Roadha Mihaaru
އިދިކޮޅުގެ ރައްދު: ފެނުނީ ނަފްރަތާއި ބަދަލުހިފާނެ ކަން

ރައީސްގެ ވާހަކަފުޅުން އެނގުނީ ބަދަލު ހިފުމުގެ ރޫހް އޮތް މިންވަރު: އާދަމް ޝަރީފް

25 ސެޕްޓެމްބަރ 2019

އދ. ގެ އާއްމު މަޖިލީހުގައި ރޭ ތަގުރީރު ކުރައްވަމުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރަށް ފާޑުވިދާޅުވުމަކީ ނަފްރަތާއި ބަދަލު ހިއްޕެވުމުގެ ރޫހު މި ސަރުކާރުގައި އޮތް މިންވަރު ކަމަށް އިދިކޮޅު ޕީއެންސީގެ ނައިބު ލީޑަރު އަދި މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް އުމަރު މިއަދު ވިދާޅުވެއްޖެ އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

އދ. ގެ އާއްމު މަޖިލީހުގައި ރޭ ތަގުރީރު ކުރައްވަމުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރަށް ފާޑުވިދާޅުވުމަކީ ނަފްރަތާއި ބަދަލު ހިއްޕެވުމުގެ ރޫހު މި ސަރުކާރުގައި އޮތް މިންވަރު ކަމަށް އިދިކޮޅު ޕީއެންސީގެ ނައިބު ލީޑަރު އަދި މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް އުމަރު މިއަދު ވިދާޅުވެއްޖެ އެވެ.

ޔާމީންގެ ސަރުކާރުގެ އެންމެ ފަހުގެ ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވާހަކަފުޅުން އެނގުނީ ގައުމިއްޔަތެއް، އުއްމީދެއް ނެތް ކަމެވެ. އަދި، ޔާމީންގެ ސަރުކާރަށް ފާޑުވިދާޅުވުން އާދަމް ޝަރީފް މާނަކުރެއްވީ، އެއީ މި ސަރުކާރުން ބަދަލު ހިފުމުގެ ރޫހު އޮތް މިންވަރުގެ ގޮތުގަ އެވެ.

ވެރިކަމުގައި ހުންނަވައި ރާއްޖޭގެ ރައީސަކު އދ. ގެ އާއްމު މަޖިލީހުގައި ތަގުރީރު ނުކުރައްވާ ހަތް އަހަރު ފަހުން ވަޑައިގެން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވަނީ އެކި ދާއިރާތަކަށް އެމަނިކުފާނުގެ ސަރުކާރުގެ ވިސްނުން ގައުމުތަކާ ހިއްސާ ކުރައްވައިފަ އެވެ. ޑިމޮކްރަސީގެ މަގަށް ރާއްޖެ އަލުން ރޫޖޫއަވެ، ކަންކަން އިސްލާހު ކުރަމުން އަންނަ އިރު، ޔާމީންގެ ސަރުކާރުގައި ރާއްޖެ އޮތް ހާލަތު ރައީސްގެ ތަގުރީރުގައި ވިދާޅުވި އެވެ.

"ޝަރުއީ ނިޒާމު އޮތީ ހައިޖެކް ކޮށްފައި. ޕާލަމެންޓް އޮތީ ހުއްޓުމަކަށް ގެނެސްފައި. ދައުލަތުގެ މުއައްސަސާތަކަށް ނުފޫޒު ވައްދައި ނޫސްވެެރިންގެ އަނގަ ބަންދުކޮށްފައި،" ރައީސް ވިދާޅުވި އެވެ.

އާއްމު މަޖިލީހުގެ 74 ވަނަ ޖަލްސާގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ތަގުރީރު ކުރައްވަނީ.-- ފޮޓޯ: ރައީސް އޮފީސް

އާއްމު މަޖިލީހުގެ 74 ވަނަ ޖަލްސާގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ތަގުރީރު ކުރައްވަނީ.-- ފޮޓޯ: ރައީސް އޮފީސް

މީގެ އިތުރުން، އިދިކޮޅު ސިޔާސީ ހަރަކާތްތައް ފިއްތުންތައް ކުރިމަތިކޮށް އިދިކޮޅު ލީޑަރުން އަމިއްލަ އަށް އަރުވާލެވިގެން ގައުމުތަކުގައި ތިއްބެވި ކަމަށް ވެސް ވިދާޅުވި އެވެ.

