Roadha Mihaaru
ޕްލާސްޓިކާ ދުރުވާން އުޅެން ޖެހުނީ ފެން ނުބޮއި: އަލީ

ޕްލާސްޓިކާ ދުރުވާން އުޅެން ޖެހުނީ ފެން ނުބޮއި: އަލީ ވަހީދު

27 ސެޕްޓެމްބަރ 2019

ޕްލާސްޓިކާ ދުރުވާން ޓޫރިޒަމް މިނިސްޓްރީން ކުރި މަސައްކަތްތަކުގައި މުވައްޒަފުން މިނިސްޓްރީގައި ހަފުތާއެއް ވަންދެން އުޅެން ޖެހުނީ ފެން ނުބޮއި ކަމަށް މިނިސްޓަރު އަލީ ވަހީދު ރޭ ވިދާޅުވެއްޖެ އެވެ.

ފާތިމަތު ޝަނާ މުހައްމަދު ވ. ކެޔޮދޫން ފާތިމަތު ޝަނާ މުހައްމަދު

ޕްލާސްޓިކާ ދުރުވާން ޓޫރިޒަމް މިނިސްޓްރީން ކުރި މަސައްކަތްތަކުގައި މުވައްޒަފުން މިނިސްޓްރީގައި ހަފުތާއެއް ވަންދެން އުޅެން ޖެހުނީ ފެން ނުބޮއި ކަމަށް މިނިސްޓަރު އަލީ ވަހީދު ރޭ ވިދާޅުވެއްޖެ އެވެ.

ދުނިޔޭގެ ޓޫރިޒަމް ދުވަސް ފެށުމަށް ވ. ކެޔޮދޫގައި ބޭއްވި ހާއްސަ ދިވެހި ކެއުމުގައި، އަލީ ވަހީދު ވަނީ ޓޫރިޒަމް މިނިސްޓްރީގައި ޕްލާސްޓިކް ބޭނުން ކުރުން ހުއްޓާލިކަން އިއުލާން ކުރައްވައިފަ އެވެ.

ވ. ކެޔޮދޫގައި ރޭ ބޭއްވި ދިވެހި ކެއުން. --މިހާރު ފޮޓޯ/ ނިޝާން އަލީ

ވ. ކެޔޮދޫގައި ރޭ ބޭއްވި ދިވެހި ކެއުން. --މިހާރު ފޮޓޯ/ ނިޝާން އަލީ

"މިކަން ކުރުމަކީ ވެސް ގޮންޖެހުންތަކެއް ހުރި ކަމެއް. ރާއްޖޭގެ ނާޒުކު ތިމާވެށި ހިމާޔަތް ކުރުމަށް ސަރުކާރުން ކުރާ މަސައްކަތްތަކުގެ ތެރެއިން ޓޫރިޒަމް މިނިސްޓްރީގައި ސިންގަލް-ޔޫސް ޕްލާސްޓިކް ބޭނުން ކުރުން ހުއްޓާލުމުން ހަފްތާއެއް ވަންދެން އުޅެން ޖެހުނީ ފެން ނުބޮއި. އެހެން ނަމަވެސް ފަހުން އެކަމަށް މުވައްޒަފުން ހޭނި ފެން ބޯނެ އިތުރު ގޮތްތައް ހޯދި،" ނައިބް ރައީސް ފައިސަލް ނަސީމާއި ސަރުކާރުގެ ބައެއް މިނިސްޓަރުން ބައިވެރިވެވަޑައިގެންނެވި ހަފުލާގައި އަލީ ވަހީދު ވިދާޅުވި އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ދާދި ފަހުން އދ. ގައި ދެއްވި ތަގްރީރުގައި ރާއްޖޭގެ ގޮނޑުދޮށްތަކާއި މޫދަށް އެންމެ ގިނައިން އަޅާ ކުންޏަކީ ޕްލާސްޓިކް ކަމަށް ވިދާޅުވެފައިވާތީ އެކަމަށް އިޝާރާތް ކުރައްވައި އަލީ ވަހީދު ވިދާޅުވީ، ރާއްޖޭގެ ޓޫރިޒަމް ރަންޔޫބީލާ ހަމަޔަށްދާ އިރު ދެމެހެއްޓެނިވި ގޮތެއްގައި މި ދާއިރާ ތަރައްގީ ކުރުން މުހިއްމު ކަމަށެވެ.

"ޓޫރިޒަމްގެ އީދު ފާހަގަކުރާ އިރު ހަނީމޫން ޑެސްޓިނޭޝަނެއްގެ އިތުރުން ޑައިވާސިފައި ކުރުމަށް މަސައްކަތް ކުރާނަން،" އޭނާ ވިދާޅުވި އެވެ.

ވ. ކެޔޮދޫގައި ރޭ ބޭއްވި ހަފުލާގައި ސަގާފީ ކުޅިވަރުތައް ދައްކާލަނީ. --މިހާރު ފޮޓޯ/ ނިޝާން އަލީ

ވ. ކެޔޮދޫގައި ރޭ ބޭއްވި ހަފުލާގައި ސަގާފީ ކުޅިވަރުތައް ދައްކާލަނީ. --މިހާރު ފޮޓޯ/ ނިޝާން އަލީ

ރޭ ބޭއްވި ދިވެހި ކެޔުމުގެ އިތުރުން ކެޔޮދޫ ރައްޔިތުންގެ ސަގާފީ ކުޅިވަރުތައް ވެސް ދައްކާލި އެވެ. އަދި ދުނިޔޭގެ ޓޫރިޒަމް ދުވަހާ ގުޅުވައިގެން ކެޔޮދޫގައި ހަވާ އެރުވުން ވެސް އޮތެވެ.

އަލީ ވަހީދު ވިދާޅުވީ ރާއްޖޭގައި ފާހަގަކުރާ ޓޫރިޒަމް ދުވަސް ބަލައިލުމަށް ދުނިޔޭގެ އެކި ކަންކޮޅުތަކުން ޓޫރިސްޓުން އަންނާނެ ފެންވަރަށް ކުރިއަށް އޮތް ތަނުގައި އެ ދުވަސް ފާހަގަކުރާނެ ކަމަށެވެ.

ގެސްޓް ހައުސް ވިޔަފާރި އަށް ހުޅުވާލުމާ އެކު ދިވެހި ކޮންމެ ރަށެއް ވާނީ ރަށުފަތުރުވެރިކަމުގެ ރިސޯޓަކަށް ކަމަށާއި އެ ރިސޯޓުގެ ޖެނެރަލް މެނޭޖަރަށް ވާނީ ކައުންސިލްގެ ރައީސް ކަމަށް އަލީ ވަހީދު ވިދާޅުވި އެވެ. އަދި ރާއްޖޭގެ ކޮންމެ ރަށަކުން އެ ޖީއެމް ދެކެން ބޭނުން ކަމަށް އޭނާ ވިދާޅުވި އެވެ.

ޓޫރިޒަމް ދުވަސް ފާހަގަކުރުމުގެ ހަރަކާތްތައް ވ. އަތޮޅުން އިއްޔެ ފެށީ ރާއްޖޭގެ 17 އަތޮޅު ބައިވެރިވި ކެނޯ ރޭހުންނެވެ. މި ރޭސް ބޭއްވީ، ތިން ރަށަށް މަޑުކުރާ ގޮތަށެވެ. އަންހެން އަދި ފިރިހެން ބައިވެރިން ހިމެނޭ މި މުބާރާތް ކާމިޔާބު ކުރީ ވ. އަތޮޅެވެ.