Roadha Mihaaru
މަނާ ކަމެއް! އެކަމަކު ބިރެއް ނެތި ހަމަ ކުރަނީ!

މަނާ ކަމެއް! އެކަމަކު ބިރެއް ނެތި ހަމަ ކުރަނީ!

01 އޮކްޓޯބަރ 2019

މަގުމަތި ކިތައްމެ ތޮއްޖެހުނަސް ތެޔޮ ބައުޒަރުތައް ގޮސް މަޑުކޮށްލަންވީ އެވެ. އުޅަނދުފަހަރުން ބަނދަރު ފުރި، އަދި ހުޅުހިފާ ކަހަލަ މާއްދާތައް ގިނައިން އުފުލާ/ބާލާ ހަދާ މާލޭގެ ބިޒީ ބަނދަރުން ޖާގައެއް ހަދާލައިގެން ތެޔޮ އަޅަން ފަށަންވީ އެވެ.

އަހުމަދު ސާއިލް އަލީ އަހުމަދު ސާއިލް އަލީ

މަގުމަތި ކިތައްމެ ތޮއްޖެހުނަސް ތެޔޮ ބައުޒަރުތައް ގޮސް މަޑުކޮށްލަންވީ އެވެ. އުޅަނދުފަހަރުން ބަނދަރު ފުރި، އަދި ހުޅުހިފާ ކަހަލަ މާއްދާތައް ގިނައިން އުފުލާ/ބާލާ ހަދާ މާލޭގެ ބިޒީ ބަނދަރުން ޖާގައެއް ހަދާލައިގެން ތެޔޮ އަޅަން ފަށަންވީ އެވެ.

އެއީ އެހާމެ ނުރައްކާތެރި ކަމެއްކަން، މާލޭގެ ބަނދަރުގައި ކުރިން ހިނގާފައި ހުރި އަލިފާނުގެ ބޮޑެތި ހާދިސާތަކުން އެންމެންނަށް ވެސް އެނގެ އެވެ. އެކަމަކު ފަސޭހަ ގޮތް ފަސޭހަ އެވެ. ކަމެއް ނުހިނގާނެ ކަަމަށް ބަލާފައި ފަރުވާކުޑަކޮށްލައިގެން ވެސް ތެޔޮ އެޅެނިކޮށް ނިމުނީ އެވެ.

އެކަމަކު އެއީ އެހެން ދޫކޮށްލެވިގެންވާނެ ކަމެއް ނޫންކަން އިއްޔެ ޓީ ޖެޓީ ސަރަހައްދުގައި ހިނގި އަލިފާނުގެ ބޮޑު ހާދިސާއެއް ކަށަވަރުވެ އެވެ. ރަސްދޫކޮށް ދަތުރުކުރާ ފެރީ ލޯންޗަކަށް ބައުޒަރަކުން ތެޔޮ އަޅަމުން ދަނިކޮށް ރޯވި އަލިފާންގަނޑު އެހާމެ ބޮޑެވެ. ނަތީޖާ އަކީ ލޯންޗު އަނދައިގެން، އަޑިއަށް ދިއުމެވެ. ތިން ބައުރަޒު ވެސް އެނދުމެވެ. ފިހުނު ހަތް މީހުންގެ ތެރެއިން ބައެއް މީހުންގެ ހާލު ސީރިއަސް އެވެ.

ޓީ ޖެޓީ ސަރަހައްދަކީ ތެޔޮ ބައުޒަރުތަކުގެ މަރުކަޒެވެ. އުޅަނދަކާ ޖެހި އުޅަނދެއްގެ ގޮތަށް އެތައް ބައުޒަރެއް އަބަދުވެސް އޮވެ އެވެ. ތެޔޮ ގެންނަ ބޯޓްތަކުން ބައުޒަރުތަކަށް ތެޔޮ އަޅަނީ ވެސް އެ ބަނދަރުގަ އެވެ. ބައުޒަރުތަކުން އެހެން އުޅަނދުތަކަށެވެ. މާލޭގެ އުތުރު ފަރާތު ބަނދުރުގައި އޮންނަ އުޅަނދުފަހަރަށް ތެޔޮ އަޅަން ބައުޒަރުތައް ރަށުތެރޭގައި ދުއްވާ ހެދުން އާންމެވެ.

