Roadha Mihaaru
އާރޮން ކާޓާ "ވަގަށް ނެގި" ކުރެހުން ޑިލީޓްކޮށްފި

އާރޮން ކާޓާ "ވަގަށް ނެގި" ކުރެހުން އިންސްޓަގްރާމުން ޑިލީޓްކޮށްލައިފި

28 ސެޕްޓެމްބަރ 2019

ރާއްޖޭގެ ޑިޖިޓަލް އާޓިސްޓު އަލީ ޝިމްހާގުގެ ކުރެހުމަކީ އަމިއްލަ އެއްޗެއް ކަމަށް ހަދައި ބޭނުންކުރި އެމެރިކާގެ އާޓިސްޓް އާރޮން ކާޓާ އަށް ފާޑުކިއުން އަމާޒުވުމުން އެ ކުރެހުން އޭނާ އިންސްޓަގްރާމުން ޑިލީޓްކޮށްލައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ރާއްޖޭގެ ޑިޖިޓަލް އާޓިސްޓު އަލީ ޝިމްހާގުގެ ކުރެހުމަކީ އަމިއްލަ އެއްޗެއް ކަމަށް ހަދައި ބޭނުންކުރި އެމެރިކާގެ އާޓިސްޓް އާރޮން ކާޓާ އަށް ފާޑުކިއުން އަމާޒުވުމުން އެ ކުރެހުން އޭނާ އިންސްޓަގްރާމުން ޑިލީޓްކޮށްލައިފި އެވެ.

އެމެރިކާގެ މަޝްހޫރު ބޭންޑް "ބެކް ސްޓްރީޓް ބޯއިސް" ގެ މެމްބަރު ނިކް ކާޓާގެ ކޮއްކޮ މިއަދު ކުރި ޓްވީޓެއްގައި ބުނީ އޭނާ އިންސްޓަގްރާމްގައި ޕޯސްޓްކުރި ސިންގާގެ ކުރެހުމާ ގުޅިގެން އެއީ ވަގަށް ނަގާފައިވާ ފޮޓޯއެއް ކަމަށް ބުނެ ބުލީކުރާތީ ފޮޓޯ ޑިލީޓްކޮށްލާފައިވާ ކަމަށެވެ. އަދި އޭނާ އަށް ބުލީކުރި މީހުންނަށް ދައުވާކުރާނެ ކަމަށާއި އެ ކުރެހުން އަމިއްލަ އަށް ތައްޔާރުކުރާނެ ކަމަށް ވެސް ބުންޏެވެ.

އާރޮން "ވަގަށް ނެގި" ސިންގާގެ ޑިޖިޓަލް ކުރެހުން މީގެ ފަސް އަހަރު ކުރިން ކުރެހި ކުރެހުންތެރިޔާ ޝިމްހާގް މިއަދު ބުނީ އޭނާގެ އެ ކުރެހުން އާރޮން "ވަގަށް ނަގައިގެން" އުޅޭކަން އެނގުނީ ޓްވިޓާ އިން ފޮލޯވަރަކު އެކަން ހިއްސާކުރުމުން ކަމަށެވެ. އެހެންވެ ޝިމްހާގް ވެސް ވަނީ އެއީ ވައްކަމެއް ކަމަށް ބުނެ ޓްވީޓްކޮށްފަ އެވެ.

އޭނާ މިއަދު "މިހާރު" އަށް ބުނީ ކުރެހުމުގެ މައްސަލާގައި އާރޮންގެ ގާތު ޝަކުވާކުރުމުން އެއީ އޭނާގެ އެއްޗެއް ކަމަށް ދައުވާކޮށް، އެއީ ގަނެފައިވާ އެއްޗެއް ކަމަށް ބުނެފައިވާ ކަމަށެވެ. ނަމަވެސް ކުރެހުން އެއްވެސް މީހަކަށް ވިއްކާ ނުލާ ކަމަށާއި އެ ބޭނުން ކުރުމުގެ ހުއްދަ ވެސް އެއްވެސް މީހަކަށް ދީފައި ނުވާ ކަމަށް ބުންޏެވެ.

އުމުރުން 31 އަހަރުގެ އާރޮންއަކީ 90 ގެ އަހަރުތަކުގެ ތެރޭގައި ވިދައިލި ލަވަކިޔުންތެރިއެކެވެ. އޭނާ މިހާތަނަށް ފަސް އަލްބަމް ނެރެފައިވާ އިރު އެންމެ ފަހުން ނެރުނު އަލްބަމަކީ މިދިޔަ އަހަރުގެ "ލަވް" އެވެ.