Roadha Mihaaru
އަލިފާނުގެ ހާދިސާގައި އެނދި އިމާރާތް ރޫޅާލައިފި

އަލިފާނުގެ ހާދިސާގައި އެނދި އިމާރާތް ރޫޅާލައިފި

28 ސެޕްޓެމްބަރ 2019

ހ. ތިލަފުށިގޭގައި ހަދާފައި ހުރި ކެމިކަލް ގުދަނުގައި ރޯވެ ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާގައި އެންމެ ބޮޑު ގެއްލުމެއް ލިބުނު ހ. ކީވްގެ އޮނިގަނޑު އެއްކޮށް ރޫޅާލައިފި އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ހ. ތިލަފުށިގޭގައި ހަދާފައި ހުރި ކެމިކަލް ގުދަނުގައި ރޯވެ ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާގައި އެންމެ ބޮޑު ގެއްލުމެއް ލިބުނު ހ. ކީވްގެ އޮނިގަނޑު އެއްކޮށް ރޫޅާލައިފި އެވެ.

ދަގަނޑު ހޮޅި އާއި ޓިނު ބޭނުންކޮށްގެން ހަތަރު ބުރި އަށް ހަދާފައި ހުރި ކީވް ރޫޅާލީ އެމްއެންޑީއެފާއި މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) މުވައްޒަފުންގެ މަސައްކަތުންނެވެ. މި މަހުގެ 20 ވަނަ ދުވަހުގެ ރޭ ހިނގި ބޮޑު އަލިފާނުގެ ހާދިސާގައި އެއްކޮށް އެނދި އެ އިމާރާތް ރޫޅާލީ އެމްޕީއެލްގެ ބޮޑު ކްރޭނެއްގެ އެހީގަ އެވެ.

އެމްއެންޑީއެފުން މިއަދު ބުނީ އެ އިމާރާތުގެ "ބުޑާ" ހަމައަށް ރޫޅާލާފައިވާ ކަމަށެވެ.

އަލިފާނުގެ ހާދިސާ ހިނގި ސަރަހައްދު ބަލަހައްޓަމުން އަންނަ ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް ސެންޓަރުން ބުނީ ކީވް ރޫޅާލިއިރު، އެ ސަރަހައްދުގެ އިތުރު ގެއަކަށް ގެއްލުން ލިބިފައި ނުވާ ކަމަށެވެ. ހެންވޭރު އަބަދަށްފެހި މަގު ހިމެނޭ ސަރަހައްދު ސާފު ކުރުމުގެ މަސައްކަތް އަދިވެސް ކުރިއަށްދާ ކަމަށް އެ ތަނުން ބުންޏެވެ.

އަބަދަށްފެހި މަގުގައި ހުންނަ ހ. ކީވް އަރިއަޅާލާފައި. އެތަން މިހާރު ވަނީ ރޫޅާލާފައި --- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

އަބަދަށްފެހި މަގުގައި ހުންނަ ހ. ކީވް އަރިއަޅާލާފައި. އެތަން މިހާރު ވަނީ ރޫޅާލާފައި --- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

އެ ސެންޓަރުން ބުނި ގޮތުގައި ހ. ފެހިއާބާދުގޭގައި ދިރިއުޅުމުގެ ހުއްދަ ދިނުމާ ގުޅިގެން އެ ގޭގައި ދިރިއުޅޭ މީހުން އެ ގެއަށް ބަދަލުވުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އަބަދަށް ފެހި މަގުގައި ހުރި ގެތަކުގެ ތެރެއިން ފެހިއާބާދުގެ އަށް އެއްވެސް ގެއްލުމެއް ނުލިބެ އެވެ.

އޭޑީކޭ ހޮސްޕިޓަލް ކުރިމަތީގައި އޮންނަ މިއަލިނި ގޯޅިގަނޑުގައި ހުރި ގެތަކުގައި ދިރިއުޅޭ މީހުން އެ ގެތަކަށް ވަނުމުގެ ހުއްދަ ވެސް ދީފައިވާ ކަމަށް އެ ސެންޓަރުން ވަނީ ބުނެފަ އެވެ.

އަބަދަށްފެހި މަގުގެ މެދަކާ ހިސާބުގައި ހުރި ކީވްގައި ސްކޫލް ކުދިންގެ ޔުނިފޯމް ފަހަން ހާއްސަ ފަހާ ތަނެއް ހުރެ އެވެ. ބައެއް މީހުން ބުނި ގޮތުގައި އެތަނުގައި އެހާ ފަސޭހަ އިން ރޯވީ ރައްކާކޮށްފައި ހުރި އެއްޗެހީގެ ސަބަބުންނެވެ. އެތަނުގައި ގިނަ އަދަދެއްގެ ފޮއްޗާއި ޓީޝާޓު ވެސް ހުރި ކަމަށް ވެ އެވެ.

ކީވް އިމާރާތުގެ އޮނިގަނޑަށް ލިބުނު ގެއްލުމާ އެކު އަރިއަޅައިލި އެވެ. އަލިފާނުގެ ހާދިސާ ހިނގި އިރު ދެންމެ ދެންމެ އެތަން ވެއްޓިދާނެ ކަމުގެ ބިރު ވެސް އުފެދުނެވެ. އެކަމަކު ވެއްޓުމުގެ ކުރިން އަަލިފާން ނިއްވާލެވުނެވެ. ސަރަހައްދުގައި އުޅޭ ބައެއް މީހުން ކިޔައިދިން ގޮތުގައި މުޅި ހިސާބުގައި ވެސް ހުރި އެންމެ ބަލިކަށި އިމާރާތަކީ ވެސް އެ އެވެ.

މާލޭގައި މިހާތަނަށް ހިނގި އެންމެ ބޮޑު އަދި ނުރައްކާތެރި އަލިފާނުގެ ހާދިސާގައި ހަތަރު ގުދަނަކާއި ހަ ގެއެއް އެނދި އެވެ. އެ ހާދިސާގައި އެކަކު މަރުވެ 400 އަށް ވުރެ ގިނަ މީހުން ހާލުގައި ޖެހުނެވެ. އެ ހާދިސާގައި އެންމެ ފުރަތަމަ ރޯވީ ހ. ތިލަފުށީ ގޭގައި ހުންނަ ކެމިކަލް ގުދަނެއްގަ އެވެ. އެ އަލިފާން މުޅި ސަރަހައްދަށް ފެތުރި ގިނަ ގެތަކަކަށް އަލިފާނުގެ އަސަރުކުރި އެވެ.