Roadha Mihaaru
މިލިއަން ޑޮލަރު ލިބޭ "އާތުޝޮޓް" ޝޯޓްލިސްޓްކޮށްފި

މިލިއަން ޑޮލަރު ލިބޭ "އާތުޝޮޓް" އަށް 15 ފައިނަލިސްޓުން

19 ސެޕްޓެމްބަރ 2021

ދުނިޔެ އަށް މި ވަގުތު ކުރިމަތިވެފައިވާ ތިމާވެށީގެ މައްސަލަތަކަށް ހައްލުތައް ހޯދައިދޭ ފަރާތްތަކަށް ޕްރިންސް ވިލިއަމާއި އަނބިކަނބަލުން ކޭޓް މިޑްލްޓަންގެ ދެއްވަން އިއުލާންކުރެއްވި "ދި އާތުޝޮޓް ޕްރައިޒް" އަށް ހޮވުނު ފުރަތަމަ 15 ފައިނަލިސްޓުން ހުކުރު ދުވަހު އިއުލާންކޮށްފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ދުނިޔެ އަށް މި ވަގުތު ކުރިމަތިވެފައިވާ ތިމާވެށީގެ މައްސަލަތަކަށް ހައްލުތައް ހޯދައިދޭ ފަރާތްތަކަށް ޕްރިންސް ވިލިއަމާއި އަނބިކަނބަލުން ކޭޓް މިޑްލްޓަންގެ ދެއްވަން އިއުލާންކުރެއްވި "ދި އާތުޝޮޓް ޕްރައިޒް" އަށް ހޮވުނު ފުރަތަމަ 15 ފައިނަލިސްޓުން ހުކުރު ދުވަހު އިއުލާންކޮށްފި އެވެ.

ފަސް ދާއިރާއަކުން 15 ފައިނަލިސްޓިން އިއުލާންކުރި އިރު މީގެ ތެރޭގައި ގައުމުތަކާއި ޖަމިއްޔާ ޖަމާއަތްތަކާއި އާންމު ފަރުދުން ވެސް ހިމެނެ އެވެ.

ސާފުގެ ވައިގެ ދާއިރާ އިން ހޮވުނީ އިންޑިއާގެ 14 އަހަރުގެ ދަރިވަރެއް ކަމަށްވާ ވިނިޝާ އުމާޝަންކަރާއި އެ ގައުމުގެ ޖަމާއަތެއް ކަމަށްވާ ޓަކަޗާރްގެ އިތުރުން ޗައިނާގެ ދަ ބްލޫ މެޕް އެޕް އެވެ.

ގުދުރަތީ އެއްގަމުވެށި ހިމާޔަތްކުރުމުގެ ދާއިރާގެ ފައިނަލިސްޓުންނަކީ ކޮސްޓަ ރިކާ އާއި ކޮންގޯގެ ޕޯލް ޕޯލް ފައުންޑޭޝަންގެ އިތުރުން ސްވިޓްޒަލެންޑްގެ ރެސްޓޯ އެވެ. ކަނޑުތައް ހިމާޔަތްކުރުމުގެ ދާއިރާގެ ފައިނަލިސްޓުންނަކީ ބަހަމާސްގެ ކޮރަލް ވިޓާ އާއި އެމެރިކާގެ ޕްރިސްޓީން ސީސްގެ އިތުރުން އޮސްޓްރޭލިއާގެ ލިވިން ސީވޯލްސް އެވެ. ކުނި މެނޭޖްކުރާނެ ގޮތުގެ ދާއިރާގެ ފައިނަލިސްޓުންނަކީ ދަ ސިޓީ އޮފް މިލާން ފުޑް ވޭސްޓް ހަބާއި ކެނިއާގެ ސެނަޖީގެ އިތުރުން ޖަޕާންގެ ވޯޓަ ބޮކްސް އެވެ. ކްލައިމެޓް ޗޭންޖް ނުވަތަ މޫސުމީ ބަދަލުތަކުގެ ދާއިރާގެ ފައިނަލިސްޓުންނަކީ ތައިލެންޑް/ޖަރުމަން/އިޓަލީގެ އޭއީއެމް އިލެކްޓްރޮލައިޒާ އާއި ނައިޖީރިއާގެ ރީޑީ ކެޕްސޫލްގެ އިތުރުން ބަންގްލަދޭޝްގެ ސޮލްބާޒާރު އެވެ.