އިއްޔެ އަލިފާނުގެ ހާދިސާއާ ގުޅިގެން ބައެއް ތެޔޮ ބައުޒަރުތައް ސިފައިންގެ ކަޅުތުއްކަލާ ކޮށި ކައިރީގައި ޕާކްކޮށްފައި-- ފޮޓޯ: މިހާރު

އިއްޔެ އަލިފާނުގެ ހާދިސާއާ ގުޅިގެން ބައެއް ތެޔޮ ބައުޒަރުތައް ސިފައިންގެ ކަޅުތުއްކަލާ ކޮށި ކައިރީގައި ޕާކްކޮށްފައި-- ފޮޓޯ: މިހާރު

ތެޔޮ އެޅުމުގެ މަސައްކަތް އަބަދު ހިނގާ ސަރަހައްދެއް ނަމަވެސް ސަލާމަތީ ފިޔަވަޅުތަކެއް ނެތެވެ. އާންމުން އެތަނަށް ވަދެ އުޅުމުގައި ވެސް އެއްވެސް ހުރަހެއް ނޯވެ އެވެ. އެ ސަރަހައްދުގައި ދުންފަތުގެ އިސްތިއުމާލު ކުރުމަކީ ވެސް އާންމު ކަމެކެވެ. ތެޔޮ އަޅަން ތިބެގެން ވެސް ބައެއް މީހުން ސިނގިރޭޓް ބޮއެ ހަދާ ކަމަށް ވެ އެވެ.

ޑިފެންސް މިނިސްޓްރީން 2015 ގައި ހެދި ތެލުގެ ބާވަތްތައް ގެންގުޅުމާ ބެހޭ ގަވައިދު ބުނާ ގޮތުން ތެޔޮ ވިއްކާ ތަންތަން ހުންނަން ޖެހޭނީ އާންމުން ދިރިއުޅޭ ސަރަހައްދާ ދުރުގަ އެވެ. އަދި އެކަން ކުރެވޭނީ ސިޓީ ކައުންސިލުން ކަނޑައަޅާ ވަކި ސަރަހައްދެއްގައި އެކަންޏެވެ. ނަމަވެސް މާލޭގައި ހަމައެއް ލަމައެއް ނެތެވެ.

ގަވައިދު ބުނާ ގޮތުން ތެޔޮ ބަރުކޮށްގެން ދަތުރުކުރާ އުޅަނދުތައް އާންމުން ހިނގާ ބިނގާވެ އުޅޭ މަގު ނުވަތަ ގޯޅީގައި ނުވަތަ އާންމުން ދިރިއުޅޭ އިމާރާތަކާ ފަސް މީޓަރަށް ވުރެ ކައިރީގައި، ހުއްޓާފައި ބާއްވައިގެން ނުވާނެ އެވެ. އުޅަނދަށް މައްސަލައެއް ދިމާވެގެން ހުއްޓަން ޖެހޭ ހާލަތެއްގައި ވެސް އުޅަނދުގެ ޑްރައިވަރު އަބަދުވެސް އުޅަނދުގައި އިންނަން ޖެހެ އެވެ.

މާލޭގެ ޑެޕިއުޓީ މޭޔަރު ސަމާއު ޝަރީފް ވިދާޅުވީ މިހާރު އެކުރާ ގޮތަށް ތެޔޮ ވިއްކުމުގެ ހުއްދަ ދީފައިނުވާނެ ކަމަށެވެ. އަދި ޓީ ޖެޓީ ސަރަހައްދުގައި ބައުޒަރުތައް ޕާކްކޮށްގެން އެކަން ކުރަމުން ދަނީ ވެސް އެއްވެސް ހުއްދައެއް ނެތި ކަމަށް އޭނާ ވިދާޅުވި އެވެ.

