Roadha Mihaaru
ސައުދީން 10 މިލިއަން ގަސް އިންދަނީ

ހަނަފަސްކަން ކުޑަކުރަން ސައުދީ އަރަބިއްޔާ އިން 10 މިލިއަން ގަސް އިންދަނީ

13 އޮކްޓޯބަރ 2020

ބޮޑެތި ސަހަރާތައް އޮންނަ ސައުދީ އަރަބިއްޔާގެ ހަނަފަސްކަން ކުޑަކޮށް، ވެށި ފެހިކުރަން އެ ގައުމުން ފަށާފައިވާ ކެމްޕޭންގެ ދަށުން، އަންނަ އަހަރު ނިމުމުގެ ކުރިން 10 މިލިއަން ގަސް އިންދަން އަމާޒު ހިފައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ބޮޑެތި ސަހަރާތައް އޮންނަ ސައުދީ އަރަބިއްޔާގެ ހަނަފަސްކަން ކުޑަކޮށް، ވެށި ފެހިކުރަން އެ ގައުމުން ފަށާފައިވާ ކެމްޕޭންގެ ދަށުން، އަންނަ އަހަރު ނިމުމުގެ ކުރިން 10 މިލިއަން ގަސް އިންދަން އަމާޒު ހިފައިފި އެވެ.

މިކަމާ ބެހޭ ގޮތުން ސައުދީގެ އެންވަޔަރަމަންޓް، ވޯޓާ އެންޑް އެގްރިކަލްޗަ މިނިސްޓަރު އަބްދުއްރަހްމާން ބިން އަބްދުލްމުހްސިން އަލް ފަދްލީ ވިދާޅުވީ "ލެޓްސް މޭކް އިޓް ގްރީން" ގެ ނަމުގައި ކުރިއަށް ގެންދާ ގަސް އިންދުމުގެ ކެމްޕޭން މި މަހުން ފެށިގެން އަންނަ އަހަރުގެ އޮގަސްޓް މަހާ ހަމައަށް ކުރިއަށް ގެންދާނެ އެވެ.

ގައުމު ފެހިކުރަން ފަށާފައިވާ ކެމްޕޭނުގައި ވަރަށް މުހިއްމު ރޯލެއް ނެޝަނަލް ސެންޓަ ފޮ ޑިވެލޮޕްމަންޓުން އަދާކުރާނެ އެވެ. އަދި އެތަނުގެ މަސައްކަތް ވަރަށް ގާތުން މިނިސްޓްރީ ބަލާނެ އެވެ.

މިނިސްޓަރު ވިދާޅުވީ ހަނަފަސްކަން ކުޑަކުރަން ސައުދީގައި ކުރިއަށް ގެންދާ ކެމްޕޭން ވެގެން ދާނީ މުޅި ގައުމު ހިއްސާވާ ކަމަކަށެވެ. އެގޮތުން ސަރުކާރުގެ އިދާރާތަކާއި ކުންފުނިތަކާއި އަމިއްލަ ކުންފުނިތަކާއި ޖަމިއްޔާ ޖަމާއަތްތަކާއި އާންމު ފަރުދުންގެ ބައިވެރިވުން ވެސް ކެމްޕޭނަށް ލިބޭނެ ކަމަށް ވިދާޅުވި އެވެ.

"މީގެ ސަބަބުން އަހަރެމެންގެ ދިރިއުޅުމުގެ ހާލަތު ވަރަށް ބޮޑުތަނުން ރަނގަޅުވެގެން ދާނެ." އަބްދުއްރަހްމާން ވިދާޅުވި އެވެ. "ވަރަށް އުފާކުރަން ފެހިކުރުމުގެ ގައުމީ ކެމްޕޭނެއް ފެށިގެންދާތީ."

"ލެޓްސް މޭކް އިޓް ގްރީން" އަކީ ދެމެހެއްޓެނިވި ތަރައްގީ އަށް ސައުދީ ކަނޑައަޅާފައިވާ "ސައުދީ ވިޝަން 2030" ގެ މުހިއްމު ބައެކެވެ.

ދުނިޔޭގެ އެންމެ ނުފޫޒު ގަދަ އަރަބި ގައުމުގެ ގޮތުގައި ފާހަގަކުރެވޭ ސައުދީ ފެހިކުރަން ފަހަކަށް އައިސް ގިނަ މަސައްކަތްތަކެއް އަންނަނީ ކުރެވެމުންނެވެ. އެ ގައުމަކީ ކޮންމެ އަހަރަކު ވެސް ދުނިޔޭގެ އެކި ކަންކޮޅުތަކުން އެތައް މިލިއަން ބަޔަކު ހައްޖާއި ޢުމުރާގެ އަޅުކަމަށް ވެސް ޒިޔާތަތްކުރާ ގައުމެކެވެ. ސައުދީގެ އާބާދީ 34 މިލިއަނަށް ވުރެ ގިނަ އެވެ.