Roadha Mihaaru
މޫސުމީ ބަދަލުތަކާ ގުޅޭ މައުލޫމާތު ހިއްސާކުރަން އެދިއްޖެ

މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ މައުލޫމާތު ހިއްސާ ކުރަން ރާއްޖޭން އެދިއްޖެ

26 ސެޕްޓެމްބަރ 2019

މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ މައުލޫމާތު އދ. ގެ މެމްބަރު ގައުމުތަކަށް ގަވާއިދުން ހިއްސާ ކުރުމަށް ރާއްޖެއިން އިއްޔެ އެދިއްޖެ އެވެ.

ލަމްޔާ އަބްދުﷲ ލަމްޔާ އަބްދުﷲ

މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ މައުލޫމާތު އދ. ގެ މެމްބަރު ގައުމުތަކަށް ގަވާއިދުން ހިއްސާ ކުރުމަށް ރާއްޖެއިން އިއްޔެ އެދިއްޖެ އެވެ.

ރާއްޖެ އަކީ މޫސުމާ ދެކޮޅަށް މަސައްކަތް ކުރަން އދ. އިން މިދިޔަ އަހަރު އެކުލަވައިލި "ގްރޫޕް އޮފް ފްރެންޑްސް އޮން ކްލައިމެޓް ޗޭންޖް އެންޑް ސެކިއުރިޓީ" ގެ މެމްބަރު ގައުމެކެވެ.

އދ. ގެ 74 ވަނަ އާންމު މަޖިލީހުގައި ކުރިއަށް ގެންދިޔަ ބައްދަލުވުމެއްގައި، އެ ގްރޫޕުން ވަނީ މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން، ގައުމުތަކުގެ ސަލާމަތާއި ރައްކާތެރިކަމަށް ދިމާވެ ގޮންޖެހުންތައް މެމްބަރު ގައުމުތަކާ ހިއްސާކުރަން އެދިފަ އެވެ. މި ކަމަށް އެ ގްރޫޕުން އެދިފައި ވަނީ އދ. ގެ ޖެނެރަލް ސެކްރެޓަރީ އެންޓޯނިއޯ ގުޓަރެސްގެ އަރިހުންނެވެ. ރާއްޖެ ތަމްސީލް ކުރައްވަމުން މި ކަމުގައި ސޮއިކުރެއްވީ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދެވެ.

މިނިސްޓަރު ޝާހިދު މިއަދު ކުރެއްވި ޓްވީޓެއް

މި ބައްދަލުވުމުގައި، ޝާހިދު ވިދާޅުވީ ރާއްޖޭގެ އިގްތިސާދުގެ ބޮޑުބަޔަކީ ގުދުރަތީ ވަސީލަތްތަކަށް ބަރޯސާވާ ދާއިރާތައް ކަމަށެވެ. އަދި މަސްވެރިކަމާއި ޓޫރިޒަމްގެ ދާއިރާގައި މަސައްކަތްކުރާ ދިވެހިންގެ ދިރިއުޅުމަށް، މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"ކަނޑުގެ ލޮނުގަނޑު އުފުލެމުން އަންނާތީވެ އާއި ކަނޑު ހޫނުވަމުން އަންނާތީވެ އާއި ކަނޑުގައި އުޅޭ ދިރުންތައް މަދުވަމުން އަންނާތީ، ރާއްޖެ ފަދަ ކުޑަ ޖަޒީރާ ގައުމަކަށް މޫސުމަށް އަންނަ ބަދަލުތަކުން ވަރަށް ގެއްލުންވޭ. ރަށް ގިރުމުގެ މައްސަލަތައް ވެސް ކުރިމަތިވޭ،" މިނިސްޓަރު ވިދާޅުވި އެވެ.

ޝާހިދު ވިދާޅުވި ގޮތުގައި، މިފަދަ ގެއްލުންތައް ކުރިމަތި ވެއްޖެ ނަމަ ރާއްޖެއަށް ވާނެ ގެއްލުން ބަޔާން ކުރަން ވެސް ބަޔަކަށް ނޭނގޭނެ އެވެ. އެގޮތުން، ދިވެހިންގެ އާދަކާދަ އާއި ވަޒީފާތަކާއި ރާއްޖޭގެ ސަރަހައްދަށް ވެސް ބޮޑެތި ގެއްލުންތަކެއް ވާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ގްރޫޕް އޮފް ފްރެންޑްސް އަކީ މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ މައްސަލަތަކަށް ހައްލެެއް ހޯދުމުގައި އދ. ގެ ބައިވެރިވުން އިތުރުކުރަން މިދިޔަ އަހަރު އެކުލަވައިލި ގްރޫޕެކެވެ. މި ގްރޫޕުގައި ހިމެނޭ 27 މެމްބަރު ގައުމުތަކުގެ ތެރޭގައި، މޫސުމީ ބަދަލުތަކުގެ ސަބަބުން ނޭދެވޭ އަސަރު ކުރާނެ ގައުމުތައް ގިނަ އެވެ. އޭގެ ތެރޭގައި ރާއްޖެ ފަދަ ޖަޒީރާ ގައުމުތައް ހިމެނެ އެވެ.