Roadha Mihaaru
ކުރީގެ މިނިސްޓަރު ތޯރިގުގެ ޝުކުރު ރައީސަށް!

ކުރީގެ މިނިސްޓަރު ތޯރިގުގެ ޝުކުރު ރައީސަށް!

25 ސެޕްޓެމްބަރ 2019

މޫސުމަށް އަންނަ ބަދަލުތަކާ ބެހޭ ގޮތުން ރައީސް އިބްރާހީމް މުހައްމަދު ސޯލިހް އދ.ގައި އިއްޔެ ދެއްކެވި ވާހަކަފުޅާއި އެތައް އަހަރަކަށް ފަހު ރާއްޖޭގެ ވެރިޔަކު އދ. ގައި ތަގުރީރުކުރެއްވުމުން، ކުރީގެ އެންވަޔަރްމެންޓް މިނިސްޓަރު ތޯރިގް އިބްރާހީމް، ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ޝުކުރު އަދާކުރައްވައިފި އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

މޫސުމަށް އަންނަ ބަދަލުތަކާ ބެހޭ ގޮތުން ރައީސް އިބްރާހީމް މުހައްމަދު ސޯލިހް އދ.ގައި އިއްޔެ ދެއްކެވި ވާހަކަފުޅާއި އެތައް އަހަރަކަށް ފަހު ރާއްޖޭގެ ވެރިޔަކު އދ. ގައި ތަގުރީރުކުރެއްވުމުން، ކުރީގެ އެންވަޔަރްމެންޓް މިނިސްޓަރު ތޯރިގް އިބްރާހީމް، ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ޝުކުރު އަދާކުރައްވައިފި އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އެމަނިކުފާނާއި ސަރުކާރުގެ ދިފާއުގައި އެންމެ ބޮޑަށް މަސައްކަތްކުރެއްވި އެއް މިނިސްޓަރު ކަމަށް ވާ ތޯރިގު ކުރެއްވި ޓްވީޓްގައި، އިއްޔެ ރައީސް ދެއްވި ތަގުރީރު ސިފަކުރެއްވީ "ފަޚުރުވެރި ވަގުތުކޮޅެއް"ގެ ގޮތުގަ އެވެ.

އދ.ގައި ރައީސް ތަގުރީރު ނިންމާލެއްވުމާ އެކު ކުރެއްވި ޓްވީޓެއްގައި ތޯރިގު ވިދާޅުވީ އެއީ "ބައިނަލްއަގުވާމީ މުޖުތަމައުގައި ދިވެހި ރާއްޖެ ފަޚުރުވެރިކޮށްދިން ވަގުތުކޮޅެއް" ކަމަށެވެ.

ތޯރިގުގެ ޓްވީޓް

ކުރީގެ ރައީސް ޔާމީންގެ ވެރިކަން ނިންމާލެއްވީ އދ. ގެ މައި އޮފީހަށް ވަޑައިނުގަންނަވަ އެވެ. ކުރީގެ ރައީސް އަދި ޔާމީންގެ އެއްބަފާ ބޭބޭފުޅު މައުމޫން އަބްދުލްގައްޔޫމުގެ ވެރިކަމުން ފެށިގެން މިހާތަނަށް ރާއްޖޭގެ ރައީސްކަން ކުރެއްވި ބޭފުޅުންގެ ތެރެއިން އދ. ގައި ތަގުރީރުނުކުރައްވާ ހަމައެކަނި ރައީސަކީ ވެސް ޔާމީނެވެ.

މޫސުމަށް އަންނަ ބަދަލުތަކުގެ މައްސަލަޔާ ބެހޭ ގޮތުން ވާހަކަފުޅުގައި ދައްކަވަމުން ރައީސް ވިދާޅުވީ އެ މައްސަލައަށް ދުނިޔޭގެ ފެންވަރުގައި ފިޔަވަޅު ނޭޅުން އޮތީ ކަންބޮޑުވާ މިންވަރަކަށް ކަަމަށެވެ. މޫސުމަށް އަންނަ ބަދަލުތަކުގެ ކުއްލި ހާލަތަށް މާނަ ހުރި ގޮތެއްގައި ސަމާލުކަމަށް ހޯދަން ރާއްޖޭން މަސައްކަތްކުރާތާ 30 އަހަރު ވެއްޖެ ކަމަށް ވެސް ވިދާޅުވި އެވެ.

"މިއީ އަޅުގަނޑުމެންގެ ދިރިއުޅުމާ ގުޅިފައިވާ ހަނގުރާމައެކޭ އަޅުގަނޑުމެން އައީ ބުނަމުން. މިއީ ގައުމެއްގެ ގޮތުގައި އަޅުގަނޑުމެންގެ ދެމިއޮތުމަށް ނުރައްކާ ކުރާ ކަމަކަށް ވާތީ. [މޫސުމަށް ބަދަލު އަންނަކަން ކަށަވަރުކޮށްދޭ] ސައިންޓިފިކް ހެކިތަކަކީ ދެކޮޅުހެދެން ނެތް ހެކިތަކަކަށް ވިޔަސް ދުނިޔޭގެ ފެންވަރުގައި ފިޔަވަޅު ނޭޅުން އޮތީ ކަންބޮޑުވާ މިންވަރެއްގައި،" ރައީސް ވިދާޅުވި އެވެ.

ޔާމީންގެ ވެރިކަމަށް ފަހު އިދިކޮޅު ހަރަކާތްތަކުން ތޯރިގު ނުފެނެ އެވެ. ސިޔާސީ ކަންކަމަށް ވުރެ ގިނަ ވަގުތު އޭނާ މިހާރު ހޭދަކުރައްވަނީ އަމިއްލަ ވިޔަފާރީގަ އެވެ.