Roadha Mihaaru
އާޓިސްޓުންގެ ހައްގުތައް ހިމާޔަތް ކުރަންޖެހޭ: ޔުމްނާ

"ވަގަށް ނެގި" ކުރެހުމާ ގުޅިގެން ޔުމްނާ ކަންބޮޑުވުންފާޅުކޮށްފި

28 ސެޕްޓެމްބަރ 2019

ރާއްޖޭގެ އާޓިސްޓެއްގެ ކުރެހުމެއް ބޭރު މީހަކު "ވަގަށް" ނަގައި ބޭނުންކުރި މައްސަލައިގައި އާޓްސް އެންޑް ހެރިޓޭޖް މިނިސްޓަރު ޔުމްނާ މައުމޫން ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ރާއްޖޭގެ އާޓިސްޓެއްގެ ކުރެހުމެއް ބޭރު މީހަކު "ވަގަށް" ނަގައި ބޭނުންކުރި މައްސަލައިގައި އާޓްސް އެންޑް ހެރިޓޭޖް މިނިސްޓަރު ޔުމްނާ މައުމޫން ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.

މިނިސްޓަރު މިކަމާ ބެހޭ ގޮތުން ވާހަކަ ދައްކަވާފައި މި ވަނީ އެމެރިކާގެ ލަވަކިޔުންތެރިޔާ އާރޮން ކާޓާ، ރާއްޖޭގެ ޑިޖިޓަލް އާޓިސްޓް އަލީ ޝިމްހާގްގެ ކުރެހުމެއް އަމިއްލަ އެއްޗެއް ކަމަށް ބުނެ އިންސްޓަގްރާމްގައި ހިއްސާކުރުމާ އެކު، އޭނާ އަށް އަމާޒުވި ފާޑުކިޔުންތަކާ ގުޅިގެން އެ ކުރެހުން މިއަދު އިންސްޓަގްރާމުން ޑިލީޓް ވެސް ކޮށްލާފައި ވަނިކޮށެވެ.

ޝިމްހާގް ޓެގް ކުރައްވައި މިނިސްޓަރު ޔުމްނާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ރާއްޖޭގެ ކުރެހުންތެރިއެއްގެ މަސައްކަތުގެ ނާޖާއިޒު ފައިދާ ނެގުމަކީ ކަންބޮޑުވާ ކަމެއް ކަމަށާއި އެކަމާ ހިތާމަ ކުރައްވާ ކަމަށެވެ.

"ރާއްޖެ ކިތަންމެ ކުޑަ ނަމަވެސް ރާއްޖޭގައި ވަރަށް ހުނަރުވެރި ފަންނާނުން އެބަތިބި. އެ މީހުންގެ ހައްގުތައް ހިމާޔަތްކުރަން ޖެހޭ،" މިނިސްޓަރު ވިދާޅުވި އެވެ.

ސިންގާއެއްގެ މޫނު ދައްކުވައިދޭ ޝިމްހާގްގެ ޑިޖިޓަލް އާޓް ކުރެހުން އާރޮން ކާޓާ އިންސްޓްރާމްގައި ޕޯސްޓްކުރީ އިއްޔެ އެވެ. އެއާ އެކު ސޯޝަލް މީޑިއާގައި ޝިމްހާގް ފޮލޯކުރާ ވަރަށް ގިނަ ބަޔަކު ވަނީ #އާރޮން ކާޓާއާޓްތީފްގެ ނަމުގައި އާރޮންއާ ދެކޮޅަށް ވަރުގަދަ ކެމްޕޭނެއްކޮށް އޭނާ ލަދު ގަންނުވާލައިފަ އެވެ. މިކަމާ ގުޅިގެން އޭނާ ވަނީ ކުރެހުން ޑިލީޓްކޮށްލައިފަ އެވެ.

އާރޮން ބުނީ ކުރެހުން ޑިލީޓްކުރީ އޭނާއަށް ވަގަށް ގޮވައި ބުލީކުރާތީ ކަމަށެވެ. އަދި އެކަން ކުރި މީހުންނަށް ދައުވާކުރާނެ ކަމަށް ވެސް އޭނާ ކުރި ޓްވީޓެއްގައި ބުންޏެވެ.

ޝިމްހާގް ބުނީ ކުރެހުމުގެ މައްސަލާގައި އާރޮންގެ ގާތު ޝަކުވާކުރުމުން އެއީ އޭނާގެ އެއްޗެއް ކަމަށް ދައުވާކޮށް، އެއީ ގަނެފައިވާ އެއްޗެއް ކަމަށް ބުނެފައިވާ ކަމަށެވެ. ނަމަވެސް ކުރެހުން އެއްވެސް މީހަކަށް ވިއްކާ ނުލާ ކަމަށާއި އެ ބޭނުން ކުރުމުގެ ހުއްދަ ވެސް އެއްވެސް މީހަކަށް ދީފައި ނުވާ ކަމަށް ބުންޏެވެ.

އުމުރުން 31 އަހަރުގެ އާރޮންއަކީ އެމެރިކާގެ މަޝްހޫރު މިއުޒިކް ބޭންޑް "ބެކް ސްޓްރީޓް ބޯއިޒް" ގެ މެމްބަރު ނިކް ކާޓާ، 39. ގެ ކޮއްކޮ އެވެ.