މި 15 ފައިނަލިސްޓުންގެ ތެރެއިން އެންމެ މޮޅު ފަސް ހައްލުގެ ތެރެއިން ވަނަތަކަށް ހޮވޭ ފަސް ފަރާތަކަށް އަންނަ މަހުގެ 17 ގައި އިނގިރޭސިވިލާތުގެ ލަންޑަނުގައި ބާއްވާ ރަސްމިއްޔާގެއްގައި ފައިސާގެ އިނާމުދޭނެ އެވެ. އެއީ ކޮންމެ ފަރާތަކަށް އެއް މިލިއަން ޕައުންޑް (1.37 މިލިއަން ޑޮލަރު) އެވެ.

ފައިސާގެ އިނާމަކީ އެ އެ ފަރާތްތަކުން ހުށަހެޅި ހައްލުތައް އިތުރަށް ތަރައްގީކޮށް އެކަމާ ގުޅުން ހުރި އިތުރު މަސައްކަތްތައް ކުރިއަށް ގެންދަން ދެވޭ އެއްޗެކެވެ. އެގޮތުން މިކަމަށް ދުނިޔޭގެ ބައެއް ބޮޑެތި ކުންފުނިތަކުން ވެސް އެހީތެރިކަން ފޯރިކޮށްދޭނެ އެވެ. އެގޮތުން އާތުޝޮޓް ޕްރައިޒް ގްލޯބަލް އެލަޔަންސް މެމްބަރުންގެ ތެރޭގައި މައިކްރޮސޮފްޓް، ހިޓާޗީ، އިކިއާ، ޔުނިލީވާ، ވޮޑަކޮމް، ވޮލްމާޓް، ސޭލްސްފޯސް، ސަފާރީކޮމް، ނެޗްރާ އެންޑް ކޯ، ބްލޫމްބާގް އެލްޕީ، ޑިލޮއިޓް، ހާބާޓް ސުމިތު ފްރީހިލްސް، އަރޫޕް އަދި މަލްޓިޗޮއިސް ގްރޫޕް ހިމެނެ އެވެ.

ވިލިއަމާއި ކޭޓްގެ ފައުންޑޭޝަން އޮފް ދަ ޑޫކް އެންޑް ޑަޗެސް އޮފް ކެމްބްރިޖްގެ ދަށުން ދޭ "އާތުޝޮޓް ޕްރައިޒް" ގެ ފުރަތަމަ 15 ފައިނަލިސްޓުންނާ ބެހޭ މައުލޫމާތު އޭގެ ވެބްސައިޓްގައި ވެސް ހިމަނާފައިވެ އެވެ. ފުރަތަމަ 15 ފައިނަލިސްޓުން ސިލެކްޓްކޮށްފައި ވަނީ 14 ގައުމަކުން ހުށަހެޅި 750 ހުށަހެޅުމެއް ހޮވުމަށް ފަހު އެވެ.

މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 31 ގައި އިއުލާންކުރި "ދި އާތުޝޮޓް ޕްރައިޒް" އަކީ މި އަހަރުން ފެށިގެން 2030 އާ ހަމައަށް ކޮންމެ އަހަރަކު ފަސް ފަރާތަކަށް ފައިސާގެ އިނާމުދޭ ޕްރޮގްރާމެކެވެ.

މަގުސަދަކީ އިންސާނުން ދުނިޔޭގެ ހިމާޔަތަށް އުފެއްދުންތެރި، އެކަށީގެންވާ ހައްލުތަކެއް ގެންނަން މަސައްކަތްކުރުމެވެ.