"ސިސްޓަމް ތެރެއިން ކުރާ ނަމަ ކުރެވޭނީ ހުޅުމާލޭގައި އެކަނި. އެވެސް އެފްއެސްއެމް ޖެޓީގައި. މާލޭގައި އެކަން ކުރަން ހުއްދަ ދީފައެއް ނުވާނެ،" ސަމާއު ވިދާޅުވި އެވެ.

އިއްޔެ ހަވީރު މާލޭ ޓީ ޖެޓީ ސަރަހައްދުގައި ލޯންޗަކަށް ޕެޓްރޯލް އަޅަން އުޅުމުގެ ތެރޭގައި ރޯވި އަލިފާންގަނޑު ނިއްވުމަށް ސިފައިން ހަރަކާތްތެރިވަނީ ---ފޮޓޯ: ނިޝާން އަލީ/މިހާރު

އިއްޔެ ހަވީރު މާލޭ ޓީ ޖެޓީ ސަރަހައްދުގައި ލޯންޗަކަށް ޕެޓްރޯލް އަޅަން އުޅުމުގެ ތެރޭގައި ރޯވި އަލިފާންގަނޑު ނިއްވުމަށް ސިފައިން ހަރަކާތްތެރިވަނީ ---ފޮޓޯ: ނިޝާން އަލީ/މިހާރު

ގަވައިދު ބުނާ ގޮތުން ޕެޓްރޯލް ބަރުކޮށްފައިވާ އެއްވެސް އުޅަނދެއްގައި ނުވަތަ އެފަދަ އުޅަނދެއްގެ ކައިރީގައި ދުންފަތުގެ އިސްތިއުމާލު ކުރުމާއި އަލިފާން ގެންގުޅުމަކީ މަނާ ކަމެކެވެ. އަދި އެފަދަ އުޅަނދެއްގެ ކައިރީގައި އަލިފާން ކެނޑޭ ފަދަ އެއްވެސް ބާވަތެއްގެ މަސައްކަތެއް ކުރުމާއި، އަލިފާން ކަނޑާފާނެ ތަކެއްޗާއި ގޮވާ ތަކެތި ގެންގުޅުމަކީ ވެސް މަނާ ކަމެކެވެ.

ސަމާއު ވިދާޅުވީ މާލޭގައި ނުގަވައިދުން ތެޔޮ ވިއްކާ މައްސަލަ ކައުންސިލްގެ ސަމާލުކަމަށް އައިސްފައި ވާތާ ދުވަސްކޮޅެއް ވެއްޖެ ކަމަށެވެ. އެހެންކަމުން ތެޔޮ ވިއްކުމަށް ހާއްސަ ސަރަހައްދެއް ކަނޑައެޅުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވިދާޅުވި އެވެ.

"ޕްލޭނެއް ނެތި ކަންކަން ކޮށްފައި ހުރީމަ މިކަންކަން މިވަނީ. އެކަން ހައްލުކުރަން މަސައްކަތް ކުރަނިކޮށް މިކަން މިދިމާވީ ވެސް،" ސަމާއު ވިދާޅުވި އެވެ.

އިއްޔެގެ ހާދިސާއަށް ފަހު އެފްއެސްއެމުން ވަނީ އުޅަނދުފަހަރަށް ތެޔޮ އަޅައި ދިނުމުގެ ހިދުމަތް ހުޅުމާލޭ ޕަމްޕް ސްޓޭޝަނަށް ބަދަލުކޮށްފަ އެވެ. އެ ކުންފުންޏަށް ހުޅުމާލެއިން ހާއްސަ ބިމެއް ދީފައި އޮތަސް ތެލުގެ ވިޔަފާރީގައި އުޅޭ އަމިއްލަ ކުންފުނިތަކަށް ބަނދަރުމަތިން ބިމެއް ދީފައެއް ނުވެ އެވެ.