހު ވަނީ އެ ސީޑީ އަކީ ދައުލަތުން ހެކީގެ ގޮތުގައި ހުށަހެޅި އެއްޗެއް ނޫން ކަމަށް ވިދާޅުވެ އެކަމާ ސުވާލުކުރައްވައިފަ އެވެ. ނަމަވެސް ގާޒީ ވިދާޅުވީ ޝަރީއަތުން އެކަމާ ގޮތެއް ނިންމާފައިވާ ކަމަށާއި ޝަރީއަތުގައި މަޖިލީހުގައި ސީޑީ ނުބަލާނެ ކަމަށެވެ. އެކަމަކު ދައުވާ ލިބޭ ފަރާތުން ބޭނުންވާ ނަމަ ސީޑީ ބެލުމަށް ފުރުސަތު ދެއްވާނެ ކަމަށް ގާޒީ ވިދާޅުވި އެވެ.

މީގެ ކުރިން ބޭއްވި އަޑުއެހުންތަކުގައި ދައުލަތުގެ ފަރާތުން ހުށަހެޅި ބައެއް ހެކިން ހާޒިރުކޮށް ހެކި ބަސް ނަގާފައިވެ އެވެ.