Roadha Mihaaru
ރިސޯޓް ހަދަން އައްޑޫން ބިން ހިއްކަނީ

ރިސޯޓް ހަދަން އައްޑޫން 25 ހެކްޓަރުގެ ބިން ހިއްކަން ނިންމައިފި

01 އޮކްޓޯބަރ 2019

އައްޑޫގައި ރިސޯޓް ތަރައްގީކުރަން 25 ހެކްޓަރުގެ ބިން ހިއްކަން ހަމަޖެހިފައިވާ ކަމަށް އައްޑޫ ސިޓީ ކައުންސިލުން މިއަދު ބުނެފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އައްޑޫގައި ރިސޯޓް ތަރައްގީކުރަން 25 ހެކްޓަރުގެ ބިން ހިއްކަން ހަމަޖެހިފައިވާ ކަމަށް އައްޑޫ ސިޓީ ކައުންސިލުން މިއަދު ބުނެފި އެވެ.

އައްޑޫގެ ތަރައްގީ އަށް ސަރުކާރުން ރާވާފައިވާ ބައެއް މަޝްރޫއުތަކުގެ ކޮންސަލްޓެންސީއާ ހަވާލުވެފައިވާ އިންޑިއާގެ ކުންފުނި އެލް އެންޑް ޓީ އިންފްރާސްޓްރަކްޗަ ލިމިޓެޑްގެ ޓީމެއް މިއަދު ވަނީ މިކަމާ ބެހޭ ގޮތުން ކައުންސިލާ ބައްދަލު ވެސް ކޮށްފަ އެވެ.

އެ ބައްދަވުމުގައި މަޝްރޫއުތަކާ ގުޅޭ ގޮތުން ޕްރެޒެންޓޭޝަނެއް ވެސް ހުށަހަޅާފައިވެ އެވެ.

ކައުންސިލުން ބުނި ގޮތުގައި އިންޑިއާގެ އެގްޒިމް ބޭންކްގެ އެހީގައި ހިންގުމަށް ހަމަޖެހިފައިވާ މަޝްރޫއުތަކުގެ ތެރެއިން، މަގުތަކުގައި ތާރުއަޅައި މަގުތައް މަރާމާތު ކުރުމާއި ފެންހިންދުމުގެ ނިޒާމު ރަނގަޅުކުރުމާއި މަގުތަކުގައި ބައްތި ޖަހައި ސީސީޓީވީ ކެމެރާ ހަރުކުރުމާއި ތަރައްގީގެ އެކި ކަންކަން ކުރުމަށް އައްޑޫން 153 ހެކްޓަރުގެ ބިން ވެސް ހިއްކާނެ އެވެ.

އޭގެ ތެރެއިން 90 ހެކްޓަރުގެ ބިން ހިތަދޫން ހިއްކާއިރު 38 ހެކްޓަރުގެ ބިން ހުޅުދު އާއި މީދޫން ހިއްކާނެ ކަމަށް ވެސް ކައުންސިލުން ބުންޏެވެ. އަދި 4 ތަރީގެ ރިސޯޓްތަކުގެ ގޮތުގައި ތަރައްގީކުރަން 25 ހެކްޓަރުގެ ބިން ހިއްކާނެ އެވެ. އައްޑޫ ޑިވެލޮޕްމަންޓް ޕްރޮޖެކްޓްގެ ދަށުން ސަރުކާރުން ވަރަށް ހާއްސަ އިސްކަމެއް ދިގެން އައްޑޫގެ ތަރައްގީ އަށް ހިންގާ މަޝްރޫއުތަކުގެ ކޮންސަލްޓޭޝަން މަސައްކަތް ނިމުމުން ކޮންޓްރެކްޓަރާ ހަވާލުކޮށް މަސައްކަތް ފެށޭނެ ކަމަށް ވެސް ކައުންސިލުން ބުންޏެވެ.

އައްޑޫގައި ޓޫރިޒަމް އިންޑަސްޓްރީ ފުޅާކުރަން 4،000 އެނދު ތަރައްގީކުރަން ބޭނުންވާ ބިން ދޫކުރަން މި މަހުގެ ތެރޭގައި އިއުލާނު ކުރާނެ ކަމަށް ޓޫރިޒަމް މިނިސްޓްރީން އާދީއްތަ ދުވަހު ވަނީ ބުނެފަ އެވެ.

ކައުންސިލުން ބުނެފައިވާ ގޮތުގައި ގެސްޓްހައުސްތަކަށް އައްޑޫން ދޫކުރާނީ 5،000 އަކަފޫގެ ބިމެވެ. އަދި ހޮޓާ ތަރައްގީކުރަން ދޫކުރާނީ 10،000 އަކަފޫޓްގެ ބިމެވެ.

އައްޑޫގައި މި ވަގުތު ދެ ރިސޯޓް ހިންގަމުން އަންނަ އިރު ތިން ވަނަ ރިސޯޓް ހުޅުވަން އަންނަނީ ތައްޔާރުވަމުންނެވެ. އަދި އައްޑުއަކީ ސިޓީ ހޮޓަލަކާއި ގެސްޓްހައުސް ވިޔަފާރި ވެސް ފުޅާވަމުން އަންނަ ތަނެކެވެ.