Roadha Mihaaru
ގދ. އަތޮޅުގައި 6،000 އެނދު އިތުރުކުރަން ޖެހޭ

އިތުރު ދެ އެއާޕޯޓާ އެކު ގދ. ގައި 6،000 ޓޫރިސްޓު އެނދު އިތުރުކުރަން ޖެހޭ: ރައީސް

07 އޯގަސްޓް 2018

ގދ. ފަރެސްމާތޮޑާގަ އާއި މާވަރުލުގެ އެއާޕޯޓް ހުޅުވުމުން ޓޫރިޒަމަށް އިތުރު ރަށްތަކެއް ހުޅުވާލަން ޖެހޭ ކަމަށާއި ކުރިޔަށް އޮތް ތިން އަހަރުގެ ތެރޭގައި 6،000 ޓޫރިސްޓު އެނދު އިތުރުވާން ޖެހޭ ކަމަށް ރައީސް އަބްދުﷲ ޔާމީން މިއަދު ވިދާޅުވެއްޖެ އެވެ.

އަބްދުﷲ ޖަމީލު އަބްދުﷲ ޖަމީލު

ގދ. ފަރެސްމާތޮޑާގަ އާއި މާވަރުލުގެ އެއާޕޯޓް ހުޅުވުމުން ޓޫރިޒަމަށް އިތުރު ރަށްތަކެއް ހުޅުވާލަން ޖެހޭ ކަމަށާއި ކުރިޔަށް އޮތް ތިން އަހަރުގެ ތެރޭގައި 6،000 ޓޫރިސްޓު އެނދު އިތުރުވާން ޖެހޭ ކަމަށް ރައީސް އަބްދުﷲ ޔާމީން މިއަދު ވިދާޅުވެއްޖެ އެވެ.

ގައްދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއުގެ ނިމުން ފާހަގަކުރުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ މިހާރު ހަމަޖެހިފައިވާ ގޮތުން ތިން އަހަރުގެ ތެރޭގައި 21 ރަށް ޓޫރިޒަމަށް ތަރައްގީކުރަން ޖެހޭނެ ކަމަށެވެ. އަދި ގައްދޫ ހިމެނޭ ދާއިރާގައި އެކަނި 4،200 އެނދު ހުންނަން ޖެހޭ ކަމަށް ވެސް ރައީސް ޔަމީން ވިދާޅުވި އެވެ.

"އެއީ އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންގެ ދެން އަންނަ ފަސް އަހަރެއްގެ އެންމެ ފުރަތަމަ ތިން އަހަރުގެ ތެރޭގައި އަޅުގަނޑުމެން ކުރަން ހުރި ކަންތައް. މި އަދަދުތަކަށް ބަލައިފި ކަމަށް ވަންޏާ، މި އަދަދުން އެކަނި މިއީ ގާތްގަނޑަކަށް 7،000 ޒުވާނުންގެ ވަޒީފާ،" ރައީސް ވިދާޅުވި އެވެ.

ގދ. ގައި މި ވަގުތު ހިންގަނީ ދެ ރިސޯޓެވެ. އެއީ ގައްދޫ ކައިރީގައި އޮންނަ މަގުއްދުވާގައި ހިންގާ އަޔާޑާ މޯލްޑިވްސް އާއި ގދ. ކޮނޮއްޓާ ގައި ހިންގާ އައުޓްރިގާ ކޮނޮއްޓާ މޯލްޑިވްސް އެވެ.

ރައީސް ޔާމީން ވިދާޅުވީ އެ އަތޮޅުގައި އަލަށް ހަދާ ރިސޯޓުތައް ހުޅުވުމުން ގައްދޫ އެކަހެރި ނުވާނެ ކަމަށެވެ.

"ﷲގެ ރަހުމަތުން މިކުރެވޭ މަސައްކަތަކީ އިގްތިސާދީ ފުދުންތެރިކަން އިތުރުކުރަން އަޅުގަނޑުމެން ކުރާ މަސައްކަތް. އަޅުގަނޑުގެ ވާދަވެރިން ދައްކަވާ ވާހަކާގައި މި ވާހަކައެއް ނޫން ދައްކަވާނީ،" ރައީސް ވިދާޅުވި އެވެ.

ރައީސް ޔާމީން ވިދާޅުވީ މީގެ ކުރީގެ ސަރުކާރުން އެ ރަށަށް ހޭދަކޮށްފައި ވަނީ 27 މިލިއަން ރުފިޔާ ކަމަށެވެ. އަދި އޭރު ގައްދޫ އޮތީ އެކަހެރިވެފައި ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވި އެވެ. ނަމަވެސް މިހާރުގެ ސަރުކާރުން 240 މިލިއަން ރުފިޔާ ގައްދުއަށް ހޭދަކޮށްފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސް ޔާމީން ވިދާޅުވީ ކުރިޔަށް އޮތް ތިން އަހަރުގެ ތެރޭގައި ގދ. އަތޮޅަށް 6،000 އެނދު އަދި ގއ. އަތޮޅަށް 4،000 އެނދު އިތުރުވެގެންދާނެ ކަމަށެވެ.

ގއ. އަތޮޅުގައި މިހާރު ހިންގަނީ ފަސް ރިސޯޓެކެވެ. އެއީ ފަޅުމާފުށީގައި ހިންގާ ދަ ރެސިންޑެންސާއި ހަޑަހާގައި ހިންގާ ޕާކް ހަޔަޓް ހަނޑާ އާއި ގއ. ފުނަމައުއްޑުއާގައި ހިންގާ ރޮބިންސަން ކްލަބް މޯލްޑިވްސް އާއި ކޫއްޑޫގައި ހިންގާ މާކިއޯ މޯލްޑިވްސް ކޫއްޑޫ އެވެ. އަދި ގއ. މެރަދޫގައި ހިންގި ޖުމެއިރާ ދެވަނަ ފުށި އެކޯ ހޮޓެލްސް އިން މިދިޔަ އަހަރު ގަނެ އަލުން ހުޅުވަން އަންނަނީ މަސައްކަތް ކުރަމުންނެވެ.