Roadha Mihaaru
އިދިކޮޅުން "ސީ"އެކޭ ބުނި ނަމަ ވިސްނާނަން: ފައްޔާޒު

ސީ ރިޕޯޓެކޭ ބުނި ނަމަ ވިސްނާނަން، އިދިކޮޅުން އެފް ދިނީ ސިޔާސީ ގޮތުން: ފައްޔާޒު

16 ނޮވެމްބަރ 2020

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގެ ދެ އަހަރުގެ ވައުދުތައް ތަންފީޒުވި މިންވަރު ރަނގަޅަށް ބަލައި އިދިކޮޅުން "ސީ" ރިޕޯޓެއް ދިން ނަމަ އެ ވާހަކަތަކަށް ސީރިއަސްކޮށް މި ސަރުކާރަށް ވިސްނުނީސް ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް މިދިޔަ ހަފުތާގައި ވިދާޅުވެއްޖެ އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގެ ދެ އަހަރުގެ ވައުދުތައް ތަންފީޒުވި މިންވަރު ރަނގަޅަށް ބަލައި އިދިކޮޅުން "ސީ" ރިޕޯޓެއް ދިން ނަމަ އެ ވާހަކަތަކަށް ސީރިއަސްކޮށް މި ސަރުކާރަށް ވިސްނުނީސް ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް މިދިޔަ ހަފުތާގައި ވިދާޅުވެއްޖެ އެވެ.

މި ވެރިކަމުގެ ދެ އަހަރަށް އިދިކޮޅު ޕީޕީއެމާއި ޕީއެންސީން ދިނީ "އެފް" ރިޕޯޓެކެވެ. އެއީ، ކޯލިޝަން ސަރުކާރުގެ ހިންގުން އިންތިހާއަށް ލަސްވެ، ރައްޔިތުންނަށް ވީ ވައުދުތަކާ ދިމާ އިދިކޮޅަށް ވެރިކަން ކުރާތީ ކަމަށް އިދިކޮޅުން ބުނެ އެވެ.

މި ސަރުކާރުގެ ދެ އަަހަރާ ގުޅޭ ގޮތުން "މިހާރު" އަށް ދެއްވި އިންޓަވިއުގައި ފައްޔާޒު ވިދާޅުވީ އިދިކޮޅުން "އެފް" ރިޕޯޓެއް ދިނުމުން އެއީ އެއްވެސް އަސްލެއް ނެތް ސިޔާސީ ވާހަކަތަކެއް ކަން އެނގޭ ކަމަށެވެ. އެގޮތަށް އަމަލުކުރުމަކީ، ސަރުކާރު ޒިންމާދާރުކުރުވައި ޖަވާބުދާރީ ކުރުވުމުގެ މަސްއޫލިއްޔަތާ ހަވާލުވެ ތިބި އިދިކޮޅު ޕާޓީއެއްގެ ޒިންމާއަދާކުރުން ކަމަކަށް ވެސް ފައްޔާޒު ގަބޫލެއް ނުކުރައްވަ އެވެ.

އޭނާ ވިދާޅުވި ގޮތުގައި ސަރުކާރުގެ އެކި ސިޔާސަތުތަކާ ގުޅޭ ގޮތުން އިދިކޮޅުން ރައްޔިތުންނަށް ފައިދާ ހުރި ރަނގަޅު ވާހަކައެއް ދައްކާ ނަމަ އެ ވާހަކައެއް ސަރުކާރުން އަޑުއަހާނެ އެވެ.

"އެކަމަކު އާއްމު ދިވެހި ރައްޔިތުން ކައިރި އައްސަވާލެއްވީމާ އެނގޭނެ ހަމަ ގައިމު ވެސް އެފް ރިޕޯޓެއް ނުލިބޭކަން،" ފައްޔާޒް ވިދޅާުވި އެވެ.

ކުރިން ގޯސްކޮށް ހިނގަމުން އައި ކަންކަން ބަދަލުވުމާ އެކު ރައްޔިތުންގެ ވަރަށް ބޮޑެތި އުއްމީދުތަކެއް ހުރި ކަން ސަރުކާރަށް އެނގޭ ކަމަށް ފައްޔާޒު ވިދާޅުވި އެވެ. އެހެންވިޔަސް ދެ އަހަރުގެ ތެރޭގައި، ކުރިމަތިވާނެ ގޮންޖެހުންތަކާ އެކު ވެސް މަސައްކަތް ކުރެވޭނީ ވަކި ވަރަކަށް ކަމަށް ވިދާޅުވި އެވެ.

