Roadha Mihaaru
ޔާމީން ފުރުން މަނާކުރުމުގެ އަމުރެއް ކޯޓުން ނުދިން

ޔާމީން ފުރުން މަނާކުރުމުގެ އަމުރު ނެރެދެވެން ނެތް ކަމަށް ނިންމައިފި

06 ޑިސެމްބަރ 2021

ކުރީގެ ރައީސް އަދި އިދިކޮޅު ލީޑަރު އަބްދުﷲ ޔާމީންގެ ޕާސްޕޯޓްގެ މުއްދަތު ހަމަވެފައި އޮތުމުން އެ މަނިކުފާނު ފުރުން މަނާކުރުމުގެ އަމުރު ނެރެދެވެން ނެތް ކަމަށް ކްރިމިނަލް ކޯޓުން މިރޭ ނިިންމައިފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ކުރީގެ ރައީސް އަދި އިދިކޮޅު ލީޑަރު އަބްދުﷲ ޔާމީންގެ ޕާސްޕޯޓްގެ މުއްދަތު ހަމަވެފައި އޮތުމުން އެ މަނިކުފާނު ފުރުން މަނާކުރުމުގެ އަމުރު ނެރެދެވެން ނެތް ކަމަށް ކްރިމިނަލް ކޯޓުން މިރޭ ނިިންމައިފި އެވެ.

މަނީ ލޯންޑްރިންގެ ކުށުގައި ޔާމީން ފަސް އަހަރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ކުރި ހުކުމް ސުޕްރީމް ކޯޓުން ބާތިލް ކުރިއިރު، އެ މަނިކުފާނުގެ މައްޗަށް މަނީ ލޯންޑްރިންގެ އިތުރު ދެ ދައުވާއަކާއ ރިޝްވަތުގެ ދެ ދައުވާއެއް ދައުލަތުން އޮތީ އުފުލައިފަ އެވެ. އެއީ ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތާއި ވ. އާރަށް ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެންނެވެ. އޭގެ ތެރެއިން ފުއްގިރި މައްސަލައިގައި އެ މަނިކުފާނުގެ ޕާސްޕޯޓް ހިފަހައްޓަން ދައުލަތުން ވަނީ އެދިފަ އެވެ.

ޕާސްޕޯޓް ހިފެހެއްޓުމުގެ އަމުރާ މެދު ގޮތެއް ނިންމަން ކްރިމިނަލް ކޯޓުގައި މިއަދު ބޭއްވި އަޑުއެހުމުގައި، އެ މައްސަލަ ބައްލަވާ ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަހުމަދު ޝަކީލް ވިދާޅުވީ، ޔާމީންގެ ދެ ޕާސްޕޯޓެއް ހިފަހައްޓަން ދައުލަތުން އެދިފައިވާއިރު، އެ ދެ ޕާސްޕޯޓްގެ މުއްދަތު ވެސް ހަމަވެފައިވާ ކަމަށެވެ. އަދި އެކަން ދައުލަތަށް އެނގޭތޯ އާއި މުއްދަތު ހަމަވެފައިވާ ޕާސްޕޯޓެއް ހިފެހެއްޓުމުގެ ބޭނުމަކީ ކޮބައިތޯ ގާޒީ ސުވާލު ކުރެއްވި އެވެ.

ދައުލަތުން ބުނީ ޕާސްޕޯޓްގެ މުއްދަތު ހަމަވެފައިވާ ކަން އެނގޭ ކަމަށާއި އެކަމަކު އެ ޕާސްޕޯޓް ހިިފަހައްޓަން އެދުނީ ޕާސްޕޯޓް އާކޮށްގެން ފުރާވަޑައިގަތުމުގެ ފުރުސަތު ނުދިނުމަށް ކަމަށެވެ. އަދި ޕާސްޕޯޓް ނުހިފަހައްޓާ ނަމަ، ކޮންމެ ވަގުތަކު ވެސް ޕާސްޕޯޓް އާ ކުރެވޭނެ ކަމަށް ދައުލަތުން ބުންޏެވެ.

