Roadha Mihaaru
ލަންކާ ބޭރުން ބިޔަ ތެޔޮ ޓޭންކަރެއްގައި ރޯވެ އަނދަނީ

ލަންކާ ބޭރުގައި ދެ މިލިއަން ފީފާގެ ތެލާ އެކު ޓޭންކަރެއް އަނދަނީ

03 ސެޕްޓެމްބަރ 2020

ސާފުނުކުރާ ތެޔޮ ބަރުކޮށްގެން ކުވައިތުން އިންޑިއާ އަށް ދަނިކޮށް ލަންކާގެ އިރުމަތީ ފަރާތު ބޭރުން ތެޔޮ ޓޭންކަަރެއްގައި ރޯވެ އަނދަމުން ދާތީ ޓޭންކަރު ސަލަމާތްކުރަން އިންޑިއާ އާއި ލަންކާގެ ސިފައިން މަސައްކަތް ފަށައިފި އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

ސާފުނުކުރާ ތެޔޮ ބަރުކޮށްގެން ކުވައިތުން އިންޑިއާ އަށް ދަނިކޮށް ލަންކާގެ އިރުމަތީ ފަރާތު ބޭރުން ތެޔޮ ޓޭންކަަރެއްގައި ރޯވެ އަނދަމުން ދާތީ ޓޭންކަރު ސަލަމާތްކުރަން އިންޑިއާ އާއި ލަންކާގެ ސިފައިން މަސައްކަތް ފަށައިފި އެވެ.

ލަންކާގެ މެރިން ޕްރޮޓެކްޝަން އޮތޯރިޓީން ބުނީ އަލިފާން ރޯވެގެން އުޅޭ ޓޭންކަރުގައި 270،000 ޓަނު ނުވަތަ ދެ މިލިޔަން ފީފާގެ ސާފު ނުކުރާ ތެޔޮ އެބަހުރި ކަމަށާއި ތެޔޮލީކްވިޔަ ނުދިނުމަށް ޓަކައި ކުރެވެން ހުރިހާ މަސައްކަތެއް ކުރާނެ ކަމަށެވެ.

ލަންކާގެ ކަނޑުގެ ސިފައިންގެ ތަރުޖަމާނަކާ ހަވާލާދީ ރޮއިޓާސް ބުނީ އަނދަމުންދާ ޓޭންކަރު މިހާރު އޮތީ ލަންކާގެ އިރުމަތިން 20 މޭލު ބޭރުގައި ކަމަށެވެ. އަލިފާންގަނޑު ނިއްވައިލުމަށް ލަންކާ އިން އެހީތެރިކަމަށް އެދުމުން އިންޑިއާ އިން ވަނީ ތިން މަނަވަރާއި ޑޯނިއާ މަތިންދާބޯޓެއް އެ ސަރަހައްދަށް ފޮނުވައިފަ އެވެ. އޭގެ އިތުރުން ސްރީ ލަންކާގެ ހަމްބަންޓޯޓާ ބަނދަރުގައިވާ ރަޝިއާގެ މަނަވަރުތަކެއް ވެސް އަންނަނީ އަލިފާން ނިއްވުމުގައި އެހީތެރިވަމުން ކަމަށް މީޑިއާ ރިޕޯޓްތައް ބުންޏެވެ.

ޕެނަމާގައި ރަޖިސްޓްރީކޮށްފައިވާ "ދަ ނިއު ޑައިމަންޑް" ނަމަކަށް ކިޔާ އެ ޓޭންކަރުގައި ރޯވީ އިންޑިއަން އޮއިލް ކޯޕަރޭޝަނުން ޗާޓަރުކޮށްްގެން އެގައުމުގެ ޕްރަދީޕް ބަނދަރަށް ދަތުކުރަނިކޮށެވެ. އެބޯޓްގައި އަލިފާން ރޯވީ މިއަދު ހެނދުނު އެވެ. އަލިފާންރޯވީ ބާރުގަދަ ގޮވުމަކަށް ފަހުގައި ކަމަށާއި ޓޭންކަރުގެ ފަޅުވެރިންގެ ތެރެއިން އެކަކު ގެއްލި އެހެން މީހުންނަށް ސީރިޔަސް ހާނީއްކަތަކެއް ވެފައިވާ ކަމަށް ވެސް ރިޕޯޓްތައް ބުންޏެވެ. އެމީހުން މިހާރު ވަނީ އެސަރަހައްދަށް ދިޔަ އުޅަނދުތަކަށް ނަގައިފަ އެވެ.

ދާދިފަހުން މޮރިޝަސް ގެ ފަރަކަށް އެރި ތެޔޮ ޓޭންކަރަކުން ތެޔޮ ލީކްވުމުގެ ސަބަބުން އެގައުމުގެ ގޮނޑުދޮށްތަކަށާއި ކަނޑުގެ ދިރުންތަކަށް ބޮޑެތި ގެއްލުންތަކެއް ވަނީ ވެފަ އެވެ.