އެންމެ ބޮޑު ކާމިޔާބީއެއްގެ ގޮތުގައި، ފައްޔާޒު ވެސް ފާހަގަކުރެއްވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވި ގޮތަށް، ދެ އަހަރުން ރައްޔިތުންނަށް ހޯދައި ދެވުނު އަމާން ކަމެވެ. މާރާމާރީ އާއި ކުށްކުރުން މަދުވެ، ރައްޔިތުން މިހާރު ބިރުގަންނަނީ ކޮން ކަމަކާތޯ ފައްޔާޒު ސުވާލު ކުރެއްވި އެވެ.

"ނެތެއް ނޫންތޯ، ވޭތުވެދިޔަ ތަނުގައި އޮތް ބިރުވެރިކަމެއް. ހަމަ ގައިމު ވެސް ނެތް. ސަރުކާރުގެ އަނިޔާވެރި ކަމެއް އައިސްދާނެ ކަމަކަށް ނޫނީ މާރާމާރީގެ ކަންތަކުގައި ވެސް،" މިނިސްޓަރު ވިދާޅުވި އެވެ.

"މިހާރު އޮތީ ސިޔާސީ ހަލަބޮލިކަން، ސިޔާސީ ވާދަވެރިކަން. މިހެން މި ކަންކަން ހުރި އިރުގައި އެފް ރިޕޯޓެކޭ ބުނީމާ އަޅުގަނޑުމެންނަށް އެބަ އެނގޭ އެއީ ސިޔާސީ އެއްޗެއް ކަން. ސީ ރިޕޯޓެކޭ ވިދާޅުވި ނަމަ އަޅުގަނޑުމެން ސީރިއަސްކޮށް، އެ ބޭފުޅުން އެ ފާހަގަކުރައްވަނީ ކޮންކޮން ކަމެއްތޯ ބަލައިލަން ބޭނުން."

ފައްޔާޒް ވިދާޅުވީ އިސްލާހީ ބަދަލުތަކެއް ގެނެސް ރައްޔިތުންނަށް އިންސާފު ލިބުމުގެ އިހުސާސް ކުރެވެން ފަށާފައިވާ ކަމަށެވެ. އެ ވާހަކަ އަށް ބާރުދެއްވަން ވިދާޅުވީ ރައްޔިތުންގެ ހިޔާލު ހުރި ގޮތް ބަލަން ޕޯލެއް ނެގިއަސް ސަރުކާރާއި ރައްޔިތުންގެ މަޖިލީހަށް ވުރެ ސުޕްރީމް ކޯޓަށް އިތުބާރު އޮތް ކަން އެނގޭނެ ކަމަށެވެ. ޝަރުއީ ނިޒާމް އިސްލާހުކުރަން ވީ ވައުދު ފުއްދުމަށް ސަރުކާރާއި ރައްޔިތުންގެ މަޖިލީހުން ފުރިހަމައަށް އެއްބާރުލުން ދީފައިވާ ކަަމަށް ފައްޔާޒު ވިދާޅުވި އެވެ.

"އަޅުގަނޑުމެން ޖުޑިޝަރީ އަށް ނުފޫޒު ނުފޯރުވާތީ، މަޖިލިސް އިން ނުފޫޒު ނުފޯރުވާތީ. ރަނގަޅު ސިސްޓަމެއް ޖަޖުންނަށް މިނިވަންކމާ އެކު އޮޕަރޭޓް ކުރެވޭނެ އަދި ގާބިލް މީހުން ލީމާ ވާ ގޮތް،" ފައްޔާޒު ވިދާޅުވި އެވެ.

ސަރުކާރު ދިފާއުކުރައްވައި ފައްޔާޒު ވާހަކަ ދެއްކެވި ނަމަވެސް އިދިކޮޅުން ބުނެފައި ވަނީ ދެ އަހަރު ގައުމު ހިންގީ ރައްޔިތުންނަށް ވެވަޑައިގަތް ވައުދުތަކާ ޚިލާފަށެވެ. މުންކަރާތްތައް އިތުރުވެ، އިސްލާމީ އަގީދާ ބަލިކަށިވާ އަމަލުތައް ގިނަވެ، ކޮރަޕްޝަން އާއްމުވެ، އިގްތިސާދު ވަޅުޖެހި ޝަރުއީ ނިޒާމު ޕެރެލައިޒްކޮށް ފަނޑިޔާރުންނަށް ސިޔާސީ ނުފޫޒު ފޯރުވައި، މި ވެރިކަން ހިންގުމުގެ ދޯދިޔާކަމުން ރައްޔިތުންގެ އާއްމު ހާލަތު ވަރަށް ބޮޑަށް ގޯސްވެފައިވާ ކަމަށް ވެސް ބުންޏެވެ.

ދެ އަހަރުން ސަރުކާރު ފޭލްވެއްޖެ ކަމަށް ބުނެ އަވަސް އިންތިޚާބަކަށް ވެސް އިދިކޮޅުން ގޮވާލި އެވެ.