Roadha Mihaaru
ގަސް ހެއްދުމަށް ބާރުއަޅަން ޕްރިންސް ހެރީގެ ކެމްޕޭނެއް

ލުކިން އަޕް: ގަސް ހެއްދުމަށް ބާރުއަޅަން ޕްރިންސް ހެރީގެ ކެމްޕޭނެއް

01 އޮކްޓޯބަރ 2019

ގަސްގަހާ ގެއްސަށް ލޯބިކުރުމާއި ގަހުން ލިއްބައިދޭ ފައިދާތަކާއި ގަސް އިންދުމަށް ހިތްވަރު ދިނުމުގެ ގޮތުން އިނގިރޭސިވިލާތުގެ ޕްރިންސް ހެރީ ކެމްޕޭނެއް ފައްޓަވައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ގަސްގަހާ ގެއްސަށް ލޯބިކުރުމާއި ގަހުން ލިއްބައިދޭ ފައިދާތަކާއި ގަސް އިންދުމަށް ހިތްވަރު ދިނުމުގެ ގޮތުން އިނގިރޭސިވިލާތުގެ ޕްރިންސް ހެރީ ކެމްޕޭނެއް ފައްޓަވައިފި އެވެ.

އަނބިކަނބަލުން މޭގަން މާކަލް އާއި ދަރިކަލުން އާޗީ ހެރިސެން މައުންޓްބެޓެން-ވިންޑްޒާއާ އެކު ދެކުނު އެފްރިކާ އަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ނެޝަނަލް ޖިއޯގްރަފީއާ ގުޅިގެން ލޯންޗްކޮށް ދެއްވި ސޯޝަލް މީޑިއާ ކެމްޕޭނުގެ ނަމަކީ "ލުކިން އަޕް" އެވެ.

މި ކެމްޕޭނުގެ ތެރޭގައި އިންސްޓަގްރާމްގައި ދުނިޔޭގެ އެކި ގައުމުތަކުގެ ފޮޓޯގްރަފާރުން ނަގާފައިވާ ގަސްގަހާގެހީގެ ފޮޓޯތައް ހިއްސާކޮށް، ހޭލުންތެރިކަން އުފައްދަން ހާއްސަ މަސައްކަތްކުރާނެ އެވެ. މިކަމާ ބެހޭ ގޮތުން ޝާހީ އާއިލާ އިން ނެރުނު ބަޔާނެއްގައި ބުނީ "ލުކިން އަޕް" އަކީ ތިމާވެށީގެ ހިމާޔަތާއި މޫސުމަށް އަންނަ ބަދަލުތަކާ ދެކޮޅަށް ޕްރިންސް ހެރީ ކުރައްވާ މަސައްކަތެއް ކަމަށެވެ.

އަދި ދުނިޔެ އަށް މިހާރު ދިމާވެފައިވާ ތިމާވެށީގެ ބޮޑެތި މައްސަލަތަކުން އަރައިގަނެ، އިކޮސިސްޓަމް ވަރުގަދަކުރަން ކުރަން ކުރެވޭނެ އެންމެ ބޮޑު އެއް މަސައްކަތަކީ ގަސްގަހާގެއްސަށް ހާއްސަ ލޯތްބެއް ދިނުން ކަމަށް ބުންޏެވެ.

ބަކިންހަމް ޕެލެެސްގެ ބަޔާނުގައި ބުނި ގޮތުގައި ގަހަކީ އިންސާނުންގެ ހިތަށް އުފާވެރިކަމާއި ފިނިކަން ގެނެސްދޭ ވަސީލަތަކަށްވާތީ ގަހުގެ ބޭނުންތެރިކަމާ ބެހޭ ގޮތުން ވާހަކަ ދައްކަން ޖެހެ އެވެ. އަދި ހެރީ ފެއްޓެވި "ލުކިން އަޕް" ކެމްޕޭނުގެ ދަށުން ގިނަ މަސައްކަތްތަކެއް ކުރެވޭނެ ކަމަށް ބުންޏެވެ.

އެފްރިކާގެ މި ފަހަރުގެ ދަތުރުފުޅުގެ ތެރެއިން ޕްރިންސް ހެރީ ވަނީ ކްއީންސް ކޮމަންވެލްތު ކެނޮޕީ (ކިއުކިއުސީ) ގެ ދެ އިނިޝިއޭޓިވެއް ވެސް ލޯންޗްކޮށް ދެއްވައިފަ އެވެ. ކިއުކިއުސީއަކީ ކޮމަންވެލްތުގެ 53 ގައުމު ހިއްސާވާ ގޮތަށް ޖަންގަލިތައް ހިމާޔަތްކުރަން 2015 ގައި އެކުލަވައިލި ނެޓްވޯކެކެވެ. އޭގެ ދަށުން ހެރީ މިހާތަނަށް ވަނީ ކިއުކިއުސީގެ 15 ޕްރޮޖެކްޓެއް އެކި ސަރަހައްދުތަގައި ފައްޓަވައި ދެއްވައިފަ އެވެ. އޭގެ ތެރޭގައި ކެރީބިއަން، އޮސްޓްރޭލިއާ، ބޮޓްސްވާނާ، ޓޮންގާ އަދި ނިއު ޒިލެންޑް ހިމެނެ އެވެ.

މަލާވީ ޒިޔާތަރުގެ ތެރެއިން ހެރީ ވަނީ އެންމެން ގުޅިގެން ތިމާވެށި ހިމާޔަތްކުރަން ވެސް ގޮވާލައްވައިފަ އެވެ. އޭނާ ވިދާޅުވީ މިކަމަކީ ވަކި ގޮތަކަށް ތިބޭ ވަކި ބަޔަކު ކުރަން ޖެހޭ ކަމެއް ނޫން ކަމަށާއި މިއީ އިންސާނިއްޔަތަށްޓަކައި އެންމެންގެ ކޮނޑުގައި އެޅިފައި އޮތް ޒިންމާއެއް ކަމަށެވެ.

އެހެންވެ އަމިއްލަ އެދުން ދޫކޮށްލައި، ވެށި ހިމާޔަތްކުރަން އެންމެން އަތުގުލައިލަން އެދިވަޑައިގަތެވެ.