Roadha Mihaaru
"ދިލް ޗާތާ ހޭ" ގެ ރިބޫޓެއް؛ ބަތަލާއިންނާ އެކު

"ދިލް ޗާތާ ހޭ" ގެ ރިބޫޓެއް؛ ބަތަލާއިންނާ އެކު

30 ސެޕްޓެމްބަރ 2019

ފަރްހާން އަޚްތަރު 2001 ގައި ގެނެސްދިން އޭނާގެ އަލަތު ޑައިރެކްޝަން "ދިލް ޗާތާ ހޭ" އަކީ ވަރަށް ގިނަ ބަޔަކަށް ކަމުދިޔަ ފިލްމެކެވެ. މި ފިލްމުގެ އެންމެ ހާއްސަ ކަމަކީ ވަރަށް ޒަމާނީ ގޮތަކަށް ފިލްމުގައި ފިރިހެން ތިން އެކުވެރިއެއްގެ ވާހަކަ ގެނެސްދިނުމެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ފަރްހާން އަޚްތަރު 2001 ގައި ގެނެސްދިން އޭނާގެ އަލަތު ޑައިރެކްޝަން "ދިލް ޗާތާ ހޭ" އަކީ ވަރަށް ގިނަ ބަޔަކަށް ކަމުދިޔަ ފިލްމެކެވެ. މި ފިލްމުގެ އެންމެ ހާއްސަ ކަމަކީ ވަރަށް ޒަމާނީ ގޮތަކަށް ފިލްމުގައި ފިރިހެން ތިން އެކުވެރިއެއްގެ ވާހަކަ ގެނެސްދިނުމެވެ.

"ދިލް ޗާތާ ހޭ" ގެ ކާމިޔާބީއާ ގުޅިގެން މީގެ ދެ ވަނަ ބައެއް ހަދައިފާނެ ކަމަށް ބުނާ ވާހަކަތަކެއް ވެސް ދޭތެރެ ދޭތެރެ އިން މީޑިއާތަކަށް ތިލަވެ އެވެ. އެކަމަކު ފަރްހާން އެކަމަކަށް އިޝާރާތެއް ނުދެ އެވެ.

ނަމަވެސް އޭނާ ބުނަނީ މިހެންނެވެ؛ "ދިލް ޗާތާ ހޭ" ގެ ލީޑް ރޯލަށް ތިން ބަތަލާއިން ލައިގެން ރިބޫޓް ވާޝަނެއް ގެނެސްދެވިދާނެ އެވެ. މީޑިއާއަކަށް ދިން އިންޓަވިއުއްގައި ފަރްހާން ބުނީ މީގެ ފަސް އަހަރު ކުރިން އެކަމާ ގުޅޭ ގޮތުން ވަރަށް ސީރިއަސްކޮށް ވިސްނި ކަމަށެވެ. އެކަމަކު އެއަށް ވަރަށް ވަރުގަދަ ސްކްރިޕްޓެއް ބޭނުންވާ ކަމަށް ބުންޏެވެ.

އޭނާ ބުނިގޮތުގައި އެ ހިޔާލު އަދިވެސް ސިކުނޑީގައި އެނބުރޭތީ އަންހެން ތިން ރައްޓެހިންގެ ވާހަކައާ އެކު "ދިލް ޗާތާ ހޭ" ރިބޫޓް ވާޝަނެއް ފެނުމަކީ އެކަށީގެންވާ ކަމެކެވެ. އެކަމަކު އެއީ ކޮން އިރަކު ކަމެއް ބުނާކަށް އޭނާއަކަށް ވެސް ނޭނގެ އެވެ.

"ދިލް ޗާތާ ހޭ" ގެ ލީޑް ރޯލް ކުޅުނީ އާމިރު ޚާނާއި ސައިފް އަލީ ޚާނާއި އަކްޝަޔޭ ކަންނާ އެވެ. އަދި ފިލްމުގެ ބަތަލާއިންނަކީ ޕްރިތީ ޒިންތާ އާއި ސޮނާލީ ކުލްކަރްނީ އަދި ޑިމްޕަލް ކަޕާޑިއާ އެވެ.

ފަރްހާން ދެން ފިލްމެއް ޑައިރެކްޓްކުރާނެ އިރެއް ނޭނގެ އެވެ. އޭނާ މިހާރު އަންނަނީ "ތޫފާން" ކިޔާ ފިލްމެއް ކުޅެމުންނެވެ. ފަރްހާންގެ "ޑޮން" ސީރީޒްގެ ތިން ވަނަ ބަޔަކީ ވެސް ބެލުންތެރިން ވަރަށް އިންތިޒާރުކުރާ ފިލްމެކެވެ. އެކަމަކު އެއީ ހަދައިފާނެތޯ ނޫންތޯ ސުވާލު މާކެއްގެ ތެރޭގައި އޮތް ޕްރޮޖެކްޓެވެ.

ފަރްހާން ޑައިރެކްޓްކޮށް އެންމެ ފަހުން ގެނެސްދިނީ ޑޮން 2 (2011) އެވެ.