ދައުލަތަށް ނޭނގި، ޕާސްޕޯޓް އާ ކޮށްގެން މީހަކަށް ރާއްޖެއިން ބޭރަށް ދެވިދާނެތޯ އާއި މުއްދަތު ހަމަވެފައިވާ ޕާސްޕޯޓެއް ބޭނުން ކޮށްގެން މީހަކަށް ފުރައިގެން ދެވިދާނެތޯ ވެސް ގާޒީ ސުވާލު ކުރެއްވި އެވެ.

ދައުލަތުން ބުނިގޮތުގައި، މުއްދަތު ހަމަވެފައިވާ ޕާސްޕޯޓެއް ބޭނުންކޮށްގެން ފުރައިގެން ނުދެވޭނެ އެވެ. އެކަމަކު، އެފަދަ ޕާސްޕޯޓެއް ހިފަހައްޓަން ކޯޓުން އަމުރު ނެރެފި ނަމަ، އެ ޕާސްޕޯޓް އާކުރަން ހުށަހެޅުމުން އެކަން ދައުލަތަށް އެނގޭނެ ކަމަށާއި އޭރުން އާ ޕާސްޕޯޓް ވެސް ހިފަހައްޓަން އެދެވޭނެ ކަމަށް ދައުލަތުން ބުންޏެވެ.

މަނީ ލޯންޑްރިންގެ މައްސަަލަތަކުގައި ދައުވާ ލިބޭ އެންމެންގެ ޕާސްޕޯޓް ހިފަހައްޓަން ދައުލަތުން އެދިފައިވާނެތޯ ގާޒީ ސުވާލު ކުރެއްވުމުން ޖަވާބުގައި ދައުލަތުން ބުނީ އެންމެންގެ ޕާސްޕޯޓް ހިފަހައްޓަން އެދިފައި ނުވާނެ ކަމަށެވެ. އޭގެ ބަދަލުގައި ޕާސްޕޯޓް ހިފަހައްޓަން އެދެނީ މައްސަލައިގެ ކުޑަބޮޑުމިނަށް ބަލައިގެން ކަމަށް ދައުލަތުން ބުންޏެވެ.

ދައުލަތުން ބުނީ ޔާމީނަކީ ކުރީގެ ރައީސަކަށް ވާތީ އެ މަނިކުފާނު ރާއްޖެ އިން ބޭރަށް ވަޑައިގެން ބޭރުގައި އުޅުއްވުމުގެ ގާބިލުކަން އެބަހުރި ކަމަށެވެ. އަދި އެފަދަ ހާލަތުތަކުގައި ޕާސްޕޯޓް ހިފަހައްޓަން އަމުރު ކުރެވިދާނެ ކަމަށް ސުޕްރީމް ކޯޓުން ވެސް ކުރިން ނިންމާފައިވާ ކަމަށް ދައުލަތުން ބުންޏެވެ.

ޔާމީންގެ ވަކީލުން ވިދާޅުވިގޮތުގައި ޕާސްޕޯޓްގެ މުއްދަތު ހަމަވެފައި ވަނިކޮށް، އެފަދަ އަމުރެއް ނުނެރެވޭނެ ކަމަށް ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ މައްސަލައިގައި ހައި ކޯޓުން ނިިންމާފައިވެ އެވެ. އަދި އަމުރެއް ނެރުނަސް، އެކަމުން ނުކުންނާނެ އެއްވެސް ނަތީޖާއެއް ނޯންނާނެ ކަމަށް ވަކީލުން ބުންޏެވެ. ކޯޓަށް އެއްބާރުލުން ދިނުމުގައި އެއްވެސް މައްސަލައެއް ކުރިމަތިވެފައި ނުވަނީސް، ކުއްލި ގޮތަށް އެ މަނިކުފާނުގެ ޕާސްޕޯޓް ހިފަހައްޓަން ދައުލަތުން އެދުނީ ނުބައި ނިޔަތެއްގައި ކަމަށް ވަކީލުން ވިދާޅުވި އެވެ.

