Roadha Mihaaru
ހޫނުމިން މަަތިވިޔަަނުދޭން ފިޔަވަޅު އަޅަން ޖެހޭ: ޝާހިދު

ފިނިހޫނުމިން މަތިވިޔަ ނުދޭން ހަރުދަނާ ފިޔަވަޅު އަޅަން ޖެހޭ: ޝާހިދު

13 ޑިސެމްބަރ 2020

ދުނިޔޭގެ ފިނިހޫނުމިން މިހާރު ހުރި ވަރަށް ވުރެ 1.5 ޑިގްރީ ސެލްސިއަސް މަތިވިޔަ ނުދިނުމަށްޓަކައި ހަރުދަނާ ފިޔަވަޅުތައް އަޅަން ޖެހޭ ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު މިއަދު ވިދާޅުވެއްޖެ އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

ދުނިޔޭގެ ފިނިހޫނުމިން މިހާރު ހުރި ވަރަށް ވުރެ 1.5 ޑިގްރީ ސެލްސިއަސް މަތިވިޔަ ނުދިނުމަށްޓަކައި ހަރުދަނާ ފިޔަވަޅުތައް އަޅަން ޖެހޭ ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު މިއަދު ވިދާޅުވެއްޖެ އެވެ.

މޫސުމަށް އަންނަ ބަދަލުތަކުގެ ގެއްލުން ކުޑަކުރުމަށްޓަކައި ގާއިމު ކޮށްފައިވާ ބައިނަލްއަގުވާމީ މުއާހަދާ "ޕެރިސް އެގްރިމެންޓް" އަށް ފަސް އަހަރު ފުރުމާ ގުޅިގެން ކުރެއްވި ޓްވީޓެއްގައި ޝާހިދު ވިދާޅުވީ، ފިނިހޫނުމިން މަތިވިޔަނުދޭން ކުރާ އުއްމީދު ކޮވިޑް-19 ގެ ބަލިމަޑުކަމުން އަރައިގަންނައިރު، އާކުރަން ޖެހޭ ކަމަށާއި އެކަމަށްޓަކައި ހަރުދަނާ ފިޔަވަޅު އަޅަން ޖެހޭ ކަަމަށެވެ.

ޕެރިސް އެގްރިމެންޓަކީ 196 ގައުމަކުން ސޮއިކޮށްފައިވާ ބައިނަލްއަގުވާމީ މުއާހަދާ އެކެވެ. އެ މުއާހަދާގައި ގައުމުތަކުން ސޮއިކުރަން ފެށީ ޑިސެމްބަރު 12، 2015 ގަ އެވެ. އެކަމަކު، އެ މުއާހަދާ އަށް އަމަލުކުރަން ފެށީ ނޮވެމްްބަރު 24، 2016 ގަ އެވެ. މުއާހަދާ އަށް ގައުމުތަކުން އެއްބަސްވީ ސިނާއީ މަސައްކަތްތައް ފެށުމުގެ ކުރިން ދުނިޔޭގެ ފިނިހޫނުމިން ހުރި ވަރަށް ވުރެ ދެ ޑިގްރީ ސެލްސިއަސް މަތިވިޔަ ނުދޭން މަސަައްކަތް ކުރުމާއި ފިނިހޫނުމިން މަތިވާ ވަރު 1.5 ޑިގްރީ ސެލްސިއަސްގައި ހިފެހެއްޓޭތޯ ބެލުމަށެވެ.

އެހެންވެ، އެކަން ހާސިލުވާ ވަރަށް ގްރީންހައުސް ގޭސްތައް މަދުކުރުމަށާއި މި ގަރުނުގެ މެދަކާ ހިސާބަށް ދިއުމުގެ ކުރިން، އެ ލަނޑުދަނޑި ހާސިލުކުރަން ވެސްް އެ މުއާހަދާގައި ވެ އެވެ.

މޫސުމަށް އަންނަ ބަދަލުތައް ކުޑަކޮށް، އެފަދަ ބަދަލުތަކުގެ ގެއްލުން ކުޑަކުރަން ބައިނަލްއަގުވާމީ ގޮތުން ކުރަމުން އަންނަ މަސައްކަތުގައި ޕެރިސް އެގްރިމެންޓަކީ ފާހަގަކޮށްލެވޭ މުއާހަދާ އެކެވެ. އެއީ ގިނަ ގައުމުތަކަކުން ސޮއިކުރި އެފަދަ ފުރަތަމަ މުއާހަދާ އެވެ.

ޕެރިސް އެގްރިމެންޓަށް ފަސް އަހަރު ފުރުން ފާހަގަކުރަން އިއްޔެ ބޭއްވި ވާޗުއަލް ސަމިޓްގައި އދ. ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރެސް ގޮވައިލެއްވީ ގައުމުތަކުން ކްލައިމެޓް އިމަޖެންސީ އިއުލާނުކޮށް، ކާބަން ބޭރުކުރާ ވަރު މަދުކުރަން މަސައްކަތް ކުރުމަށެވެ.

އޭނާ ވިދާޅުވިގޮތުގައި، ކާބަން މަދުކުރަން ގައުމުތަކުން މިހާރު ވައުދުވެފައިވާ މިންވަރަކީ ފިނިހޫނުމިން 1.5 ޑިގްރީ އަށް މަތިކުރެވޭ ވަރަށް ވުރެ މާ ކުޑަ މިންވަރެކެވެ. މިހާރު މަސައްކަތް ކުރާ ގޮތަށް ކުރާ ނަމަ ސިނާއީ ޒަމާނުގެ ކުރިން ހުރި ވަރަށް ވުރެ ތިން ޑިގްރީ ސެލްސިއަސް އަށް ފިނިހޫނުމިން މަތިވެ، ބޮޑު ކާރިސާއަކާ ކުރިމަތިވެދާނެ ކަމުގެ އިންޒާރު އދ. ގެ ސެކްރެޓަރީ ޖެނެރަލް ދެއްވި އެވެ.