މި ޚުލާސާ އަށް ރައްދު ދެއްވަމުން އާދަމް ޝަރީފް ވިދާޅުވީ، ޔާމީން ވެރިކަން ކުރެއްވި އިރު ޝަރުއީ ނިޒާމް ހައިޖެކްކުރީ މި ސަރުކާރު ހިންގާ ކޯލިޝަނުން ކަމަށެވެ. އޭނާ އެ އިޝާރާތް ކުރެއްވީ، އިދިކޮޅު ސިޔާސީ ލީޑަރުން މިނިވަންކުރަން ފެބުރުއަރީ 1، 2018، ގައި ސުޕްރީމް ކޯޓުން ނެރުނު އަމުރަށް ކަަމަށް ބެލެވެ އެވެ. އެއީ ސުޕްރީމް ކޯޓަށް ފައިސާގެ ނުފޫޒު ފޯރުވައި ނެރުއްވި އަމުރެއް ކަމަށް ޔާމީން އާއި ޕީޕީއެމުން ތުހުމަތު ކުރެ އެވެ.

އާދަމް ޝަރީފް ވިދާޅުވި ގޮތުގައި މިދިޔަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ނުކުތް މައްސަލަތަކަކަށް ވެސް މިހާތަނަށް އިންސާފެއް ނުލިބެ އެވެ. އެ އިންތިޚާބު މި ސަރުކާރުން ކާމިޔާބުކުރީ، ޕީޕީއެމުން ތުހުމަތުކުރާ ގޮތުގައި، އިލެކްޝަންސް ކޮމިޝަނަށް ނުފޫޒު ފޯރުވައިގެންނެވެ. މި ތުހުމަތާ އެކު މައްސަލަ ސުޕްރީމް ކޯޓަށް ވެސް ހުށަހެޅި އެވެ.

މިނިވަން ނޫސްވެރިކަން ނިގުޅައިގަތް ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވި ވާހަކަފުޅާ މެދު ވެސް އާދަމް ޝަރީފް ހިތްހަމަނުޖެހުންފާޅުކުރެއްވި އެވެ.

އޭނާ ވިދާޅުވީ "ގިނަ ނޫސްތައް މިހާރު ސަރުކާރުން ވަނީ ސްޕޮންސާ ކޮށްފައި" ކަމަށެވެ.

ޔާމީނާ އަރިސް އިދިކޮޅު ބައެއް ބޭފުޅުން، ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ވާހަކަފުޅަށް ފާޑުވިދާޅުވި އިރު، އެމަނިކުފާނުގެ އެންވަޔަރަމެންޓް މިނިސްޓަރު ތޯރިގް އިބްރާހިމް ވަނީ ތައުރީފް ކުރައްވައިިފަ އެވެ. އޭނާ އެންމެ ބޮޑަށް ހިތްހަމަޖެހިވަޑައިގަތީ ތިމާވެށީގެ މައްސަލަތަކާ މެދު ރައީސް ދެއްކެވި ވާހަކަފުޅެވެ.

އެންމެ ފަހުން އދ. ގައި ތަގުރީރު ކުރައްވާފައިވާ ރާއްޖޭގެ ރައީސަކީ ޑރ. މުހައްމަދު ވަހީދެވެ. ޔާމީންގެ ވެރިކަމުގައި ވެސް އެމަނިކުފާނުގެ ބަދަލުގައި ވަހީދު ވަނީ އދ. ގައި ތަގުރީރު ކުރައްވައިފަ އެވެ. ޔާމީންގެ ވެރިކަމުގެ ދައުރު ހަމަވިއިރު ވެސް ތަގުރީރު ކުރެއްވުމަށް އދ. އަށް ވަޑައެއް ނުގަންނަވަ އެވެ.