އެ އަޑުއެހުމުގައި ޔާމީން ވިދާޅުވީ، އެ މަނިކުފާނު ފުރާވަޑައިގަތުން މަނާކުރުމާ މެދު ގޮތެއް ނިންމުމުގައި ކުރިން އަމަލު ކުރެއްވި ގޮތްތަކަށް ބަލަން ޖެހޭނެ ކަމަށެވެ. އެގޮތުން 2019 ވަނަ އަހަރު އެ މަނިކުފާނު ޖަލަށްލުމުގެ ކުރިން ވެސް ފުރާވަޑައިގަތުމަށް މަސައްކަތްޕުޅު ކުރައްވާފައި ނުވާނެ ކަމަށާއި އެހެންވީއިރު، ފުރާވަޑައިގަތުން މަނާކުރުމުގެ އަމުރެއް ނެރެންޖެހޭ ސަބަބެއް ނޯންނާނެ ކަމަށް ޔާމީން ވިދާޅުވި އެވެ.

ދެ ފަރާތުގެ ވާހަކަތަކަށް ފަހު، އެކަމާ މެދު ގޮތެއް ނިންމަވަމުން އިސް ގާޒީ ޝަކީލް ވިދާޅުވީ، ޔާމީންގެ މައްޗަށް ދައުވާ އުފުލާފައި އޮތުމުން އެ މަނިކުފާނު ފުރާވަޑައިގަތުމުން މަނާކުރަން ޖެހޭ ކަމަށް ދައުލަތުން ބުންޏަސް، ޔާމީން ފުރާވަޑައިގަންނަވަން އުޅުއްވާ ކަމަށް ބެލެވޭ ހެއްކެއް ނެތް ކަމަށެވެ. އަދި ދައުލަތުން ހިފަހައްޓަން އެދޭ ދެ ޕާސްޕޯޓަކީ މުއްދަތު ހަމަވެފައިވާ ޕާސްޕޯޓްތަކަކަށް ވާއިރު، ވުޖޫދުގައި ނެތް ޕާސްޕޯޓްތަކެއް ހިފެހެއްޓޭނެ އަސާސެއް ނެތް ކަމަށް ގާޒީ ވިދާޅުވި އެވެ.

އިސް ގާޒީ ވިދާޅުވިގޮތުގައި، ޔާމީން ފުރާވަޑައިގަތުމަށް އުޅުއްވާ ކަމުގެ ހެއްކެއް ނެތްއިރު، އެ މަނިކުފާނަކީ ކޯޓަށް ގަވާއިދުން ހާޒިރުވާ ބޭފުޅެކެވެ. އެހެންވެ، އެ މަނިކުފާނުގެ ޕާސްޕޯޓް ހިފަހައްޓަން އަމުރު ނެރެދެވެން ނެތް ކަމަށް ނިންމެވީ ކަމަށް އިސް ގާޒީ ވިދާޅުވި އެވެ.

އެކަމަކު ޔާމީން ފުރާވަޑައިގަތުމަށް މަސައްކަތްޕުޅު ކުރައްވާ ނަމަ، ޕާސްޕޯޓް ހިފަހައްޓަން އަލުން އެދެވިދާނެ ކަމަށް އިސް ގާޒީ ވިދާޅުވި އެވެ.

ސުޕްރީމް ކޯޓުން ޔާމީންގެ ޖަލު ހުކުމް ބާތިލް ކުރުމާ އެކު، އެ މަނިކުފާނުގެ ޕާސްޕޯޓް ހަތް ދުވަހަށް ހިފެހެއްޓުމުގެ އަމުރެއް ދައުލަތުން އެދިގެން ކްރިމިނަލް އޭރު ކޯޓުން ނެރުނެވެ. އެ އަމުރު މުއްދަތު މާދަމާ ހަމަވާނެ އެވެ.